އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ''ކެފޭ ތާސީރު'' ބަންދުކުރަން އަންގައިފި

ކެފޭ ތާސީރު / ސަން ފޮޓޯ: ނާއިލް ހުސައިން

ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން، ބޮޑުތަކުރުފާނު މަގުގައި ވިލާ ގޭސް ބިލްޑިން އާ ޖެހިގެން ހިންގާ "ކެފޭ ތާސީރު" އެތަނުން ނަގަން އަންގާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކެފޭ ތާސީރު މިހާރު ހިންގަމުން އަންނަ ބިމަކީ ޕޭ ޓޮއިލެޓެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިމެކެވެ. މީގެ ކުރިން ވެސް އެތަން ހުސްކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރިއެވެ.

"ސަން" އާ ވާހަކަދައްކަވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ ތާސީރު ކެފޭ އެތަނުން ނަގަން އަންގާފައިވަނީ، ފަހަކަށް އައިސް މާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެގޮތުން، ކެފޭ އާ ޖެހިގެން ހުންނަނީ ވިލާގޭސް ބިލްޑިންގެ ގޭސް ގުދަން ކަމަށާއި، ހަމަ އެއާ ވިދިގެން ހިންގަމުން އަންނަނީ މޯލްޑިވް ގޭސް ބިލްޑިން ކަމަށް ވުމާއެކު، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތް ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މި ކެފޭ އާއި ޖެހިގެން ހުރީ ވިލާ ގޭސް އަދި މޯލްޑިވްގޭސް ގެ ގޭސްފުޅިތައް، އަދި މާ ދުރުނޫން ހިސާބުގަ ޕެޓްރޯލް ޝެޑްވެސް އެބަހުރި. ކަމެއް ދިމާވާނީ ބުނެފައެއް ނޫން. މިތަނުގަ އަލިފާނުގެ ހާދިސާއެއް ހިނގައިފި ޙާލަތެއްގަ އިމޭޖްވެސް ނުކުރެވޭ ވަރުގެ ސްކޭލަކަށް ވެދާނެ. މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ދާދިފަހުން އޯކިޑް މަގުގައި ހުންނަ އިވްނިން ކެފޭގެ ބަދިގޭގައި ރޯވެގެންވެސް ވަނީ ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި ނީލަން ފިހާރަ ހުރި ސަރަހައްދުގައި ރޯވެ، ކައުންސިލްގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކް ވެސް ވަނީ އަނދައިގެން ގޮސްފައެވެ.

މުއިއްޒު ވިދާޅުވީ ނީލަން ފިހާރަ ސަރަހައްދުގައި ހިނގި ހާދިސާގައިވެސް ގޭސްފުޅި ފަދަ ތަކެތި ގޮވި މަންޒަރު ފެނިގެންގޮސްފައިވާ ކަމަށާއި، ތާސީރު ކެފޭ އާމެދު މަޝްވަރާކޮށް ގޮތެއް ނިންމަން ބޭނުންވީ އެ ސަބަބަށްޓަކައި ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އެތަނުގެ ވިޔަފާރި ހުއްޓުވާ އެތަނުން ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ކެފޭ ތާސީރު ހިންގަމުން އަންނަ ބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދެވިފައިވާތަނެކެވެ. އެމައްސަލައިގައި ސިޓީ ކައުންސިލުން މައްސަލަ ކޯޓަށް ހުށަހެޅުމުން އެފަރާތުން ވަނީ ކައުންސިލާއި ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދަށު ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ.

ތާސީރު ކެފޭ ހިންގާ ފަރާތުން އެމައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާއިރު، އެމައްސަލަ މިހާރުވެސް ހައި ކޯޓުގައި ކުރިއަށް އެބަގެންދެއެވެ.

މާލޭގެ ހަތަރު ސަރަހައްދަކުން ޕޭ ޓޮއިލެޓް ހިންގުމަށް ޖާގަ ދޫކޮށްފައިވާއިރު އެތަންތަން އެކަށީގެންވާ ގޮތަށް ނުބެލެހެއްޓޭ މައްސަލަ ބޮޑުވެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސިޓީ ކައުންސިލުން ވަނީ ތާސީރު ކެފޭގެ ފާޚާނާ ބަރިތައް ބަންދުކޮށްފައެވެ.

comment ކޮމެންޓް