ރިސޯޓު ހަދަން 14 ރަށެއް ބިޑަށް، އެންމެ ބޮޑު އަގު ނިލަންދޫއާއި ކާށިދޫ ފަޅަށް

ހުވަދޫގެ ރަށްތަކެއް --- ފޮޓޯ/ ޑިސްކަވާ ހުވަދޫ

ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީ އިން 14 ރަށެއް އިއުލާންކޮށްފިއެވެ. މީގެ ތެރޭގައި އެންމެ ގިނައީ ހުވަދޫގެ ރަށްތަކެވެ. އެގޮތުން ގއ އަދި ގދގެ ޖުމްލަ އަށް ރަށެއް ރިސޯޓު ތަރައްގީ ކުރަން ޓޫރިޒަމް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ހުވަދޫގެ އަށް ރަށެއް، ރިސޯޓް ތަރައްގީ ކުރަން އިއުލާނު ކުރި ނަމަވެސް، ލޭންޑް އިކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ކ. ކާށިދޫ ފަޅާއި އަދި ނިލަންދޫ ފަޅަށެވެ.

އެގޮތުން ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަށާއި ފ. ނިލަންދޫ ފަޅުން ދެ ޕްލޮޓަކުން ޖުމްލަ 20 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްގީ ކުރެވޭ ބިމަށް، ކޮންމެ ބިމަކަށް އެންމެ ދަށް ވެގެން 2.25 މިލިއަން ޑޮލަރު ހުށަހަޅަން ޖެހެއެވެ. ނަމަވެސް، މިއީ އޯޕަން ޓެންޑާއެއް ކަމުން، އެ ދެ ބިމުގެ އަގު މިއަށް ވުރެ ބޮޑަށް އުފުލިދާނެ ކަމަށް ބެލެވެއެވެ.

މި ދެ ބިމުގެ އިތުރުން އެންމެ ބޮޑު ލޭންޑް އިކުއިޒިޝަން ކޯސްޓެއް ކަނޑައަޅާފައިވަނީ ހއ. މެދުފުށްޓަށެވެ. އެގޮތުން 10.9 ހެކްޓަރުގެ އެ ރަށަށް 875،000 ޑޮލަރުގެ އިކުއިޒިޝަން ކޯސްޓެއް ވަނީ ކަނޑައަޅާފައެވެ.

ރިސޯޓު ތަރައްގީ ކުރުމަށް ބިޑް ކުރެވުނު ރަށްތަކުގެ ތަފްސީލާއި ލޭންޑް އިކުއިޒިޝަން ކޯސްޓުގެ ތަފްސީލު:

  1. ހއ. އަލިދުއްފަރުފިނޮޅަށް 350،000 ޑޮލަރު (3 ހެކްޓަރު)
  2. ހއ. މެދަފުށްޓަށް 875،000 ޑޮލަރު (10.90 ހެކްޓަރު)
  3. ހދ. ކުޑަފަރުފަސްގަނޑަށް 200،000 ޑޮލަރު (1.20 ހެކްޓަރު)
  4. ރ. އެއްތިގިއްޔަށް 250،000 ޑޮލަރު (ރ އަލިފުށި ފަޅުން 10 ހެކްޓަރާ އެކު، 10.90 ހެކްޓަރު)
  5. ކ. ކާށިދޫ ފަޅަށް 2،250،000 ޑޮލަރު (10 ހެކްޓަރު)
  6. މ. ބޯހުރާއަށް 288،500 ޑޮލަރު (2 ހެކްޓަރު)
  7. ފ. ނިލަންދޫ ފަޅުގެ ޕްލޮޓް އެކަކަށް 2،250،000 ޑޮލަރު (10 ހެކްޓަރު)
  8. ފ. ނިލަންދޫ ފަޅުގެ ޕްލޮޓް ދޭކަށް 2،250،000 ޑޮލަރު (10 ހެކްޓަރު)
  9. ތ. އޮޅުފުށި އަދި އޮޅުފުށި ފިނޮޅަށް 700،000 ޑޮލަރު (ތ. އޮޅުފުށިން ތިން ހެކްޓަރު އަދި އޮޅުފުށި ފިނޮޅުން 0.54 ހެކްޓަރު)
  10. ގއ. ބޭރަމައްޑޫއަށް 431،200 ޑޮލަރު (3.08 ހެކްޓަރު)
  11. ގއ. ފުނަދޫވިލިގިއްލާއަށް 700،000 ޑޮލަރު (ފަސް ހެކްޓަރު)
  12. ގދ. ކަޅެހުއްޓާއަށް 573،300 ޑޮލަރު (7.61 ހެކްޓަރު)
  13. ގދ. ހާދުވާއަށް 560،900 ޑޮލަރު (7.42 ހެކްޓަރު)
  14. ގދ. ފެރޭތަ ވިލިގިއްލާއަށް 700،000 ޑޮލަރު (ދެކާންބާއިން 2.39 ހެކްޓަރު، ކޮޑެރަޓާ 2.5 ހެކްޓަރު އަދި އެހެން ރަށަކުން 2.97 ހެކްޓަރު)

މި ރަށްތަކުގެ ތެރެއިން ގިނަ ރަށްތަކަކީ ނިމިދިޔަ އަހަރުގައި ވެސް ރިސޯޓް ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ރަށްތަކެވެ. ނަމަވެސް އެރަށްތަކަށް ބީލަންތައް ހުށަހެޅި ފަރާތްތަކުގެ ޝަރުތުތައް ހަމަ ނުވުމާއި އަދި ފުރިހަމަ ތަރުޙީބެއް ނުލިބުމުގެ ސަބަބުން އެ ރަށްތައް ތަރައްގީ ކުރުމަށް އަލުން ހުޅުވާލީއެވެ.

މިކަމާ މެދު ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ކުރީގެ ބިޑަށް މާ އެދެވޭ ތަރުޙީބެއް ނުލިބުނު ނަމަވެސް، މި ފަހަރު އެ ރަށްތަކަށް ރަނގަޅު އިންވެސްޓްމެންޓެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި މި ރަށްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި އަންނަ މާޗު މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް