ހަރުކަށި ފިކުރުގެ ލިޔުންތަކެއް ފެނުނީ ނާޒިމްގެ ޕެންޑްރައިވުން: ހެކި

އއ މާޅޮސް، އަސަރީގެ މުޙައްމަދު ނާޒިމް: އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާ ----

ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި އއ މާޅޮސް، އަސަރީގެ މުޙައްމަދު ނާޒިމް ދިރިއުޅުނު ގެއިން ފެނުނު ޕެންޑްރައިވްއަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ ދެ ފުލުހަކު ހެކިބަސް ދީފިއެވެ.

އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ނާޒިމް ހައްޔަރު ކުރުމަށް ފަހު އޭނާ ދިރިއުޅުނު ގެ ބަލާ ފާސްކުރިއިރު އެ ގެއިން ފެނުނު ދަބަހެއްގެ ތެރޭގައި އޮތް ޕެންޑްރައިވެއްގައި އައިސް ޖަމާއަތަށް ތާއީދު ކުރާ ކަމަށް ބެލެވޭފަދަ ލިޔުންތަކެއް ފެނިފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެ ލިޔުންތަކަކީ ނާޒިމްއާ ގުޅުންހުރި އަދި އޭނާގެ އެއްޗެއް ނޫން ކަމަށް ދިފާއީ ވަކީލް ވަނީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ދެ ހެކިވެރިން ވެސް ބުނެފައިވަނީ, ނާޒިމްގެ ހާޒިރުގައި އޭނާ ދިރިއުޅުނު ކޮޓަރި ބަލާ ފާސްކުރިއިރު އެތަނުން ފެނުނު ޕެންޑްރައިވްއާ ގުޅޭ ގޮތުން ސުވާލުކުރުމުން އެއީ އޭނާގެ އެއްޗެއް ކަމަށް އޭރު ބުނެފައިވާ ކަމަށެވެ.

މިއަދު ހެކިބަސް ނަގާފައިވަނީ އޭރު ނާޒިމް ހައްޔަރު ކުރުމަށް އެ ގެއަށް ދިޔަ ދެ ފުލުހެއްގެއެވެ. އެ ދެ ފުލުހުން ވެސް އޭރު މަސައްކަތް ކޮށްފައިވަނީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގައެވެ.

ނާޒިމް އުޅުނު ކޮޓެރި ބަލާ ފާސްކުރިއިރު އެތަނުން ޕެންޑްރައިވެއްގެ އިތުރުން ފޯނެއް ވެސް ފެނިފައިވާކަމަށް ދެ އޮފިސަރުން ވަނީ ބުނެފައެވެ. އަދި އެއީ ނާޒިމްގެ އެއްޗެހި ކަމަށް އޭރު އޭނާ ބުނި ކަމަށް ދެ އޮފިސަރުން ހެކިބަސް ދިނެވެ.

ނާޒިމް ހައްޔަރުކޮށް ބަލާ ފާސްކުރުމަށް ނެރުނު އަމުރުގައި އޭނާ ދިރިއުޅުނު އެޕާޓްމެންޓް އެއްކޮށް ބަލާފާސް ކުރުމަށް އޮތް ނަމަވެސް ފުލުހުން ފާސްކޮށްފައި ވަނީ އެންމެ ކޮޓެރިއެއް ކަމަށް ދިފާއީ ވަކީލް ވިދާޅުވިއެވެ. އެކަމާ ދިފާއުން ސުވާލު އުފެއްދުމުން ހެކިވެރިން ބުނެފައިވަނީ, ނާޒިމް އަކީ ދަތުރުވަރެއްގައި އެ ގެއަށް އައިސް ހުރި މީހެއް ކަމަށާއި އެހެން ކަމުން އޭނާ ދިރިއުޅުނު ކޮޓަރި ނޫން ތަނެއްގައި އޭނާއާ ގުޅުންހުރި އެއްޗެއް ހުރިކަމުގެ މައުލޫމާތު ލިބިފަ ނެތް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެއީ ދަފްތަރު ނަންބަރު 1326 ޙަސަން ޔާސީން އާއި ހުޅުމާލެ ފްލެޓް 07-3-56 މުޙައްމަދު ޒޫމާލް ޒަރީރުއެވެ.

comment ކޮމެންޓް