ތުޅާދުއަށް ވަޑައިގަތުމުން ހިސާންއާ ދެކޮޅަށް އިހްތިޖާޖު ކުރަނީ

މެމްބަރު ހިސާންއާ ދެކޮޅަށް ތުޅާދޫގައި އިހުތިޖާޖު ކުރަނީ--- ފޮޓޯ/ ޕީޕީއެމްގެ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުޙައްމަދު އަތީފް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، ހިސާން ހުސަައިން ތުޅާދުއަށް ވަޑައިގަތުމުން އޭނާޔާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެ ރަށު ރައްޔިތުން މަގުތަކަށް ނުކުމެއްޖެއެވެ.

މެމްބަރު ހިސާން ތުޅާދުއަށް ވަޑައިގަތުމުން އެކަމާ ދެކޮޅަށް ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ޕީޕީއެމްގެ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުޙައްމަދު އަތީފް ވިދާޅުވީ ހިސާން އެ ރަށަށް ވަޑައިގަތީ މިއަދު ހެނދުނު 08:30 ހާއިރު ކަމަށެވެ.

މެމްބަރު ހިސާން އެރަށަށް ވަޑައިގަތުމުގެ ކުރިން 20 ފުލުހުންގެ ޓީމެއް އެރަށަށް ދިޔަ ކަމަށް ވެސް އަތީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހިސާންއާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދަނީ އެރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވި އެއްވެސް ކަމެއް ކޮށްދީފައި ނުވާތީ ކަމަށެވެ.

އަތީފް ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުން އެ އިހުތިޖާޖުގައި ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުންނާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ ރައްޔިތުން ވެސް އެ އިހުތިޖާޖުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން މިހާރު ވެސް ދަނީ އަޑުއުފުލަމުން. މި އިހުތިޖާޖުގައި ރައީސް ނަޝީދަށް ތާއީދުކުރާ ރައްޔިތުން ވެސް ބައިވެރިވޭ. އަޅުގަނޑުމެން އިހުތިޖާޖު ކުރަމުން މިދަނީ ރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގާތީ،" އަތީފް ވިދާޅުވިއެވެ.

މެމްބަރު ހިސާންއާ ދެކޮޅަށް ތުޅާދޫގައި އިހުތިޖާޖު ކުރަނީ--- ފޮޓޯ/ މުހައްމަދު އަތީފް

އެނާ ވިދާޅުވީ އެކަމާ ގުޅިގެން މެމްބަރު ހިސާން، އެ އިހުތިޖާޖުގެ އިސްވެރިންނާ ބައްދަލު ކުރަން އެދިލެއްވި ކަމަށެވެ.

ނަމަވެސް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީން އަބްދުގައްޔޫމް ނުހައްގުން ޖަލުގައި އޮންނެވިހާ ދުވަހަކު މެމްބަރުގެ އެ އެދިލެއްވުމަށް އިޖާބަދީ އެ ބޭފުޅުންނާ ބައްދަލު ނުކުރާނެ ކަމަށް ވެސް އަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެމްބަރު ހިސާން ރަށުން އެނބުރި ވަޑައިގަންނަވަންދެން އެ އިހުތިޖާޖު ކުރިއަށް ދާނެ ކަމަށެވެ.

"މެމްބަރު ހިސާން ހިންގަވާ މަގުތަކުން އިހުތިޖާޖުގެ ބައިވެރިން ވެސް ދާނެ އަޑު އުފުލަމުން. މެމްބަރު ރަށުން ފައިބައިގެން ދަންދެން އަޅުގަނޑުމެން އިހުތިޖާޖު ކުރާނަން،" އަތީފް ވިދާޅުވިއެވެ.

އަތީފް ވިދާޅުވީ ދާދިފަހުން ތުޅާދޫ އެއާޕޯޓްގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެއްކެވި ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ. އަދި އެރަށުގައި އަޅަން ވައުދުވި ހޮސްޕިޓަލްގެ މަސައްކަތް އަދިވެސް ނުފެށޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ހިސާންއާ ދެކޮޅަށް ތުޅާދޫގައި އިހުތިޖާޖު ކުރަނީ--- ފޮޓޯ/ މުޙައްމަދު އަތީފް

މީގެއިތުރުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލާފައިވާތީ އެމަނިކުފާނު މިނިވަންކުރުމަށް ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބ. އޭދަފުށީގައި ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ތުޅާދޫގައި އެޅުމަށް ވަޢުދުވި އެއާޕޯޓުގެ މަސައްކަތްކުރުމަށް ކުރިއަށްއޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނޭކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ މެދުތެރެއަށް އަރާއިރު، ބިން ހިއްކައި އެތަނުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށުން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެތަން ބޭނުން ކުރެވޭވަރު ކުރާނަން" ތުޅާދޫގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓަށް އިޝާރާތް ކުރައްވައި ރައީސް ޞާލިހް ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހް ވަނީ ތުޅާދޫގައި އެޅުމަށް ސަރުކާރުން ވައުދުވި ހޮސްޕިޓަލުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް