ޗައިނާގެ ޓްރެވެލް އެޖެންސީތަކުން އަންނަ މަހު ރާއްޖެއަށް ދަތުރުތައް އިންތިޒާމުކުރަނީ

ޗައިނާ މާކެޓްގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ރާއްޖެއައި ބެއިޖިން ކެޕިޓަލް އެއާލައިންސް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އަންނަ މަހުން ފެށިގެން ޗައިނާގެ ޓްރެވަލް އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް ކުންފުނިތަކުން ރާއްޖެއަށް ގްރޫޕް ޓުއާ ދަތުރުތައް އިންތިޒާމް ކުރަން ނިންމައިފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ގްރޫޕް ޓުއާތައް ފަށާނީ އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެންކަމަށެވެ.

ޗައިނާއިން ގްރޫޕް ޓުއާތައް ފަށާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރަށް އެހެން ގިނަ ގައުމުތައް ވެސް ހިމެނެއެވެ.

ރާއްޖެ ހިމެނޭހެން ޖުމްލަ 20 ގައުމަކަށް ޓުއާތައް ފަށަންވަނީ ހަމަޖެހިފައެވެ. އެ ގައުމުތަކަކީ:

  1. އާޖެންޓީނާ
  2. މިސްރު
  3. ކިއުބާ
  4. އިންޑޮނޭޝިއާ
  5. ތައިލެންޑް
  6. ދެކުނު އެފްރިކާ
  7. ފިޖީ
  8. ސްރީ ލަންކާ
  9. ނިއު ޒިލޭންޑް
  10. ސްވިޒަލޭންޑް
  11. ސިންގަޕޫރު
  12. ޔޫއޭއީ
  13. ފިލިޕީންސް
  14. ލާއޯސް
  15. މެލޭޝިއާ
  16. ކެމްބޯޑިއާ
  17. ރަޝިއާ
  18. ކެންޔާ
  19. ހަންގޭރީ
  20. ރާއްޖެ

ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އަންނަން ފެށީ މި މަހުގެ 18ވަނަ ދުވަހެވެ.

https://sun.mv/173020

އަލުުން ދަތުރުތައް ފެށިއިރު ފުރަތަމައަށް ޗައިނާ އިން ރާއްޖެއަށް އައީ ބެއިޖިން ކެޕިޓަލް އެއާލައިންސްއެވެ. މި އެއާލައިނުގެ ދަތުރުތައް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ބެއްވުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. އެ އެއާލައިނުން ހަފުތާއަކު ހަތަރު ފްލައިޓު ރާއްޖެ އަންނާނެއެވެ.

މި ފްލައިޓާ އެކު ޗައިނާ މާކެޓުން ރާއްޖެއަށް އިތުރު ދަތުރުތައް އަންނާނެއެވެ. މީގެ ތެރޭގައި ޗައިނާ އީސްޓަން އެއާލައިނުގެ ދަތުރުތަކާއި ހޮންކޮން އެއާލައިނުންވެސް މިމަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ.

އަދި މީގެ އިތުރުން މި ފްލައިޓްތަކާ އެކު، މި އަހަރު ރާއްޖެއަށް ޗައިނާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަށް ވުރެ އިތުރުވާނެ ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވިއެވެ.

ނިމިދިޔަ އަހަރު ވެސް ރާއްޖެއަށް 12،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް