ސްޕެއިން އަދި ފިންލޭންޑުގައި ކުރިއަށްދާ ފެއާތަކުގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ

މެޑްރިޑުގައި ކުރިއަށްދާ ފިތޫރް ފެއާގެ ތެރެއިން-- ފޮޓޯ/އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޔޫރަޕްގައި މިހާރު ކުރިއަށްދާ ޓޫރިޒަމްގެ ދެ ފެއާއެއްގައި ބައިވެރިވެއްޖެއެވެ.

މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އެމްއެމްޕީއާރުސީން މިފަހަރު ބައިވެރިވެފައިވަނީ، ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ ފިތޫރް ފެއާގެ އިތުރުން ފިންލެންޑުގައި ކުރިއަށްދާ މަޓްކާ ފެއާގައެވެ.

ފިތޫރް ފެއާ/ސްޕެއިން

ފިތޫރް ފެއާއަކީ މެޑްރިޑްގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާތަކުގެ ތެރެއިން ބާއްވާ އެންމެ ބޮޑު އެއް ފެއާއެވެ. މިމަހުގެ 18 އިން 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާއަކީ ރާއްޖެ ބައިވެރިވާ ފަތުރުވެރިކަމުގެ ފެއާގެ ތެރެއިން އެންމެ މުހިއްމު އެއް ފެއާއެވެ. ސްޕެއިން އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ޒަމާންވީ މާކެޓްތަކުގެ ތެރެއިން އެއް މާކެޓެވެ. މިގޮތުން ފިތޫރު ފެއާއަކީވެސް ރާއްޖެއިން ވަރަށް ކުރިންސުރެވެސް ބައިވެރިވަމުން އަންނަ ފެއާއެކެވެ.

އެމްއެމްޕީއާރުސީން ބުނީ މިފަހަރުގެ ފިތޫރް ފެއާގައި އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 23 ކުންފުންޏަކުން 40 ހަށް ވުރެ ގިނަ މީހުން ބައިވެރިވާކަމަށެވެ. ފިތޫރް ފެއާގެ ތެރޭގައި އެމްއެމްޕީއާރުސީން ގެންދަނީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ޕްރޮމޯޝަނަލް އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ.

މެޑްރިޑުގައި ކުރިއަށްދާ ފިތޫރް ފެއާގެ ތެރެއިން-- ފޮޓޯ/އެމްއެމްޕީއާރުސީ

ސްޕެއިން އަކީ ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޔޫރަޕަށް ނިސްބަތްވާ މާކެޓްތަކުގެ ތެރެއިން ވަރަށް މުހިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްޕެއިނުން މިދިޔަ އަހަރު އެކަނިވެސް 38،138 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މަޓްކާ ފެއާ/ފިންލޭންޑް

ފިންލެންޑްގެ ވެރިރަށް ހެލްސިންކީގައި އިއްޔެ ފެށި މަޓްކާ ފެއާއަކީ ނޮދަން ޔޫރަޕްގެ އިތުރުން ފިންލެންޑްގައި ކުރިއަށްދާ ފަތުރުވެރިކަމުގެ އެންމެބޮޑު ފެއާއެވެ. މި ފެއާގައި 80 އަށްވުރެ ގިނަ ޤައުމުން ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ 1000 ހަށްވުރެ ގިނަ ކުންފުނިތަކުން ބައިވެރިވާކަމަށް ފެއާ އިންތުޒާމްކުރާ އެކްސްޕޯ ރޯޑުން ބުނެއެވެ.

އެމްއެމްޕީއާރުސީން ބުނާގޮތުގައި މިފަހަރުގެ މަޓްކާ ފެއާގައި އެ ކޯޕަރޭޝަނުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 13 ކުންފުންޏަކުން ބައިވެރިވެއެވެ. މި ފެއާގައިވެސް، އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ކުންފުނިތަކުން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމުގެ މަސައްކަތާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި އުފެއްދުންތަކާއި ގުޅޭ މައުލޫމާތުތައް ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފިންލޭންޑްގައި ކުރިއަށްދާ މަޓްކާ ފެއާގެ ތެރެއިން--- ފޮޓޯ/އެމްއެމްޕީއާރުސީ

ފިތޫރް ފެއާގައި ރާއްޖެއިން ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި، ސަން ސިޔާމް ރިސޯޓްސް، ތްރީއޭ ހޮޓެލްސް، ކާނި ހޮޓެލްސް، ވިލާ ރިސޯޓް ފަދަ ކުންފުނިތަކުން ބައިވެރިވެއެވެ.

ފިންލެންޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ.

ފިންލޭންޑްގައި ކުރިއަށްދާ މަޓްކާ ފެއާގެ ތެރެއިން---

މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ޤައުމުތަކަށް އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ގެންދަނީ ބޭރުގެ އެކި ފެއާތަކުގައި ބައިވެރިވަމުންނެވެ. މިއަހަރުގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ފެއާތަކުގައި އެމްއެމްޕީއާރުސީން ބައިވެރިވާނޭކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

comment ކޮމެންޓް