ތިލަދުންމައްޗަށް ޚާއްސަ އިސްކަމެއް ދީގެން ރިސޯޓް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލަނީ

ރާއްޖޭގެ ރިސޯޓެއް: ތިލަދުއްމަތީގެ އަތޮޅުތަކަށް ހާއްސަ އިސްކަމެއް ދީގެން ރިސޯޓު ތަރައްގީ ކުރުމަށް އަންނަ ހަފުތާގައި ބީލަމަށް ހުޅުވާލަނީ --- ފޮޓޯ/ ޓްރިޕް އެޑްވައިޒާ

ތިލަދުންމަތީގެ އަތޮޅުތަކަށް ޚާއްސަ އިސްކަމެއް ދީގެން ރިސޯޓު ތަރައްގީ ކުރުމަށް ބީލަމަށް އަންނަ ހަފުތާގައި ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

މިއީ ޓޫރިސްޓް ރިސޯޓުތައް ތަރައްގީ ކުރުމަށް ބީލަމަށް މި ސަރުކާރުން ހުޅުވާލާ ހަތަރު ވަނަ ފަހަރެވެ.

މި ފަހަރު ޖުމުލަ 15 ރަށެއްގައި ރިސޯޓު ތަރައްގީކޮށް، ހަތަރު ފަޅެއް ހިއްކައިގެން ރިސޯޓު ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލަން އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ހއ. އަދި ހދ. އަތޮޅުގެ ތިން ރަށް
  • މ. އަތޮޅުގެ އެއް ރަށް
  • ތ. އަތޮޅުގެ ދެ ރަަށް
  • ގއ. އަތޮޅުގެ ދެ ރަށް
  • ގދ. އަތޮޅުގެ ހަ ރަށް
  • ކ. އަތޮޅުގެ އެއް ފަޅު
  • ފ. އަތޮޅުގެ ދެ ފަޅު
  • ރ. އަތޮޅުގެ އެއް ރަށާއި ފަޅެކެވެ.

އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝިނާން މިއަދު "ސަން"އަށް ވިދާޅުވީ އަންނަ ހަފުތާގައި ބީލަމަށް ހުޅުވާލާއިރު ދެ މަސް ދުވަސް ވަންދެން ބީލަމަށް ހުށަހެޅޭނެ ކަމަށެވެ.

އެ ހިސާބުތަކުން ރިސޯޓު ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލުމަށް ނިންމީ ކުރިއަށް އޮތް ތަނުގައި އެއާޕޯޓު ފަދަ ތަންތަން ގާއިމުކޮށް ޕްރޮމޯޓް ކުރެވޭނެ ހިސާބުތަކަށް އެ ހިސާބުތައް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ސަރުކާރުން މިކަން ކުރާ ހަތަރުވަނަ ފަހަރު. އުތުރަށް ބޮޑަށް ފޯކަސް ކުރިއަސް އަސްލު މުޅި ރާއްޖެ ޕްރޮމޯޓު ވާނެ ގޮތަކަށް މިކަން ކުރުން ބޭނުމަކީ. އުތުރަށް ބޮޑަށް ފޯކަސް ކުރަނީ ވެސް އެ ބޭނުމަށް. އެ ހިސާބުތައްވެސް ޕްރޮމޯޓު ކުރުމަށް،" އޭނާ ވިދާޅުވިއެވެ.

ޝިނާން ވިދާޅުވި ގޮތުގައި ރާއްޖޭގައި ޓޫރިސްޓް ރިސޯޓުތައް ގިނަކޮށް ފަތުރުވެރިކަމުގައި ދުވަހަކަށްވުރެ ދުވަހެއް ކުރިއަރައިގެން ދިއުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމެކެވެ.

comment ކޮމެންޓް