ޗައިނާ މާކެޓުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ގާތްގަޑަކަށް ތިން އަހަރުގެ ހުއްޓުމަކަށް ފަހު، ޗައިނާ މާކެޓުން ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ޗައިނާ އިން ރާއްޖެއަށް އައީ ބެއިޖިން ކެޕިޓަލް އެއާލައިންސްއެވެ. މި އެއާލައިނުގެ ދަތުރުތައް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ބެއްވުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. އެ އެއާލައިނުން ހަފުތާއަކު ހަތަރު ފްލައިޓު ރާއްޖެ އަންނާނެއެވެ.

މި ފްލައިޓާ އެކު ޗައިނާ މާކެޓުން ރާއްޖެއަށް އިތުރު ދަތުރުތައް އަންނާނެއެވެ. މީގެ ތެރޭގައި ޗައިނާ އީސްޓަން އެއާލައިނުގެ ދަތުރުތަކާއި ހޮންކޮން އެއާލައިނުންވެސް މިމަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ.

އަދި މީގެ އިތުރުން މި ފްލައިޓްތަކާ އެކު، މި އަހަރު ރާއްޖެއަށް ޗައިނާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އެއް ލައްކަ އަށް ވުރެ އިތުރު ވާނެ ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެ ކުރިން ވިދާޅުވިއެވެ. ނިމިދިޔަ އަހަރު ވެސް ރާއްޖެއަށް 12،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

"އަދި މަންޒަރު އެހާ ސާފެއް ނޫން. އެހެން ނަމަވެސް އެމީހުންނަކީ ވަރަށް ބައި ބޯ ބަޔަކަށް ވެފައި އަޅުގަނޑުމެންނަށް ރީޒަނަބަލް ނަންބަރެއްގައި، ޗައިނާ މާކެޓު ރަނގަޅު ގޮތެއްގައި އައިސްފިނަމަ އެއްލައްކައާ ގާތްކުރާނެ ވަރުގެ އަދަދަކަށް ފަތުރުވެރިން އަންނާނެކަމަށް މި ބަލަނީ،" މައުސޫމް ވިދާޅުވިއެވެ.

ޗައިނާ މާކެޓްގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ރާއްޖެއައި ބެއިޖިން ކެޕިޓަލް އެއާލައިންސް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުމާއެކު ޗައިނާގެ ފަތުރުވެރިންގެ އަދަދު އެއަށްވުރެ ވެސް އިތުރުކުރެވޭނެ ކަމުގައި ދެކޭ ކަމަށެވެ. އަދި އެ ކަމަކީ ރާއްޖޭގެ އިގްތިސާދަށް އެކަމުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަމުގައި ދެކޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާ އަކީ ފާއިތުވެދިޔަ ހައެއްކަ އަހަރު ރާއްޖޭގެ މާކެޓު ލީޑަރޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މާކެޓު ލީޑަރުގެ ގޮތުގައި އޮތީ ޗައިނާއެވެ. އެގޮތުން 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކޮވިޑްގެ އާލަމި ވަބާ އައުމާ ހަމައަށް އެމީހުންނަކީ ރާއްޖޭގެ މާކެޓު ލީޑަރެވެ.

ޗައިނާގެ ފަތުރުވެރިންގެ އަދަދުތައް 2020 ގެ ފަހުން ދަށްވިއިރު، އެކަން އެހެން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮވިޑާއެކު ޗައިނާ ފުރަބަންދު ވުމެވެ. ދެ ގައުމުގެ ދެމެދުގައި ސީދާ ފްލައިޓްތައް ނޭޅުމަކީ އޭގެ އެންމެ ބޮޑު ސަބަބެވެ. ނަމަވެސް މި އަހަރު އެ އަދަދު މަތިވާނެ ކަމަށް ސަރުކާރުން ދެކެއެވެ.

މި އަހަރު ރާއްޖެއަށް އަންނާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދެއް ކަމުގައި ބެޖެޓު ފޮތުގައި އޮތީ 1.8 މިލިއަން ފަތުރުވެރިންނެވެ. އެކަން ހާސިލް ކުރުމަކީ ސަރުކާރުގެ އަމާޒެވެ.

comment ކޮމެންޓް