ޔާމީންގެ ޝަރީއަތާ ގުޅޭ ކަންބޮޑުވުންތައް އިދިކޮޅުން އޮސްޓްރޭލިއާގެ ހައިކޮމިޝަނަރާ ހިއްސާކޮށްފި

އިދިކޮޅު ކޯލިޝަނުން މިއަދު ރާއްޖެ އާއި ސްރީލަންކާ ގައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު ޕައުލް ސްޓެފެންސްއާ ބައްދަލު ކުރައްވައިފި -- ފޮޓޯ/ ޕީޕީއެމް

ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރު ޕައުލް ސްޓެފެންސްއާ, ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަފުދަކުން މިއަދު ބައްދަލުކޮށްފިއެވެ.

ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވި އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުއާއި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން މި ވަފުދުގައި ރައީސް ޔާމީންގެ މަންދޫބެއްގެ ގޮތުގައި އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ބައްދަލުވުމުގެ ބައިވެރިން ވަނީ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލާފައިވާތީ އާއި އެމަނިކުފާނުގެ ޝަރީއަތް ކުރިއަށްގެންދިޔަ ގޮތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވާ މައްސަލަތައް ހައިކޮމިޝަނަރާ ހިއްސާކުރި ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

މީގެ އިތުރުން، ރައީސް ޔާމީނާ މެދު ސަރުކާރުން އަމަލުކުރަމުން ދަނީ ހުދުމުހުތާރު ގޮތަކަށް ކަމަަށާއި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ދެމިހުންނަވާނީ އެމަނިކުފާނު ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ރައީސް ޔާމީނަށް "އިންސާފު ނުލިބި އޮއްވާ އޮޅުވާލައިގެން އިންތިޚާބު ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން" އެ ވަފުދުން އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރަށް ދިން ކަމަށް ބަޔާނުގައިވެއެވެ.

ކުރީގެ ރައީސް ޔާމީން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާސާބިތުވެ އެމަނިކުފާނު ގެންދަވަނީ 11 އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އިދިކޮޅުން ބުނާ ގޮތުގައި ރިޔާސީ އިންތިޚާބު އިންސާފުވެރި ވާނީ ރައީސް ޔާމީން މިނިވަންކޮށްގެންނެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެވެން އޮތީ އެންމެ ގޮތެކެވެ. އެއީ އިސްތިއުނާފީ މަރުހަލާއިން، ސުޕްރީމް ކޯޓުގެ ތެރެއިންނެވެ.

comment ކޮމެންޓް