ޔާމީންގެ ކެމްޕެއިނަށް ތައްޔާރުވުމަށް ބާއްވާ ބިޔަ ކޮންފަރެންސް އަންނަ މަހު

ރައީސް ޔާމީން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބާއްވާ ބިޔަ ކޮންފަރެންސް އަންނަ މަހު ފަށާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފިއެވެ.

މި ކޮންފަރެސް ބާއްވާނެ ކަމަށް ކުރިން އިއުލާން ކޮށްފައިވަނީ މިމަހުގެ 19 އަދި 20ގައެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ފަށަން ތައްޔާރުވަމުން އަންނައިރު ވ. އާރަށް މައްސަލާގައި މަނީ ލޯންޑާ ކުރުމާއި ރިޝްވަތުގެ ކުށް ސާބިތުވެ، 77 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާތީ އެމަނިކުފާނަށް މިހާރު ވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "ރައީސް ޔާމީން 2023 ކޮންފަރެންސް" ބާއްވާ ތާރީޚަށް ބަދަލު ގެނެސް، އަންނަ ފެބުރުއަރީ މަހުގެ ދެއަކުން ހަތަރަކަށް އެ ކޮންފަރެންސް މާލޭގައި ބާއްވާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮންފަރެސް ބޭއްވުމަށް ދަރުބާރުގެ ލިބޭތޯ ހައުސިން މިނިސްޓްރީގައި ސިޓީއަކުން އެދިފައިވާނެ ކަމަށެވެ.

ހީނާ ވިދާޅުވީ މި ބޮޑު ކޮންފަރެންސުގައި 1500 މެމްބަރުން ބައިވެރިވާނެ ކަމަށެވެ.

"މި ކޮންފަރެންސަކީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެފަދަ އެންމެ ބޮޑު ސިޔާސީ އެއް ހަރަކާތަށް ވާނެ،" ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ފެށުމަށް ބާއްވާ މި ކޮންފަރެންސުގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި އަންހެނުން ގޮފީގެ ރައީސުންނާއި ޒުވާނުން ގޮފީގެ ރައީސުންނާއި ސްޓިއަރިން ކޮމެޓީގެ ރައީސުން ބައިވެރިވާނެއެވެ.

މި ބޭފުޅުންނާއެކު ސްޓިއަރިން ކޮމެޓީގެ އަންހެން މެމްބަރަކާއި ފިރިހެން މެމްބަރަކަށް ކޮންފަރެންސުގައި ބައިވެރިވެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.

"އެބޭފުޅުންގެ އިތުރުން ކައުންސިރުންނާއި ޑަބްލިޔުޑީސީގެ މެމްބަރުން، ޕާޓީގެ ލީޑާޝިޕް، ޕާލިމެންޓަރީ ގްރޫޕް، އަދި މުޅި ސެނެޓް ބައިވެރިވާނެ،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ކޮންފަރެންސަށް އިއުލާން ކުރުމުން ރެޖިސްޓަރީ ވުމުގެ މަރުހަލާ ކުރިއަށްދާ ކަމަށާއި މިހާތަނަށް 500އަށްވުރެ ގިނަ މެމްބަރުން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް