އަމީނީ މަގުގައި ތާރުއަޅާ ސާމާނު މާލެ ގެނެސްފި

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި ވެހިކަލް ތަކެއް ޕާކު ކޮށްފައި --- ސަން ފޮޓޯ

ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ހެދުމުގެ މަސައްކަތަށް ބޭނުންވާ ތާރު މާލެ ގެނެސްފިއެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އެ ކުންފުނީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ސެގްމަންޓް ތިނެއްގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ވެސް މިހާރު 95 ޕަސަންޓު ނިމިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މާޗް މަހު ނުވަތަ ނުވަތަ އެޕްރިލް މަހު ފަށަން މަސައްކަތް ކުރާކަމަށެވެ. ތާރު އަޅަން ރާވާފައި ވަނީ ބިލަބޮންގް ސްކޫލާ ހަމައަށް މަގުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ނިންމާލުމަށް ފަހުއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު މިހާރު އޮތް ގޮތް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފުރަތަމަ ކުރަން އުޅުނީ މާލޭ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ފަހުން އެ މަސައްކަތް ކުރަން ނިންމީ ޕްލޭނިން މިނިސްޓްރީގެ ދަށުންނެވެ. އެ މަސައްކަތް މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަން އުޅުނު އަގަށްވުރެ ދެގުނަ ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

ދިހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލު ކުރީ 1.7 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށެވެ.

comment ކޮމެންޓް