ނޫސްވެރިންނަށް ހުރަސްއަޅާކަމުގެ ޝަކުވާ ލިބޭ، އެއީ ކަންބޮޑުވާ ކަމެއް: އެމްއެމްސީ

ނޫސްވެރިން މަޖިލިސް ސަރަޚައްދުގައި މުޒާހަރާ ކުރަނީ --- ސަން ފޮޓޯ

މުޒާހަރާތަކާއި އެކިއެކި ހަރަކާތްތައް، ރައްޔިތުންނަށް ގެނަސްދިނުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ހުރަސް އަޅަމުންދާ ކަމުގެ ޝަކުވާ ލިބޭކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް، އެ މަސައްކަތަށް ހުރަސް އެޅެމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން ދާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ މުޒާހަރާތަކާ އެހެނިހެން ހަރަކާތްތައް ރައްޔިރުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ނޫސްވެރިންނަށް ހުރަސް އެޅުމާ ބައެއް ނޫސްވެރިންނަށް އަނިޔާ ލިބެމުންދާ ކަމުގެ ޝަކުވާއަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ބައެއް މުޒާހަރާތަކާއި އެއްވުންތަކުން ނޫސްވެރިން ހައްޔަރު ކުރާކަމުގެ ޝަކުވާތައް އެ ކައުންސިލަށް ލިބެމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަމާ ގުޅުންހުރި އިދާރާތަކާ ކައުންސިލުން މަޝްވަރާ ކޮށް، އަލިމަގެއް ހޯދުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެމްއެމްސީއިން ބުނީ މުޒާހަރާތަކާއި އެހެނިހެން ހަރަކާތްތައް ގެނެސްދޭ ނޫސްވެރިންނަށް، ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ ހައްގު ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އަދި އެފަދަ ހަރަކާތްތައް ގެނެސްދިނުމުގައި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑަށް ތަބާވެ، ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

އެމްއެމްސީއިން އެ ބަޔާން ނެރެފައިވާއިރު އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި ނޫސްވެރިންނަށް ހުރަސް އަޅާކަމުގެ ޝަކުވާ ބައެއް މީޑިއާތަކުން ކޮށްފައިވެއެވެ.

comment ކޮމެންޓް