އެންމެ ގަޑިއަށް ދަތުރުކުރަނީ ބްރެޒިލް އެއާލައިނެއް!

މިދިޔަ އަހަރު މުޅި ދުނިޔޭގެ އެއާލައިންތަކުގެ ތެރޭގައި ވެސް އެންމެ ވަގުތަށް ފަރުވާތެރިވެ ގަޑިއަށް ދަތުރުކުރި އެއާލައިން އަކަށް ބްރެޒިލްގެ އަޒުލް ބްރެޒިލިއަން އެއާލައިން ވެއްޖެއެވެ.

ކޮވިޑަށް ފަހު ދަތުރުތައް އަލުން ފަށައި ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ޓޫރިޒަމް ހިނގައިގަތުމާއެކު މިދިޔަ އަހަރު ވެގެން ދިޔައީ އޭވިއޭޝަން އިންޑަސްޓްރީއަށް ވަރަށް ބިޒީ އަހަރަކަށެވެ. އެއާއެކު ގިނަ ކުންފުނިތަކުން ގިނަ މަންޒިލްތަކަށް ދަތުރުކުރަމުން ދިޔައެވެ. އަދި އެތައް ބަޔަކު ވަނީ ފްލައިޓުގެ އިންތިޒާރުގައި އެތައް ގަޑިއިރަކު އެއާޕޯޓުގައި ވެސް މަޑު ކުރަން ޖެހިފައެވެ.

އޭވިއޭޝަން އެނަލިޓިކްސް ފާމް އެއް ކަމަށްވާ ސިރިއަމް އިން ބުނެފައިވަނީ މިދިޔަ އަހަރު އަޒުލް އެއާލައިންސް އިން ވަނީ 280،000 ފްލައިޓް ދަތުރުކޮށްފައި ކަމަށެވެ. އެ ދަތުރުތަކުގެ 88.93 ޕަސެންޓު ދަތުރުތަށް ކޮށްފައިވަނީ ކަނޑައަޅާފައިވާ ގަޑީގެ 15 މިނެޓުގެ ތެރޭގައި ކަމަށް ރިޕޯޓުން ބުނެއެވެ.

ދެވަނައިގައި އޮތީ ޖަޕާންގެ އެއާލައިން ކަމަށްވާ އޯލް ނިޕޯން އެއާލައިންސްއެވެ. މި އެއާލައިން ވަނީ 162،370 ދަތުރު މިދިޔަ އަހަރު ކޮށް އޭގެތެރެއިން 88.61 ޕަސެންޓް ދަތުރުތައް ގަޑިއަށް ކޮށްފައެވެ. އަދި ލިސްޓުގެ ތިންވަނައިގައި ވެސް އޮތީ ޖަޕާނެވެ. މިފަހަރު 88.00 ޕަސެންޓް ގަޑިއަށް ދަތުރުކޮށްގެން ތިންވަނައިގައި އޮތީ ޖަޕާން އެއާލައިންސްއެވެ. މި އެއާލައިންސް އިން ވަނީ މިދިޔަ އަހަރު 165،981 ދަތުރު އަޅާފައެވެ.

ސިރިއަމްގެ ޕްލެޓިނަމް އެވޯޑް ލިބިފައިވަނީ އެމެރިކާގެ ޑެލްޓާ އެއާލައިންސް އަށެވެ. މިއީ ވަގުތުގެ އިތުރުން އޮޕަރޭޝަންގެ ހިދުމަތް އެއްކޮށްލައިގެން އެންމެ ރަނގަޅު އެއާލައިންތަކުގެ ތެރޭގައި ހިމެނުމުން ދެވޭ އެވޯޑެކެވެ. އެގޮތުން ގަޑިއަށް ދަތުރުކުރުމުގައި ޑެލްޓާ އޮތީ 83.63 ޕަސެންޓާއެކު ފަސްވަނައިގައެވެ. ނަމަވެސް ޑެލްޓާއިން ވަނީ މިދިޔަ އަހަރު އެއް މިލިއަނަށް ވުރެ ގިނަ ފްލައިޓް ދަތުރުތައް އަޅާފައެވެ.

comment ކޮމެންޓް