ނޮވެމްބަރު މަހުގެ ނިޔަލަށް ގްރީން ޓެކްސް ފަންޑުން 778.5 މިލިއަން ރުފިޔާ ޚަރަދުކޮށްފި

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ފޮޓޯ/ ސަން

ނޮވެމްބަރު މަސް ނިމުނުއިރު، މާލެ ހިމެނޭހެން ގްރީންފަންޑުން އަތޮޅުތެރޭގެ އެކި ރަށްތަކަށް 778.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ ގްރީންސް ޓެކްސްގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 897.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބްރާސްފަތި ދުވަހު ނެރެފައިވާ ގްރީން ފަންޑް ރިޕޯޓުގައިވާގޮތުން، މިދިޔަ ނޮވެމްބަރުމަހު ކ. އަތޮޅު ފިޔަވައި އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ އއ. އަތޮޅާއި ރ. އަތޮޅުންކަމަށެވެ.

ނޮވެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ޖުމްލަ 74.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ ތެރެއިން ރިސޯޓުތަކުން ގްރީންސް ޓެކްސްގެ ގޮތުގައި ވަނީ، 70 މިލިއަން ރުފިޔާ ލިބިފައެވެ. ގެސްޓްހައުސްތަކު ގްރީން ޓެކްސްގެ ގޮތުގައި 2.1 މިލިއަން ރުފިޔާލިބުނުއިރު، ހޮޓާތަކުން ގްރީން ޓެކްސްގެ ގޮތުގައި ވަނީ 1.8 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ސަފާރީތަކުން ގްރީން ޓެކްސްގެ ގޮތުގައި ވަނީ 2.08 މިލިއަން ރުފިޔާ ލިބިފައެވެ. ނޮވެމްބަރުމަހުގެ ތެރޭގައި ހޯމް ސްޓޭތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ، 2350.08 ރުފިޔާއެވެ.

ނޮވެމްބަރުމަހު އެންމެ ގިނައިން ގްރީންޓެކްސް ދެއްކި އަތޮޅުތައް:

  • ކ. އަތޮޅު:26.4 މިލިއަން ރުފިޔާ
  • އއ. އަތޮޅު: 7.9 މިލިއަން ރުފިޔާ
  • ރ. އަތޮޅު: 7.7 މިލިއަން ރުފިޔާ
  • ބ. އަތޮޅު: 5.4 މިލިއަން ރުފިޔާ
  • ޅ. އަތޮޅު: 5.3 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުގައިވާގޮތުން މިދިޔަ ނޮވެމްބަރުމަހު އެކަނިވެސް ގްރީން ޓެކްސް ފަންޑުން 51.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތޮޅުތަކުގެ ރަށްތަކުގެ ރަށްތަކުގުގައި ކުރިއަށްދާ އެކިއެކި މަޝްރޫޢުތަކަށް ޚަރަދުކުރުމަށް ނިންމާފައިވާކަމަށެވެ.

ގްރީން ޓެކްސްއަކީ ޓޫރިސްޓް ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކާއި ސަފާރީތަކުގެ އިތުރުންވެސް ޓޫރިސްޓުން ބައިތިއްބާ ތަންތަނުން ކޮންމެ ދުވަހަކަށް މީހަކަށް ހަ ޑޮލަރުގެ ރޭޓުން ނަގާ ޓެކްސްއެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަނީ, ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ނަރުދަމާ ނިޒާމާއި، ކުނި ނައްތާލުމުގެ އިތުރުން ފެނުގެ ނިޒާމް ޤާއިމްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ.

ގްރީން ޓެކްސް ފައިސާ ޚަރަދުކުރަމުންދާ ގޮތް މިހާރަށްވުރެ ބޮޑަށް ސާފުވާން ޖެހޭކަން ފާހަގަކޮށް، އިދިކޮޅު މެމްބަރުން ވަނީ މީގެ ކުރިން އެތައް ފަހަރަކު މަޖިލީހުގެ ތަޅުމުގައި އެވާހަކަ ދައްކަވާފައެވެ.

comment ކޮމެންޓް