ޝަފްނާ ސިމެންތިން ފަރުމާ ކުރި ދުނިޔެ

ޝަފްނާ މަސައްކަތުގައި: ފޮޓޯ: ޝަފްނާ

ކްރިއޭޓިވް މަސައްކަތް އަދި ހާއްސަކޮށް އަތްތެރި މަސައްކަތަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކި މީހުން އެކަމަށް ހުންނަ ޝައުގުވެރިކަން ވެސް ތަފާތުވާނެއެވެ. އުމުރުން 24 އަހަރުގެ ޝަފްނާ އަށް ލޯބި ޖެހުނީ ހެންޑި ކްރާފްޓްގެ މަސައްކަތްތަކުގެ ތެރެއިން ސިމެންތި ބޭނުންކޮށްގެން ތަފާތު އެއްޗެހި ހެދުމަށެވެ. ސިމެންތި އާއި ކޮންކްރީޓު ބޭނުންކޮށްގެން ޝަފްނާ މިއަދު ވަނީ އަމިއްލަ ދުނިޔެއެއް ފަރުމާކޮށްފައެވެ.

ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޝަފްނާ އަކީ ދާއިރާގައި ފުލްޓައިމް މަސައްކަތް ކުރާ ޒުވާނެކެވެ. މަސައްކަތުގެ ތެރޭގައި ބިޒީކޮށް އުޅުނު ނަމަވެސް އަބަދުވެސް ކްރިއޭޓިވް ހުނަރުތަކަށް ޝަފްނާ ބޮޑު ޝައުގުވެރިކަމެއް ހުރެއެވެ. ނަމަވެސް އެއިން ކަމަކަށް ޝަމާލުކަން ދެވޭ މިންވަރަށް ވަގުތެއް ނުލިބެއެވެ.

އެންމެފަހުން ކޮވިޑްގެ ހާލަތާ ގުޅިގެން އެތައް ބަޔަކު ގެއިން ބޭރު ނުވެ ގޭގައި ތާށިވެފައި ތިބެން ޖެހުނެވެ. މަސައްކަތަށް ނުދެވި ގޭގައި އެތައް ވަގުތެއް ހޭދަކުރަން ޖެހުނީ ކުރާނެ ކަމެއް ނެތިގެނެވެ. ކޮވިޑްގެ ހާލަތު ގޯސްވެގެން ގިނަ ބައެއް މި ވަގުތު އަމިއްލަ މަސައްކަތްތަކެއް ފެށިއެވެ. ޝަފްނާ ވެސް ކަންތައް ކުރީ އެގޮތަށެވެ.

"ވަރަށް ގިނަ ވަގުތު ގޭގައި ހޭދަކުރަން ޖެހުނު ލޮކްޑައުން ދުވަސްވަރުގައި. ދެން އެހެންވެ ހިތަށް އެރީ އެވަގުތު ތަންކޮޅެއް ޕްރޮޑަކްޓިވް ގޮތަކަށް ބޭނުން ކުރުމަށް،" ޝަފްނާ ކިޔައިދިނެވެ.

ޓްރެންޑީ ހެންޑިކްރާފްޓް އުފެދިގެން އައީ އެހާ ހިސާބުންނެވެ. މިއީ ޝަފްނާގެ ހެންޑި ކްރާފްޓް މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށްފަހު އެތަކެތި ޕްރޮޑަކްޓުތަކެއްގެ ގޮތުގައި ދޫކޮށްލުމަށް އުފެއްދި އަމިއްލަ ވިޔަފާރިއެކެވެ. މި މަސައްކަތުގައި މައިގަނޑު އެންމެ އިސް ރޯލެއް ކުޅެނީ ޝަފްނާ އާއި ސިމެންތިއެވެ.

ޓްރެންޓީ ހެންޑިކްރާފްޓް މެދުވެރިކޮށް ޝަފްނާ އުފައްދަން ފެށީ ގެއަށް ބޭނުންވާނެ ތަފާތު ތަކެއްޗެވެ. އޭގެތެޜޭގައި ގަސް އިންދާނެ ޕޮޓްތަކާއި ޓްރިންކެޓް ޓްރޭ އަދި ހޯމް ޑެކޯ އިތުރު ތަކެތި ހިމެނެއެވެ.

މި މަސައްކަތް މިހާރު އިތުރަށް ތަރައްގީކޮށް ސިމެންތި ބޭނުންކޮށްގެން ތަފާތު ޕްރޮޑަކްޓުތައް ތައްޔާރުކުރާއިރު މި މަސައްކަތް ފެށުނީ އެގޮތަކަށް ނޫނެވެ.

"އެންމެ ފުރަތަމަ މި މަސައްކަތް ފެށިއިރު ބޭނުންކުރީ އެއާ ޑްރައި ކްލޭ. ނަމަވެސް ފަހުން މި ބަދަލުކޮށް ސިމެންތި ބޭނުންކޮށްގެން އެކި ކަހަލަ ޕްރޮޑަކްޓުތައް ހަދަން ފެށީ،" ޝަފްނާ ކިޔައިދިނެވެ.

މި މަސައްކަތަކީ އިތުރަށް ސީރިއަސް ވެގެން ކުރެވޭނެ މަސައްކަތެއް ކަން ޝަފްނާއަށް އެނގުނެވެ. އެހާ ހިސާބުން މިކަމަށް ބޭނުންވާ ތަފާތު އެކި ކަހަލަ ދިރާސާތައް ކުރަން ފެށީ ގޭގައި އިނދެގެނެވެ. އަދި ދިރާސާތަކަށް ބިނާކޮށް ސިމެންތި ބޭނުން ކުރަން ފެށީ އެއީ އެންމެ ރަނގަޅު ގޮތް ފެނިގެނެވެ.

"އިތުރު ދިރާސާތައް ހަދައި ތަފާތު އެއްޗި އުފައްދައި ސިމެންތި ބޭނުންކޮށްގެން އެކި ކަހަލަ ޓެކްނީކްތައް ދަސްކުރުމަށްފަހު އަސްލު އެނގުނީ މިއީ އަހަރެންނާ އެންމެ ގުޅޭ އެއް އާޓް ފޯމްކަން. މި އާޓްފޯމުގެ އެހީގައި އަހަރެންނަށް އަހަރެންގެ ހުނަރު އިތުރަށް ތަރައްގީ ކުރުމަށް ފުރުސަތު ލިބިގެންދޭ،" ޝަފްނާ ކިޔައިދިނެވެ.

ސިމެންތި ބޭނުންކޮށްގެން އެންމެ ފުރަތަމަ ފިޔަވަޅުގައި އެއްވެސް އެއްޗެއް ނެތި އެއިން އެއްޗެއް އުފެދިގެން މުޅިން ތަފާތު އެއްޗަކަށް ބަދަލުވެގެންދާ މަންޒަރު ބަލާލަން ލިބުމަކީ ޝަފްނާއަށް ކުރެވުނު ތަފާތު އިހުސާސެކެވެ. އަދި މިއީ ޝަފްނާއަށް ބަޔާން ކޮށްދޭން އުނދަގޫ ހިތްހަމަޖެހުމެއް ގެނެސްދިން ކަމެކެވެ.

ޝަފްނާގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ކަމުގައި ބެހެއްޓުމަށް އަބަދުވެސް މި މަސައްކަތް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތައް ހޯދުމަށް އޭނާ މަސައްކަތް ކުރެއެވެ. މަސައްކަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އަބަދުވެސް އެންމެ ފަހުގެ ޓްރެންޑުތަކާއި އެއަށް ބޭނުންވާނެ ތަކެތި ހޯދުމަށް ޝަފްނާ ވަރަށް އިސްކަން ދެއެވެ. ސްކެންޑެނޭވިއަން ޑިޒައިން ތަކަކީ ޝަފްނާގެ އެންމެ ބޮޑު އިންޕިރޭޝަނެވެ. މި އިންސްޕިރޭޝަން ހަގީގަތަކަށް ހެދުމަށް ވަށައިގެންވާ މާހައުލަށް ޝަފްނާ ބޮޑު ސަމާލުކަމެއް ދެއެވެ. އެހެންނަމަވެސް ޝަފްނާގެ ނަޒަރުގައި މިއިން ކޮންމެ ޕްރޮޑަކްޓަކީ މިނިމަލް އަދި ފަންކްޝަނަލް އެއްޗަކަށް ވާން ޖެހޭނެއެވެ.

"އާންމުކޮށް އޯޑާއެއްގެ މަސައްކަތައް ހޭދަވާނީ ހަފުތާއެއް ވަރު. އެކަމަކު އެކި އޯޑަރުތަކާ ގުޅިގެން ޕްރޮޑަކްޓެއް އުފައްދާ މުއްދަތަށް ބަދަލު އަންނާނެ. އެކަމަކު ގިނަ ޕްރޮޑަކްޓުތަކަކީ ކުރިން ބައިން ތައްޔާރުކޮށްފައި ހުންނަ ޕްރޮޑަކްޓުތައް. އެއާއެކުވެސް ވަކި ހާއްސަ ރިކުއެސްޓެއް އޮތް ނަމަ އެކަމެއް ފުރިހަމަ ކޮށްދިނުމަށް ވެސް މަސައްކަތް ކުރަން،" ޝަފްނާ ކިޔައިދިނެވެ.

މިއީ ޝަފްނާ ވަރަށް ގަޔާ ވެގެން ކުރާ މަސައްކަތެކެވެ. މިކަމަށް ޝަފްނާގެ އެތައް ވަގުތެއް ހޭދަކުރެއެވެ. ނަމަވެސް ވަގުތު ހޯދުމަކީ މަސައްކަތް ކުރުމުގައި ވެސް ދިމާވާ އެންމެ އުނދަގޫ ކަމެވެ. ފުލްޓައިމް ވަޒީފާއަކަށް ދަމުން މި ވިޔަފާރި ހިންގުމަކީ ބުރަ މަސައްކަތެއް ކަމުގައި ޝަފްނާ ފާހަގަކުރެއެވެ. ނަމަވެސް މިއީ ކުރާ ހިތްވާ ކަމަކަށް ވާތީ މިކަންތައް ހުއްޓާލުމަށް އޭނާ ބޭނުމެއް ނޫނެވެ. އެއާއެކު ޝަފްނާ ބޭނުން ވަނީ ޓްރެންޑީ ހެންޑިކްރާފްޓްގެ މަސައްކަތް އިތުރަށް ފުޅާ ކުރާށެވެ. ޝަފްނާ ދެކޭ ހުވަފެނަކީ ޓްރެންޑީ ހެންޑިކްރާފްޓުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަފާތު އެކި ކަހަލަ އާ ޕްރޮޑަކްޓުތައް އުފައްދައި އާންމުންނަށް ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް