އެމްޑީއޭ އަށް 10 އަހަރު؛ ސިޔާމް ދެއްވީ އަސާސްތައް ނަގަހައްޓާނެ ކަމުގެ ޔަގީންކަން

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ---

އެމްޑީއޭ އަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އުފެއްދި ރައްޔިތުންގެ ޕާޓީއެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެޕާޓީއަށް ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބެއްގައި އޭނާ ވިދާޅުވީ އެމްޑީއޭ އުފެއްދީ ވެސް ރައްޔިތުންގެ ހައްގުގައި ކަމަށާއި އަދި، ދެމި އޮންނާނީ ވެސް ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމުގައި ކަމަށެވެ.

އެމްޑީއޭ ރަސްމީކޮށް އުފެއްދީ 2012 ވަނަ އަހަރެވެ.

"މި ޕާޓީގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ، މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކާއި، ރުކުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަރައްގީގެ މަގުގައި އަބަދުވެސް ރައްޔިތުންނަށް ކުރިއެރުން ގެނެސްދިނުން،" ސިޔާމް ވިދާޅުވިއެވެ.

ޕާޓީން އަބަދުވެސް ހިފަހައްޓަމުން އަންނަ އަސާސްތައް ކުރިއަށް އޮތްތަނުގައި ވެސް ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވަމުން ސިޔާމް ވިދާޅުވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ސިޔާސީ މަސައްކަތް ކުރުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

"މި ޕާޓީން އަބަދުވެސް ހިފަހައްޓަމުން އަންނަ އުސޫލުތަކުގައި ވަރުގަދައަށް ހިފަހައްޓާ، ރައްޔިތުންގެ ހައްގުގައި އަމާނަތްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެންމެހާ މެންބަރުންނާއި އިއްޒަތްތެރި ލޮބުވެތި ދިވެހިރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އޭނާ ވިދާޅުވިއެވެ.

ޕާޓީ ކުރިއެރުވުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ، ސިޔާމް ވަނީ ޕާޓީގެ ދިހަވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

އެމްޑީއޭއަށް ދިހަ އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، އެޕާޓީން މިހާރު އަންނަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި، އެޕާޓީގެ ރައީސް ސިޔާމް އެ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް އެޕާޓީން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް