ކުނި އެތެރެކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހުކުރާނަން: ޝައުނާ

ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ނުދޭނެކަމަށާއި، ވޭސްޓް މެނޭޖްމަންޓް ގާނޫނުގައި އެ ކަން ކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހުކުރަން ހުށަހަޅުއްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

ވޭސްޓް މެނޭޖްމަންޓު ގާނޫނު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރެއްވީ އިއްޔެއެވެ.

އެ ގާނޫނު މަޖިލީހުން ފާސްކުރުމުގެ ކުރިން ގެނައި ބަދަލުތަކުގައިވަނީ އެ ގާނޫނުގެ ދަށުން ރާއްޖެއަށް ކުނި އެތެރެކުރެވިދާނެ ފަދަ މާއްދާއެއް އިތުރުކޮށްފައެވެ.

އެހެންނަނަމަވެސް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރެވޭނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.

ކުނި އެތެރެކުރުމުގެ ހުއްދައަށް އެދުމުން އެ ހުއްދައެއް ދޭންވާނީ މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެއާއެކު މިއަދު މިނިސްޓަރު ޝައުނާ "ސަން"އަށް ވިދާޅުވީ އެ ފަދަ އެއްވެސް ކަމެއް ކުރުމުގެ ވިސްނުން މިހާރު ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

" އެ ފަދަ ކަމެއް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް. އެ މާއްދާ އިސްލާހުކުރަން އަޅުގަނޑުމެން ހުށަހަޅާނަން،" ޝައުނާ ވިދާޅުވިއެވެ.

މި ގާނޫނުގައި ނުރައްކާތެރި ކުނި ވަނީ ކަނޑައަޅައިފައެވެ. އެގޮތުން 11 ބާވަތެއް ކަނޑައަޅައިފައިވެއެވެ. އެއީ:

1. އެކްސްޕްލޯސިވްސް.
2. ހުޅުހިފާ ދިޔާތަކެތި.
3. ފަސޭހައިން އަލިފާންހިފާ ޒާތުގެ ހަރު ތަކެތި.
4. ފަސޭހައިން އަމިއްލަ ޒާތުގައި ހުޅުހިފާ ތަކެތި.
5. ފެނާ އެކުވުމުން ހުޅުހިފާ، ނުވަތަ ހުޅުހިފާ ޒާތުގެ ގޭހެއް
އުފައްދާ ތަކެތި.
6. އޭގެ ޒާތުގައި ހުޅުރޯނުވި ނަމަވެސް، އޮކްސިޖަން އުފެދުމުގެ
ސަބަބުން އެހެން އެއްޗެއް ނުވަތަ މާއްދާއެއްގައި އަލިފާން
ހިފުމަށް މަގުފަހިކޮށްދޭ ތަކެތި ނުވަތަ މާއްދާތައް.
7. އޯގެނިކް ޕެރޮކްސައިޑްސް
8. ވިހަ މާއްދާ
9. ބަލިޖައްސާ މާއްދާތައް
10. ކޮރޯސިވްސް
11. އިކޯޓޮކްސިކް މާއްދާތައް.

ހަމައެއާއެކު މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމުގެ އުސޫލެއް ވެސް ވަނީ އެކުލަވައިލައިފައެވެ.

ރާއްޖެއަށް ކުނި އެތެރެކުރަން ހުއްދަ ދީފައިވާތީ، އާންމު ފަރުދުންނާއި، ތިމާވެއްޓާ ގުޅުންހުރި މަދަނީ ޖަމިއްޔާތަކުންވަނީ ކަންބޮޑުުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް