ދައުލަތުގެ ބަޖެޓު ދަރަނި 10.3 ބިލިއަން ރުފިޔާއަށް އަރައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--- ފޮޓޯ/ މަޖިލިސް

މިއަހަރަށް ދައުލަތުން ކަނޑައަޅައި ބޭނުން ކުރަމުން އަންނަ ބަޖެޓުގެ ދަރަނި 10.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ހަފުތާއަކު އެއްފަހަރުނ މިނިސްޓްރީ އޮފް ފިނޭންސުން އާންމުކުރާ ދައުލަތުގެ އާމްދަނީ އާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު، މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 24.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު އަށް ވަނަ ދުވަހާ ދެމެދު ލިބުނު އާމްދަނީއަށްވުރެ އިތުރަށް 10.3 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވެއެވެ.

މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސް އިންނެވެ. އެގޮތުން ޓެކުހުގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫންގޮތަށް ލިބިފައިވަނީ 6.8 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުން ޖުމްލަ 35.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ރިކަރަންޓު ހޭދައަށެވެ. ރިކަރަންޓް ހޭދައިގެ ގޮތުގައި ދައުލަތުން 25.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މީގެއިތުރުން، އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 326 މިލިއަން ރުފިޔާއެވެ. އެއީ ސަރުކާރުން ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ މަދު އަދަދެކެވެ.

އަދި، ސަރުކާރުގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 2.9 ބިލިއަން ރުފިޔާ މިއަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ނުލިބޭނެއެވެ. ނަމަވެސް އަހަރު ނިމުމުގެ ކުރިން ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ދައުލަތުން އަންދާޒާކޮށްފައިވެއެވެ.

ދައުލަތުގެ ދަރަނި ދުވަހަކަށް ވުުރެން ދުވަހެއް އިތުރު ވަމުން އަންނައިރު ސިޔާސީ މަގާމުތައް އިތުރު ކުރާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް