ޑޮކްޓަރުންނަށް ދެން ރާއްޖެ ދޫކޮށް ދެވޭނީ ހެލްތު މިނިސްޓްރީގެ ހުއްދަ ލިބުމުން

ލެޕެރޮސްކޮޕީއެއް ހަދަނީ -- ފޮޓޯ/ ހެލްތުލައިން

ރާއްޖޭގައި މަސައްކަތްކުރާ ބޭރު ޑޮކްޓަރުންނަށް ދެން ރާއްޖެ ދޫކޮށް ދެވޭނީ ހެލްތު މިނިސްޓްރީގެ ހުއްދަ ލިބުމުން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބޭރު ޑޮކްޓަރުން އެއްވެސް އެއްޗެއް ނާންގައި ފިލާ މައްސަލަ ބޮޑެވެފައިވާތީ އެކަން ހައްލުކޮށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރުމަށް އިމިގްރޭޝަނާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް އެ މިނިސްޓްރީން މީގެ ކުރިން "ސަން"އަށް ވަނީ ބުނެފައެވެ.

https://sun.mv/171062

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު އާދިލް މިއަދު "ސަން"އަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އިމިގްރޭޝަނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އެ ބައްދަލުވުމުގެ ތެރޭގައި އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކޮށް އަޅާނެ ފިޔަވަޅުތައް ވެސް ކަނޑައަޅާފަ. ހައްލުތަކާއެކު އެ މަސައްކަތް ރަނގަޅުވާނެ ކަމަށް މި ގަބޫލު ކުރަނީ،" އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވިގޮތުގައި އެ މައްސަލަތައް ހައްލުކުރުމަށް އަޅަން ކަނޑައެޅި ފިޔަވަޅުގެ ދަށުން ދެން ޑޮކްޓަރުންނަށް ރާއްޖެ ދޫކޮށް ދެވޭނީ ހެލްތު މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެ މިނިސްޓްރީއަށް އެކަން އަންގައި މިނިސްޓްރީގެ ހުއްދަ ލިބުމުންނެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން އެގޮތަށް އަމަލުކުރަން ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި ނަމަވެސް އެއަށްވުރެ ލަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރުން ފިލާ މައްސަލަ އާއްމުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން ވެސް ޅ. ނައިފަރުގައި ހުންނަ އެ އަތޮޅުގައި އޭރު މަސައްކަތް ކުރި ކިއުބާއަށް ނިސްބަތްވާ އޮޕަރޭޝަން ޑޮކްޓަރު ވަނީ ފިލައިގެން މާލެ އައިސްފައެވެ. އޭނާ ވެސް ފިލީ އެއްވެސް އެއްޗެއް ނާންގައެވެ.

https://sun.mv/170963

އޭގެ ދެ ހަފުތާ ފަހުން މިހާރު ވަނީ ހެލްތު މިނިސްޓްރީން އެ ރަށަށް މިސްރުގެ އޮޕަރޭޝަން ޑޮކްޓަރެއް ފޮނުވާފައެވެ. އަންނަ ހަފުތާއިން ފެށިގެން އޭނާވެސް ޑިއުޓީއަށް ނިކުންނާނެ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

comment ކޮމެންޓް