ރާއްޖޭގެ އެންމެ ފުރަތަމަ ޕާކިން އިމާރާތް ދަމާސްއިން އަޅަނީ

ވަން ޕާކްގެ އިމާރާތުގެ ފޮޓޯއެއް ---

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާރަތްކުރާ ޕާކޭޑްގެ މަޝްރޫޢު، "ވަން ޕާކް" ދަމާސް ރިއަލް އެސްޓޭޓްއިން އިފްތިތާހްކޮށްފިއެވެ.

އެގޮތުން މި މަޝްރޫއުއަކީ ހުޅުމާލޭގެ އެއްގަމު އުޅަނދުތައް ޕާކު ކުރުމަށް ހުރި ޖާގައިގެ ދަތިކަން ޙައްލުކުުރުމުގެ މަގްސަދުގައި ތަރައްގީ ކުރެވޭ މަޝްރޫއެއް ކަމަށް އެކުންފުނިން ބުނެއެވެ.

މި އިމާރަތަކީ ހަތް ބުރީގެ އިމާރާތަކަށް ވީއިރު، މި އިމާރާތް ބިނާކުރަނީ ހުޅުމާލެ ފިތުރޯނު މަގުގައި ހުންނަ ރެޒިޑެންޝަލް ޑެވެލޮޕްމަންޓުތައް ކައިރީގައެވެ.

މި އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ޚާއްސަކުރެވިފައިވާއިރު، އަނެއް ފަސް ފަންގިފިލާ ޚާއްސަކުރަނީ ޕްރައިވެޓް ޕާކިން ޒޯން ތަކަށެވެ. އެގޮތުން މި ޕާކިން އިމާރާތުގައި 500 އަށް ވުރެ ގިނަ އެއްގަމު އުޅަނދުތަކަށް ޚާއްސަ ކުރެވޭނެއެވެ.

މީގެ އިތުރުން މި ޕާކިން އިމާރާތުގައި އިލެކްޓްރިކް ވެހިކަލް ޗާޖު ކުރެވޭނެ ނިޒާމާއި، ޕްރިމިއަމް ޕާކިންއަށް ޚާއްސަ ގަރާޖުތަކެއްވެސް ހިމެނޭނެއެވެ. އަދި މިތަނުން ދޭނެ ޚާއްސަ ޚިދުމަތްތަކުގެ ތެރޭގައި 24 ގަޑިއިރުގެ ސެކުއިރޓީ ބެލެހްޓުމާއި، ވެލޭ ޕާކިންގެ ޚިދުމަތްތަކާއި އެއްގަމު އުޅަނދު މަރާމާތުކޮށްދިނުމުގެ ޚިދުމަތް ހިމެނެއެވެ.

މި އިމާރާތުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއް ފަންގިފިލާއިން އަނެއް ފަންގިފިލާއަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތަށް ލިފްޓް، އެސްކަލޭޓާ އަދި ރޭމްޕް ހިމެނޭނެއެވެ.

"ވަން ޕާކް"ގެ ޖާގަތަކަށް ބޭނުންވާ ފަރާތްތަކަށް ޕާކިންގެ ޖާގަ ގަނެ، އެއްގަމު އުޅަނދުތައް ރަޖިސްޓާ ކުރުން ނުވަތަ ދިގު މުއްދަތައް ކުއްޔަށް ނެގުމުގެ އިޙްތިޔާރު އެފަރާތްތަކަށް ލިބޭނެއެވެ. އަދި ވިޔަފާރިވެރިންނަށް ކޮމާޝަލް ޖާގަޔާއި ފުޑްކޯޓްއިން ޖާގަ ކުއްޔަށް ހިފުމުގެ ފުރުސަތުވެސް ހުޅުވާލެވޭނެއެވެ. މި އިމާރާތާ ބެހޭ އިތުރު މައުލޫމާތު ވަން ޕާކްގެ ވެބްސައިޓުން ލިބޭނެއެވެ.

"ވަން ޕާކް" އިމާރާތް ކުރަނީ ދަމާސްގެ ސަބްސިޑަރީ ކުންފުނި ދަމާސް ރިއަލް އެސްޓޭޓްއިންނެވެ. އެގޮތުން އެކުންފުންޏަކީ 2012 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް