މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މާފަރު އެއާޕޯޓް ބޮޑު ކުރުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ސޮއި ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އަޙްމަދު ސަދޫފް މޫސާ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މާފަރު އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މިހާރު އޮތް 2.2 ކިލޯމީޓަރުގެ ރަންވޭ 2.5 ކިލޯމީޓަރަށް އިތުރު ކުރުމާއި، ރަންވޭ ރީސާފޭސް ކުރުމުގެ އިތުރުން އެއާޕޯޓްގެ ދިގުމިން 2.85 ކިލޯމީޓަރަށް ބޮޑުކުރުމެވެ.

އަބޫދާބީ ފަންޑުން ފަންޑުކުރާ މި މަސައްކަތުގެ ޖުމްލަ އަގަކީ 27.1 މިލިއަން އެމެރިކާ ޑޮލަރެވެ.

ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ޙަފްލާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތަކީ ބޭރުގެ ބޮޑު ތިން ކުންފުންޏަކާ ވާދަކޮށް އެމްޓީސީސީއިން ހޯދި ކާމިޔާބެއް ކަމަށާއި، އެކަމަށްޓަކައި އެކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މާފަރު އެއާޕޯޓް -- ފޮޓޯ/ މޯލްޑިވިއަން

އާޒިމް ވިދާޅުވީ އީއައިއޭގެ އިތުރު މަސައްކަތްތަކެއް ކުރަން ނުޖެހޭނަމަ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށާއި، ނަމަވެސް އީއައިއޭ އެސެސްމެންޓްތަކެއް ހަދަން ޖެހޭނަމަ، އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ފެށޭނީ އީއައިއޭ އެސެސްމެންޓްތައް ނިންމުމުން ކަމަށެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވީ 2019 ވަނަ އަހަރު ތެރޭގައިއެވެ. އެގޮތުން އެ އެއާޕޯޓް ރަސްމީކޮށް ފައްޓަވައިދެއްވީ ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމްއެވެ. 2019 ވަނަ އަހަރު މި އެއާޕޯޓް ހުޅުވި ނަމަވެސް އެއާޕޯޓް އެޅުމުގެ ޢަމަލީ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގައެވެ.

comment ކޮމެންޓް