ވޯލްޑްކަޕް 2022: ރާބުއިން މަނާ، އަންހެނުންނަށް އަމާން މާހައުލެއް

މުބާރާތުގެ މެޗެއް ބެލުމަށް ދަނޑަށް ވަން އަންހެން ސަޕޯޓަރުން ތަކެއް --ފޮޓޯ/ގެޓީ އިމޭޖަސް

ހުސްވި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފެށި ފީފާ ވޯލްޑް ކަޕަކީ، މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ.

2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު، ފީފާއިން މިއަހަރުގެ މުބާރާތް ގަތަރުގައި ބާއްވަން ނިންމިކަން އިއުލާންކުރުމާއެކު، ހުޅަނގުގެ ބައެއް ބޮޑެތި މީޑިއާ ތަކުންނާއި، އިސްލާމްދީނާ ދެކޮޅު، ދީނުގެ އަދުއްވުން މި މުބާރާތާއި ދެކޮޅު ޕްރޮޕެގެންޑާތަކެއް ފަތުރަން ފެށިއެވެ.

ގަތަރަކީ އިންސާނީ ހައްގުތަކަށް އިހުމާލުވާ ގައުމެއް ކަމަށާއި، އެގައުމުގައި އަންހެނުންގެ ހައްގުތަށް ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށް އެފަދަ މީޑިއާތަކުން ރިޕޯޓުކުރަމުން ގެންދިޔައެވެ. ގަތަރަކީ، ތަރައްޤީ އާއި ތަމައްދުން އަދި ތަހުޒީބާ ބީރައްޓެހި ގައުމެއްގެ ގޮތުގައި ސިފަކޮށް، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ.

މުބާރާތް ފެށެން ކައިރިވަމުން އައި ވަރަކަށް މިފަދަ ވާހަކަތަކުގެ އަޑު ގަދަވިއެވެ. ހާއްސަކޮށް، ވޯލްޑް ކަޕުގައި، ސްޓޭޑިއަމާއި އެ ނޫންވެސް ތަންތަނުގައި، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓު ކުރުމުގެ ފުރުސަތު ނުދޭނެ ކަމާއި، މެޗު ބަލަން ދަނޑަށް ވަންނައިރު ރަލުގެ އެއްވެސް ބާވަތެއް ނުވެއްދޭނެ ކަމަށް އަދި ދަނޑު ހިމެނޭ ސަރަހައްދުގައި އެފަދަ ބުއިންތައް ނުވިއްކޭނެކަން ގަތަރުން ހާމަކުރުމާއެކު، ގަތަރާ ދެކޮޅަށް ހިންގަމުންއައި "އެންޓި-ކެމްޕެއިން"ގެ އަޑު އިންތިހާއަށް ގަދަވިއެވެ.

ހުޅަނގުގެ ބޮޑެތި ގައުމުތަކުން ދިޔައީ ގަތަރުގައި ބާއްވާ ވޯލްޑްކަޕް ބޮއިކޯޓް ކުރުމަށް ގޮވާލަމުންނެވެ. އެކަމަށް ގަތަރުގެ ޖަވާބު ވަރަށް ސާފެވެ. ގަތަރުގެ އުސޫލުތަކާއި ސަގާފަތަށް އިހްތިރާމް ނުކުރެވޭ މީހުން ވޯލްޑްކަޕް ބަލަން އައުން މަޖުބޫރު ނޫންކަމަށް އެ ގައުމުން ބުނެފައިވެއެވެ.

ވަކި ހިސާބަކުން، ހުޅަނގުގެ ބައެއް ގައުމުތަކުގެ ބައެއް އާންމު ރައްޔިތުންނަށްވެސް، ގަތަރު ސިފަވީ އަނިޔާވެރި، "ޖާހިލު" ބައެއްގެ ގޮތުގައެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ޖަރުމަނު ބުންޑަސްލީގާގައި ބަޔާން މިއުނިކުން ކުޅުނު މެޗެއްގެ ތެރެއިން---

އެހެންނަމަވެސް މިފަދަ ފާޑުކިޔުންތަކާއި ފުރައްސާރައާއި ގޮންޖެހުންތަކުގެ ސަބަބުން ގަތަރުގެ ސަރުކާރުވެސް އަދި އާންމު ރައްޔިތުންވެސް ފަހަތަކަށް ނުޖެހުނެވެ. އަމާންދޭން ޖެހުނީ ފާޑުކީ މީހުންނެވެ.

މިއަހަރުގެ ވޯލްޑްކަޕްގައި އިސްލާމްދީން ހުއްދަނުކުރާ އެއްވެސް ކަމެއް ނުކުރެވުނެވެ. އެ ފުރުސަތު ނުވެސް ދޭނެއެވެ. ގަތަރަކީ އިސްލާމީ ގައުމަކަށްވުމުން، އެ ގައުމުގައި އިސްލާމް ދީނުގައި މަނާކޮށްފައިވާ ކަންކަން ކުރުމަކީ، އެ ކުށެއް ކުރާ މީހަކަށް ހައްގު އަދަބު ކަނޑައެޅިފައިވާ، އެ އަދަބު ތަންފީޛުކުރާނެ ކަންކަމެވެ.

ވޯލްޑް ކަޕުގެ މެޗުތައް ބަލަން ގަތަރަށް އައި މީހުންނަށް، ގަތަރުން އަދާކުރި މެހުމާންދާރީގެ ސަބަބުން، ހުޅަނގުގެ މީޑިއާތަކުން ފެތުރީ ބުހުތާނު ދޮގު ވާހަކަތަކެއްކަން ހާމަވާން މިވަނީ ފަށާފައެވެ. އިސްލާމީ ރިވެތި އަހްލާގުގެ ފުރިހަމަ ކަމާއި، މި ދީނަކީ ވަކި ނަސްލެއްގެ މީހަކަށް، ވަކި އުމުރެއްގެ މީހަކަށް، އަދި ވަކި ޖިންސެއްގެ މީހަކަށް ނުވަތަ ވަކި ގައުމެއްގެ މީހަކަށް ތަފާތު ކުރުމެއް ނެތް ދީނެއްކަން މިވަނީ ވަރަށް ބޮޑަށް ސާބިތުވެފައެވެ.

މިއަދު މުޅި ދުނިޔޭގެ ތައުރީފާއި ސަނާގެ ބަސްތައް ގަތަރަށާއި، އިސްލާމް ދީނަށް މިދަނީ ލިބެމުންނެވެ.

މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލްއާއި ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ގަތަރުގައި ރާ ބުއިން މަނާކުރުމުން ބައެއް އަންހެން ސަޕޯޓަރުން އެކަމަށް ތައުރީފު ކުރާ ކަމެވެ. މެޗުތައް ބަލަން ގަތަރަށްދިޔަ އަންހެން ސަޕޯޓަރުން މިއަދު ބުނަމުން ދަނީ، ގަތަރަކީ އެމީހުންނަށް އަމިއްލަ ގައުމަށްވުރެ ވެސް އަމާން ތަނެއް ކަމުގައެވެ.

އެގޮތުން ރޮއިޓާސްއަށް އިންގްލޭންޑުގެ ސަޕޯޓަރެއް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ ހީކުރީ ގަތަރަކީ ވަރަށް ނުރައްކާތެރި ތަނެއްކަމަށެވެ. އެ ގައުމުގައި ރައްކާތެރިކަމާއެކު އުޅެވޭނަކަމަށް އެއްވެސް ވަރަކަށް އުންމީދު ނުކުރާކަމަށް އެނާ ބުންޏެވެ. އަދި ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް، މުބާރާތުގެ މެޗުތައް ބެލުމަށް ގަތަރަށް އައީ އެ ސަޕޯޓަރުގެ ބައްޕަވެސް ގޮވައިގެން ކަމަށް އޭނާ ބުނެފައިވެއެވެ.

ރޮއިޓާސްއަށް އިންޓަވިއުދިން އިނގިރޭސިވިލާތުގެ އެލީ މޮލޮސަން-- ފޮޓޯ/ރޮއިޓާސް

އެހެންނަމަވެސް ގަތަރަށް އައިސް، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި، ގަތަރުގައި އަންހެނުންނަށް އޮތް ފުރުސަތު ތަކާއި، އަމާންކަމާއި ރައްކާތެރިކަން ފެނިއްޖެ ކަމަށް އޭނާ ބުންޏެވެ. އަންހެނަކަށްވީތީ ގަތަރުގައި ނުރައްކަލެއް ނެތްއިރު، ލިބެނީ އިތުރު ހާއްސަކަމާއި، ރައްކާތެރިކަން ކަމަށް އެ ސަޕޯޓަރު ބުނެފައިވެއެވެ.

އަދި މިއީ ހަމައެކަނި ބަނގުރާ ވިއްކުން މަނާކުރުމުން ނުވަތަ ދަނޑުގައި އެ ބުއިން މަނާކުރުމުންވީ ކަމެއް ނޫން ކަމަށާއި، ގަތަރުގެ ރައްޔިތުންނަށް އެންމެ ކުޑައިރުއްސުރެ ދީފައިވާ ރީތި ތަރުބިއްޔަތުގެ ދައުރު މިކަމުގައި ބޮޑު ކަމަށް އޭނާ ބުނެފައިވެއެވެ.

އިނގިރޭސި ވިލާތަށް ނިސްބަތްވާ މި ސަޕޯޓަރުގެ އިތުރުން، އެހެން ބައެއް އަންހެން ސަޕޯޓަރުންވެސް ދައްކަނީ ހަމަ މި ވާހަކައެވެ. ގަތަރުގައި އެހާ ކުށްމަދު އެއް ސަބަބަކީ މަސްތުވާ ތަކެއްޗާއި ރާބުއިން އެ ގައުމުގައި މަނާކޮށްފައިވާތީކަމަށް އެ ގައުމަށް ޒިޔާރަތްކުރި ގިނަ ސަޕޯޓަރުން އިއްތިފާގުވެއެވެ.

ގަތަރަކީ ނުރައްކާތެރި، ބިރުވެރި ގައުމެއްގެ ގޮތުގައި އަދި އަންހެނުންނަށް ދިރިއުޅެން އުނދަގޫ ގައުމެއްގެ ގޮތުގައި ދެއްކުމަށް، އިސްލާމް ދީނުގެ އަދުއްވުން ކުރަމުން އައި މަސައްކަތް މިވަނީ ބޮޑުތަނުން "ފެއިލް" ވެފައެވެ.

ސްޕެއިންއާއި މޮރޮކޯ ބައްދަލުކުރި މެޗު ބަލަން ދަނޑަށް ވަން ސަޕޯޓަރެއް-- ފޮޓޯ/ގެޓީ އިމޭޖަސް

އަމިއްލަ ވަޒަނަށްވުރެ، ގަތަރަކީ އެމީހުންނަށް އަމާން، ރައްކާތެރި މާހައުލަކަށް މިވަނީ ވެފައެވެ. އިސްލާމީ ރިވެރި އުސޫލުތަކުގައި ހިފެހެއްޓުމުގެ ސަބަބުން، ގަތަރަކީ މިއަދު އެންމެންގެ މަގުބޫލު މަންޒިލަށް މިވަނީ ވެފައެވެ.

comment ކޮމެންޓް