ވިކީ ކޯޝަލްއަށް އަނެއްކާވެސް ބޮޑު ބަޖެޓް ފިލްމަކުން ފުރުސަތު ލިބިއްޖެ

ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލްއަށް އަނެއްކާވެސް ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކުން ފުރުޞަތު ލިބިއްޖެއެވެ.

ދިނޭޝް ވިޖަން އަދި ލަކްޝްމަން އުތޭކަރްގެ މިފިލްމުގައި ވިކީ ކޯޝަލް ކުޅޭނީ ވަރަށް ތާރީޚީ ރޯލެއްކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ބުނެފައެވެ. ކުރިޔަށްއޮތް 2023ގައި ފެށުމަށް ތައްޔާރުވަމުން އަންނަ މިފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ނުނިންމައެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު އަދި މެޑޮކްސް ފިލްމު ކުންފުނީގެ ވެރިޔާ ދިނޭޝް ވިޖަންއަކީ، ދާދިފަހުން ސިނަމާގައި އެޅުވި ފިލްމު "ބޭޅިޔާ"ގެ ޕްރޮޑިއުސަރެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ލަކްޝްމަން އުތޭކަރްއަކީ، މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "މިމީ"ގެ ޑައިރެކްޓަރެވެ.

ވިކީއަށް ހުށަހަޅާފައިވާ ތާރީޚީ މިފިލްމާ ގުޅޭ ތަފްސީލު މިހާރު ސިއްރުކޮށްފައިވާއިރު މި ފިލްމަށް ޚާއްޞަ ސެޓެއް ތައްޔާރުވަމުންދާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ފިލްމާބެހޭގޮތުން އެކްޓަރު ވިކީއާ މަޝްވަރާކުރަމުންދާއިރު ލަކްޝްމަންއާއި ދިނޭޝް ފިލްމަށް ފުރަތަމަ ހޮވާފައިވާ އެކްޓަރަކީވެސް ވިކީ ކޯޝަލްއެވެ.

ވިކީ ފިލްމުގެ ސްކްރިޕްޓަށް އަނގަބަހުން އާނބަސް ބުނެފައިވާއިރު ރަސްމީކޮށް ފިލްމާ ގުޅުނުކަން ނިންމާނީ ފިލްމުގެ ނެރޭޝަން އެއްކޮށް ނިންމާލުމަށް ފަހުކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ފިލްމުގެ ސްކްރިޕްޓްގެ ބޮޑުބައި އަދިވެސް ލިޔަމުންދާއިރު ސްކްރިޕްޓް އެއްކޮށް ނިންމާލުމަށް އަދި ވަގުތު ބޭނުންވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޑައިރެކްޓަރު ލަކްޝްމަންގެ އިތުރު ފިލްމެއްގައި އެކްޓަރު ވިކީ މިހާރު ވެސް މަސައްކަތް ކުރަމުންދާއިރު އަލަށް އުފައްދާ ފިލްމުގެ މަސައްކަތް ފެށޭވަރުވާނީ ވިކީގެ ޝެޑިއުލްއަށް ބެލުމަށްފަހުކަމަށް މެޑޮކްސް ފިލްމްސްއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ކެޓްރީނާ ކައިފްއާއި ކައިވެނިކޮށް އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންދާ އެކްޓަރުގެ އެންމެ އަވަހަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ދަރްމާ ކުންފުނީގެ ފިލްމު "ގޯވިންދާ ނާމް މޭރާ"އެވެ. މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16ވަނަ ދުވަހު ޑިޒްނީ ހޮޓް ސްޓާ މެދުވެރިކޮށެވެ.

comment ކޮމެންޓް