ކުޅިވަރުގެ ދާއިރާއިން ފަންނާނުން އުފެއްދުމުގައި އިބްރާހީމް މަނިކުގެ ހިއްސާ ވަރަށް ބޮޑު: ރައީސް

މަރްޙޫމް ސަމަރު ބްލޫ އިބްރާހީމްގެ މަނިކުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއި ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކުޅިވަރާއި މުނިފޫހިފިލުމުގެ ދާއިރާއިން ދިވެހި ފަންނާނުން އުފެއްދުމުގައި ސަމަރުބްލޫ އިބްރާހީމް މަނިކުގެ ޙިއްސާ ވަރަށް ބޮޑުކަމަށް, އިބްރާހީމް މަނިކުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ލިޔުއްވައިފިއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރެއްވީ މިއަދުއެވެ.

ދިވެހިރާއްޖޭގެ އަޑުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ، ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމަކީ، އެ މަނިކުފާނުގެ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، ދިވެހިރާއްޖެއަށް ލިބުނު ނުހަނު ބޮޑު ދެރައެއްކަމުގައި ފާހަގަކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އިބްރާހީމް މަނިކު ޚިދުމަތްކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ ވަރަށް ރިވެތި ނަމޫނާއެއް ދައްކަވައިފައިކަމަށާއި، އެމަނިކުފާނު ވަނީ އަމިއްލަ ޝައުގުވެރިކަމާއެކު ޚިދުމަތުގައި ދެމިހުރެއްޖެ ނަމަ އެކަމެއްގެ ފޮނި ނަތީޖާ ނެރެވޭނެކަން ސާބިތުކޮށްދެެއްވައިފައި ކަމަށް ރައީސްގެ ބަޔާނުގައި ލިޔުއްވާފައި ވެއެވެ.

"ކުޅިވަރާއި މުނިފޫހިފިލުމުގެ ދާއިރާއިން ދިވެހި ފަންނާނުން އުފެއްދުމުގައި އިބްރާހީމް މަނިކުގެ ހިއްސާ ވަރަށް ބޮޑު. އަދި އެމަނިކުފާނު ވަނީ ރޭޑިއޯ އާއި ޓީވީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފަ،" ރައީސް ލިޔުއްވާފައިވެއެވެ.

ރައީސްގެ ބަޔާން ނިންމާލައްވާފައިވަނީ، އިބްރާހީމް މަނިކުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި، އޭނާގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.

އިބްރާހީމް މަނިކު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިދިޔަ ބުދަ ދުވަހުގެ ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ.

އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.

comment ކޮމެންޓް