ތެލަށް ކުރާ ހޭދައިން 15 މިލިއަން ރުފިޔާ ސަލާމަތް ކޮށްދޭނެ ސޯލާ ނިޒާމު ގާއިމުކުރަން ފަށައިފި

ސޯލާ ޕީވީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ އޮފް އެންވަރަމެންޓް

ދައުލަތުން ކަރަންޓު އުފައްދަން ތެލަށް ކުރާ ހޭދަ ކުޑަ ކުރުމަށް، އިރުގެ އަލިން ހަކަތަ އުފައްދާ ސޯލާ ނިޒާމެއް ހުޅުމާލެ ލިންކު ރޯޑްގައި ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު އެ ސަރަހައްދުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ވޯލްޑް ބޭންކްގެ ސައުތު އޭޝިއާ ރީޖަންގެ ވައިސް ޕްރެޒިޑެންޓް މާޓިން ރެއިސާ އާއި ވޯލްޑް ބޭންކާއި ސްޓެލްކޯ އާއި އެޗްޑީސީގެ އިސް ވެރިންނެވެ.

ރާއްޖޭގައި މިހާތަނަށް އެއް ކޮންޓްރެކްޓަރެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމް ކުރާ މި މަޝްރޫއަކީ އިރުގެ އަލިން ފަސް މެގަ ވޮޓްގެ ހަކަތަ އުފައްދާ ނިޒާމެކެވެ.

ސޯލާ ޕީވީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން --- ފޮޓޯ/ މިނިސްޓްރީ އޮފް އެންވަރަމެންޓް..

އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި އެ ނިޒާމުން އަހަރަކަށް 7.3 މިލިއަން ކަރަންޓު ޔުނިޓު އުފައްދާނެއެވެ. އޭގެ ސަބަބުން، ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ މިންވަރެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކުރާނެއެވެ. އެއީ މި މަޝްރޫއަކީ ޕްރައިވެޓް ފައިނޭންސިންގެ އުސޫލުން ކޮންޓަރެކްޓަރުގެ އަމިއްލަ ފައިސާއާއި ތަކެތީގައި ސޯލާ ޕީވީ ނިޒާމު ގާއިމުކޮށް އެ ނިޒާމުން ކަރަންޓް އުފެއްދުމަށްފަހު ޕަވާ ޕާޗޭސިން އެގްރީމެންޓް (ޕީޕީއޭ) މޮޑެލްގެ ދަށުން ކަރަންޓްގެ ޚިދުމަތް ދޭ ކުންފުންޏަށް ވިއްކުމަށް ހަމަ ޖެހިފައިވާ މަޝްރޫއަކަށް ވުމުންނެވެ.

މި މަޝްރޫއަށް ބީލަމަށް ހުޅުވާލުމުން 21 ކުންފުންޏަކުން ބީލަމަށް ކުރިމަތިލި ނަމަވެސް، އެންމެ ކުޑަ އަގެއް ހުށަހަޅައިގެން އެ ބީލަން ކާމިޔާބު ކުރީ ތައިލެންޑުގެ އެންސިސްކޯ ލިމިޓެޑުންނެވެ.

ޕީޕީއޭ މޮޑެލްގެ ދަށުން ކުރިއަށްދާ މަޝްރޫއަކަށް މި މަޝްރޫއު ވުމުން، ތައިލެންޑުގެ އެންސިސްކޯ ލިމިޓެޑުން 15 އަހަރު ދުވަހުގެ މުއްދަތަކަށް މި މަޝްރޫއާ ހަވާލުވާނެއެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ސްޓެލްކޯއަށް އެންސިސްކޯއިން ކަރަންޓު ވިއްކުމަށް ހަމަޖެހިފައިވަނީ ޔުނިޓަކަށް 10.09 ޔޫއެސް ސެންޓު (1-2 ރުފިޔާ)ގެ ރޭޓުންނެވެ.

comment ކޮމެންޓް