ރޮނާލްޑޯ: ސުޕާ ސްޓާރަކުން އެކަކުވެސް ބޭނުންނުވި ކުޅުންތެރިއަކަށް!؟

ރޮނާލްޑޯ----

އެއީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ކުލަބު ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ހޯދާފައިވާ ޓީމު ކާމިޔާބިތަކާއި އިންޑިވިޖުއަލް އެވޯޑުތައް އެކަމުގެ ހެއްކަކަށް ފުދެއެވެ.

މިދައްކަނީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑު، ބެލަންޑޯ އެވޯޑު ފަސް ފަހަރު ކާމިޔާބުކޮށް، ފުޓުބޯޅައިގެ ޒަމާންވީ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކައެވެ.

ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ ގޯލާއި ރައްޓެހި ކުޅުންތެރިއަކީ އޭނާއެވެ. ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތް، ޔޫއެފާ ޗެމްޕިއަންސްލީގުގެ ޓޮޕް ސްކޯރާ އަކީ ރޮނާލްޑޯއެވެ. ޔޫރޯ މުބާރާތުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އެއީއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި، ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ހަދާފައިވަނީވެސް، ޕޯޗުގަލްގެ ގައުމީ ޖާޒީގައި 118 ލަނޑު ޖަހާފައިވާ ރޮނާލްޑޯއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރޮނާލްޑޯގެ ކެރިއަރުގައި، އޭނާ ކުޅެފައިވާ ކުލަބުތަކާއި ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ވަނީ ޖުމްލަ 819 ލަނޑު ޖަހައިދީފައެވެ.

ރޮނާލްޑޯ ޗެމްޕިއަންސް ލީގު ތަށްޓާއެކު---

2002 ވަނަ އަހަރު ޕޯޗުގަލްގެ ލިސްބަން އިން ސީނިއާ ކެރިއަރު ފަށައި، މިއަދު 37 އަހަރު ވެފައިވާ ރޮނާލްޑޯ ފްރީ އެޖެންޓެއްގެ ގޮތުގައި ހުރިއިރު، ފުޓުބޯޅައިގެ ގަދަ ބާރަކުން އޭނާ ހޯދުމަށް ރަސްމީކޮށް މަސައްކަތެއްވެސް ނުކުރެއެވެ. އެހެންނަމަވެސް މީގެ އަހަރުތަކެއް ކުރިން ރޮނާލްޑޯ އަކީ، އޭނާގެ ސޮއި ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އާދޭސްކުރި، އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާއެވެ. ރޮނާލްޑޯގެ ސޮއި ހޯދުމަށް މަސައްކަތްކުރި ކުލަބުތައް ލިސްޓު ކުރެވޭވަރަށް ވުރެވެސް ދިގެވެ.

ޕޯޗުގަލްގެ ލިސްބަންއިން، އިނގިރޭސިވިލާތުގެ މެންޗަސްޓާ ޔުނައިޓެޑަށް އަދި އެއަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ރޮނާލްޑޯގެ ކެރިއަރުގައި މަޑުޖެހުމެއް އަންނަން ފެށިކަމަށް ފުޓުބޯލަ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރަނީ ރެއާލް މެޑްރިޑު ދޫކޮށް 2018 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ހިސާބުންނެވެ.

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި ޕޯޗުގަލްގެ ކެޕްޓަން ބޭންޑު އަޅައިގެން ޓީމު ގޮވައިގެން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ރޮނާލްޑޯއަކީ ކުޅޭނެ ކުލަބެއް ނެތް ކުޅުންތެރިއެކޭ ބުނުމުން ކޮންމެ މީހެއްގެ ހިތުގައިވެސް ތަފާތު ސުވާލުތަކެއް އުފެދެއެވެ.

ރެއާލް މެޑްރިޑްގައި ކާމިޔާބު ނުވަ އަހަރު ވޭތުކުރުމަށްފަހު ރޮނާލްޑޯ ބަދަލުވީ ޔުވެންޓަސްއަށެވެ. އެއީ ތަފާތު ޗެލެންޖެއް ނަގަން ބޭނުންވާ ކަމަށް ބުނެއެވެ.

ރޮނާލްޑޯ ބެލަންޑޯ އެވޯޑާއެކު----

ޔުވެންޓަސްގައި ތިން އަހަރު ކުޅުމަށްފަހު އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި ގުޅޭތީ ޔުނައިޓެޑުގެ ސަޕޯޓަރުންނާއި އޭނާއަށް ސަޕޯޓުކުރާ އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ.

12 އަހަރަށްފަހު މެންޗަސްޓާ ޔުނައިޓެޑަށް އެނބުރި ދިއުމަށް ރޮނާލްޑޯ ނިންމި ނިންމުމަކީ، އަނެއްކާވެސް ރޮނާލްޑޯގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައި، ފުޓުބޯޅައިގައި ޔުނައިޓެޑަށްވެސް އަދި ރޮނާލްޑޯއަށްވެސް އުފާވެރި ދުވަސްތަކެއް އަންނާނެ ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ.

ގިނަބަޔަކު އުންމީދު ކުރީ، ރޮނާލްޑޯގެ އެނބުރިއަރުން ވާނީ ތާރީހުގެ ފަތްފުއްތަކުގައި ލިޔެވޭނެ "ޑްރީމީ ފެއާރީ ޓޭލް"އެއްގެ "ހެޕީ އެންޑިންގް"އެއް ކަމަށެވެ.

އެނބުރި އައިސް ޔުނައިޓެޑާއެކު ރޮނާލްޑޯގެ ފުރަތަމަ ސީޒަނަކީ ޓީމަށް ނާކާމިޔާބު ސީޒަނެއް ނަމަވެސް، އެ ސީޒަނުގައި ރޮނާލްޑޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެ ސީޒަންގައި ރޮނާލްޑޯ ކުޅުނު 38 މެޗުގައި 24 ލަނޑު ޖަހާފައިވެއެވެ. "ގޯލް މެޝިން"އެއްގެ ގޮތުގައި ރޮނާލްޑޯގެ ނަން އަނެއްކާވެސް ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރަން ފެށިއެވެ.

ރޮނާލްޑޯގެ ކެރިއަރު "ނިމުމުގެ ފެށުމަކީ" އެރިކް ޓެން ހާގް؟

ޔުނައިޓެޑާއެކު ރޮނާލްޑޯގެ ދެވަނަ ސީޒަނުގައި އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ތަޖުރިބާކާރު ކޯޗު އެރިކް ޓެންހާގް ހަމަޖައްސައި، އެ ޓީމުން އުންމީދު ތަކަކާއިއެކު މަސައްކަތް ފެށިއެވެ.

ރޮނާލްޑޯ ޓެން ހާގާއެކު--

އެރިކް ޓެންހާގް އަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، އެ ކުޅުންތެރިންނާއެކު ކާމިޔާބީއަށް ވާސިލްވުމަށް މަސައްކަތްކުރާ ކޯޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާއިރު، އޭނާގެ ޕްލޭނުގައި ރޮނާލްޑޯ ހިމެނިދާނެތޯ، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިން ސުވާލުކުރެއެވެ. ޖަވާބުގައި ޓެންހާގް އަބަދުވެސް ބުނަމުންދިޔައީ ރޮނާލްޑޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، ޓީމުގެ ޕްލޭނުގައި ރޮނާލްޑޯ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

އެހެންނަމަވެސް ދެން ފެނުނީ ޓެން ހާގުގެ ބަހާއި އަމަލު ދިމާނުވި މަންޒަރެވެ.

އެރިކް ޓެން ހާގާއި ރޮނާލްޑޯއާ ދެމެދު ގިނަ މަައްސަލަތަކެއް ހުރި ކަމުގެ ޚަބަރުތައް މީޑިއާއަށް ތިލަވާން ފެށިއެވެ.

ރޮނާލްޑޯގެ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވި ހިތާމަވެރި ކަމެއްގެ ސަބަބުން އޭނާއަށް ޕްރީ ސީޒަން ފަރިތަކުރުންތަކާއި މެޗުތަކުގައި ފުރިހަމައަށް ބައިވެރި ނުވެވުމުގެ ސަބަބުން، ޔުނައިޓެޑުން މި ސީޒަން ފެށިއިރު ޓެން ހާގް ރޮނާލްޑޯއަށް މެޗުތަކުގައި ފުރުސަތު ދިނުން މަދުކޮށްލިއެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ކުޅުނު އެއްވެސް މެޗެއްގައި، ރޮނާލްޑޯއަށް 90 މިނެޓު ހަމަވަންދެން ފުރުސަތު ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއާއެކު ބައެއް މެޗުތަކުގައި ރޮނާލްޑޯ ހިތްހަމަ ނުޖެހިގެން މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިއުމާއި، މެޗުގެ ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ކުޅެން އަރަން ބުނުމުން އެކަމަށް އިންކާރު ކުރުން ފަދަ މައްސަލަތަކެއްވެސް ފެންމަތިވިއެވެ.

ރޮނާލްޑޯ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ---

އެގޮތުން ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެން އަރަން ދެކޮޅު ހެދުމާއި ގުޅިގެން އޭނާއަށް ސަސްޕެންޝަނެއްވެސް ޔުނައިޓެޑުން ދީފައި ވެއެވެ.

މިފަދަ އެތައް ކަމެއް ހިނގައިގެން ދިޔަފަހުން ދެން މި މައްސަލަތަކުގައި އިތުރަށް ހުޅުހިފައި، އަލިފާން ގަނޑު އިތުރަށް ރޯވީ، ހުސްވި ނޮވެމްބަރު މަހު، ޕިއާސް މޯގަންގެ ޕްރޮގްރާމެއްގައި ރޮނާލްޑޯ ދިން އިންޓަވިއު އަކާއި ގުޅިގެންނެވެ.

އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ، ޔުނައިޓެޑުގެ ކޯޗު ޓެން ހާގަށް އިހުތިރާމް ނުކުރާ ކަމަށާއި، ކުލަބުގެ ބައެއް ވެރިންނަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ޔުނައިޓެޑުން އޭނާއަށް ބޭވަފާތެރިވެފައި ވާ ކަމަށާއި، ޓީމާއި މެދު ހިތްހަމަނުޖެހުންތައް ހުރިކަން ރޮނާލްޑޯ ހާމަކޮށްފައިވެއެވެ.

ވޯލްޑްކަޕްގައި ޕޯޗުގަލްއިން ކުޅުނު ފުރަތަަމަ މެޗު ފެށެން 24 ގަޑިއިރަށް ވެފައި ވަނިކޮށް، ޔުނައިޓެޑުން ވަނީ ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން، ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އުވާލިކަން ހާމަކޮށްފައެވެ.

މިކަން ހާމަކޮށް މެންޗަސްޓަރ ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓުގައި އަދި މީސްމީޑިއާގެ މަންސަތަކުގައި އެ ކުލަބުގެ ރަސްމީ އެކައުންޓުތައް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިއުލާން ނެރުނު ވަގުތުން ފެށިގެން ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ހެދިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، މި ދެ ފަރާތުން ވާހަކަދެކެވިގެން ދެ ފަރާތުގެ ރުހުމާއެކު ނިންމި ނިންމުމެއް ކަމަށެވެ.

ޔޫއެފާ ނޭޝަންސް ލީގު ތައްޓާއެކު--

ޔުނައިޑެޑުން ރޮނާލްޑޯ ދޫކޮށްލި ނަމަވެސް ގައުމީ ޓީމަށް އޭނާ ބެލެވުނީ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައިވެ. ވޯލްޑްކަޕްގައި ޓީމު ގޮވައިގެން ކުރިއަށް ދާނެ ކުޅުންތެރިއަކީ އޭނާ ކަަމަށް ހީކުރެވުނެވެ.

ހާއްސަކޮށް ޕޯޗުގަލްއިން 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބު ކުރުމުގައި ރޮނާލްޑޯގެ ދައުރު ބޮޑުވީމައެވެ. ފައިނަލް މެޗުގައި ފްރާންސްއާ ދެކޮޅަށް ކުޅެ އަނިޔާވެގެން، އެ މެޗު ފުރިހަމަ ނުކުރެވުނު ނަމަވެސް، އެޓީމު ފައިނަލާ ހަމައަށް ގެންގޮސްދިނުމުގެ މޭސްތިރި އަކީ ހަމަ ރޮނާލްޑޯއެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައިވެސް، ޕޯޗުގަލްއިން ހޯދާ ކާމިޔާބީ ތަކުގައި ރޮނާލްޑޯގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވުނެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ފުރަތަމަ 11 އިން ގަވައިދުން ޖާގަ ހޯދަމުން އައި ރޮނާލްޑޯ މުބާރާތުގެ އެންމެ މުހިންމު ހިސާބަށް އައުމާއެކު ފުރަތަމަ 11 އިން ޖާގަ ވަނީ ގެއްލިފައެވެ.

އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ގްރޫޕް ސްޓޭޖުގައި ތިން މެޗު ކުޅުނުއިރު، ޓީމަށް ލަނޑު ޖަހައިދިނުމުގައި އެންމެ އިސްދައުރެއް އަދާކުރަން ޖެހޭ "ޓޮޕް ސްޓްރައިކަރު"ގެ ގޮތުގައި ހުރި ރޮނާލްޑޯއަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. އެއީވެސް ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ރޭ ވޯލްޑްކަޕްގެ ގަދަ 16ގައި ޕޯޗުގަލް ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން އޭނާ ފެނުނީ މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައެވެ.

އެ މެޗަށް ޕޯޗުގަލްއިން އެކުލަވާލި ފުރަތަމަ 11 ގައި ރޮނާލްޑޯއަށް ފުރުސަތު ދީފައި ނުވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުތު ކޮރެއާ އަތުން ޕޯޗުގަލް ބަލިވި މެޗުގައި ރޮނާލްޑޯގެ އަމަލުތައް ހުރި ގޮތާއިމެދު ކަންބޮޑުވާ ކަމަށް ޓީމުގެ ކޯޗު ފެރްނާންޑޯ ސަންޓޯޒް ބުނެފައިވެއެވެ.

ރޮނާލްޑޯ ވޯލްޑްކަޕްގައި ގާނާއާ ދެކޮޅަށް ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ---

އެގޮތުން އެ މެޗުގައި ރޮނާލްޑޯ ބަދަލު ކުރުމަށް ކޯޗު ނިންމުމާއި ގުޅިގެން ރޮނާލްޑޯ އަމަލުކުރި ގޮތުން ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ. އެއީ އެވަގުތު އޭނާ ދަނޑުން ފައިބަމުން، އަނގަމަތީގައި އިނގިލި އަޅައި، އިތުރަށް ވާހަކަ ނުދެއްކުމަށް އިޝާރާތް ކޮށްފައިވެއެވެ.

ފަހަކަށް އައިސް ރޮނާލްޑޯގެ ކުޅުމުގެ ފެންވަރު ދަށް ކަމަށް، ފުޓުބޯޅަ އެނަލިސްޓުންނާއި، މި ކުޅިވަރުގެ ސަޕޯޓަރުން ބުނަމުން އައި ނަމަވެސް، ރޮނާލްޑޯގެ ލެގަސީ އަކީ ފަނޑު ނުވާނެ، ހަނދާނުން ނުފިލާވަރުގެ ލެގަސީ އެކެވެ.

ފުޓުބޯޅައިގެ ތާރީޚުގައި އަބަދުވެސް ލިޔެފައި އޮންނާނީ ފުޓުބޯޅަ ކެރިއަރު ދުށް އެންމެ މޮޅު އެއް ކުޅުންތެރިއަކީ ރޮނާލްޑޯ ކަމަށެވެ.

މިވަގުތު ކުލަބެއް ނެތި ފްރީ އެޖެންޓެއްގެ ގޮތުގައި ރޮނާލްޑޯ ހުރިއިރު، އޭނާގެ ސޮއި ހޯދުމަށް ސައުދީގެ ކުލަބުތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިހާތަނަށް ރޮނާލްޑޯ މީގެއިން އެއްވެސް ހުށަހެޅުމަކަށް އެއްބަސްވެފައެއް ނުވެއެވެ.

ކާމިޔާބު ކެރިއަރަކަށްފަހު ރޮނާލްޑޯ މިގޮތަށް ފުޓުބޯޅައިން ރިޓަޔާކުރުން އެއީ، ފުޓުބޯޅައަށް ލޯބިކުރާ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ. އަދިވެސް ގިނަ ބަޔަކު އުންމީދު ކުރަނީ، ޔޫރަޕުގެ ބޮޑު ކުލަބެއްގެ ހުށަހެޅުން ރޮނާލްޑޯއަށް ލިބި، ކެރިއަރުގެ އެންމެ ފަހު ދުވަސްތަކުގައިވެސް، ފުޓުބޯޅައިގެ "ޓޮޕް" ފަންތީގައި އޭނާ ފެނިގެންދިއުމެވެ.

comment ކޮމެންޓް