ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަ

އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި އޮކްޓޫބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 79 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޫބަރު މަހު އެ މިނިސްޓްރީއަށް ޖުމްލަ 208 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 79 މައްސަލަ ހުށަހެޅި ކަމަށް އެ ތަފާސްހިސާބުތައް ދައްކައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. ސެޕްޓެމްބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

ޖެންޑާއިން ބުނީ އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން އިހުމާލުވުމުގެ 23 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް މިިނިސްޓްރީން ފާހަގަކުރެއެވެ. މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 22 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލަ، ބްލެކްމެއިލް ކުރުމުގެ އެއް މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ އެ ކެޓަގަރީން ހުށަހެޅިފައިވެއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެ ބާވަތުގެ 15 މައްސަލަ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 12 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ ތިން މައްސަލަ، އިހުމާލުގެ ތިން މައްސަލަ ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ، މާލީ ނުވަތަ އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ އެއް މައްސަލައާއި މަޖުބޫރު ކުރުވައިގެން މަސައްކަތް ކުރުވުމުގެ އެއް މައްސަލަ ހުށަހަޅާފައިވެއެވެ.

ހުށަހެޅިފައިވާ ޢާއިލީ މައްސަލަތަަކަށް ބަލާއިރު އެކަމާ ގުޅުންހުރި 33 މައްސަލައެއް އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
އެފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 12 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 11 މައްސަލަ، ހަޟާނާތުގެ ހަތް މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ ތިން މައްސަލަ ހިމެނެއެވެ.

ޖެންޑާއިން ބުނީ އޮކްޓޫބަރު މަހު އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 13 މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ އޮކްޓޫބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 17 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ފަސް މައްސަލައެކެވެ.

އަޚުލާގީ މައްސަލަތަކަށް ބަލާއިރު ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 17 މައްސަލައެއް އޮކްޓޫބަރު މަހު ވަނީ ހުށަހެޅިފައެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ ހަ މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ ހަތަރު މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ ތިން މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ ދެ މައްސަލަ، ސްލޫކީ އެއް މައްސަލައާއި ރުޅިވެރި، ގަވާއިދާ ޚިލާފު ނުވަތަ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވުމުގެ އެއް މައްސަލަ ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ހަ މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައެވެ. އެބާވަތުގެ މައްސަލަތަކުގެ ގޮތުގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ ދެ މައްސަލަ، ސާފު ބޯފެނުގެ ޚިދުމަތް ކަނޑާލުމުގެ ދެ މައްސަލަ، ކަރަންޓު ޚިދުމަތް ކަނޑާލުމުގެ އެއް މައްސަލަ އަދި އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ އެއް މައްސަލަ ހުށަހެޅިފައިވެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކަށް ބަލާއިރު ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި އޮކްޓޫބަރު މަހު ހުށަހެޅިފައިވަނީ ދެ މައްސަލައެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 183 ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެ މަހުގައި ދައުލަތަށް އަލަށް ދެ ކުއްޖެއް ނެގިފައިވާއިރު ހަތަރު ކުއްޖެއް ރީއިންޓަގްރޭޓް ކުރެވި، އެއް ކުއްޖަކު ފޯސްޓަރކުރެވި އަދި 18 އަހަރު ފުރުމާ ގުޅިގެން އެއް ކުއްޖަކަށް ވަޒީފާ ހޯދައިދެވިފައިވާ ކަމަށެވެ.

comment ކޮމެންޓް