ނަހުލާއަށް ފިޔަވަޅު އަޅާނީ އެވަރު ކަމެއް ފާހަގަވުމުން: ސަރުކާރު

ނަހުލާއަށް މިނިސްޓަރު ކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފއިވާ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާ މެދު ފިޔަވަޅު އަޅާނީ އެފަދަ ކަމެއް ފާހަގަވުމުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްވެ ހުންނަވައި ގަވާއިދާ ޚިލާފަށް 57 އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭސީސީއަށް މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި މީގެ ކުރިން ހުންނެވި ބޭފުޅަކު ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ބުނެފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ނަހުލާ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މާލީ ތަނަވަސްކަން ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ ނާޖާއިޒް ފައިދާ ނަގައިގެން ކަމަށާއި، އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ގަވާއިދުގެ އެއްވަނަ އިސްލާހުގައި މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރިކަމުގެ ހުއްދަ ހުށަހަޅާފައި ނުވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މިނިސްޓަރު ނަހުލާއާ މެދު ފިޔަވަޅު އަޅާނީ، ފިޔަވަޅު އަޅަން ޖެހޭ ފަދަ ސީރިއަސް ކަމެއް ތަހުގީގުން ފާހަގަކުރެވިއްޖެ ނަމަ ކަމަށެވެ.

ނަހުލާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީން ބަލައިގަނެ، ރަޖިސްޓްރީ ކުރުމަށް ފަހު ތަހުގީގުގެ ފުރަތަމަ މަރުހަލާ މިހާރު ފަށާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. މިކަމާމެދު ގިނަ އާންމުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އޭނާ މަގާމުން ސަސްޕެންޑް ނުކޮށް ތަހުގީގު ހިންގާތީ އެކަމާ މެދު ސުވާލު އުފައްދާފައިވެއެވެ.

އެކަމާގުޅިގެން މިއުވާން ވިދާޅުވީ ފަހުން ބަދަލުކުރި އުސޫލާ އެއްގޮތަށް މައްސަލައެއްގައި މީހެއްގެ މައްޗަށް ތުހުމަތުކުރުމާ އެކު މަގާމުން ސަސްޕެންޑް ނުކުރާނެ ކަމަށެވެ.

ފިޔަވަޅު އަޅަން ޖެހޭ ފަދަ ކްރެޑިބަލް މައުލޫމާތެއް ތަހުގީގުގެ ތެރެއިން ލިބިއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

މިނިސްޓަރު ނަހުލާގެ މައްސަލަ ބަލަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ވަނީ ބުނެފައެވެ. އެކަމަކު އޭސީސީން ބުނީ އެ ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށާއި އެމައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކުރި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓަރު ނަހުލާ ރައީސް އޮފީހަށް ސިޓީއެއްވެސް ފޮނުއްވާފައި ވަނިކޮށެވެ.

މީގެއިތުރުން، ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީ ކުރި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވެސް ވަނީ ދާދިފަހުން ސަސްޕެންޑް ކޮށްފައެވެ.

comment ކޮމެންޓް