ޓަވަރުތަކުން އެއްޗެހި އުކުން: ފުރާނައެއް ގެއްލުމުގެ ކުރިން ހުއްޓުވާ!

ހިފާ ފްލެޓެއްގެ މަތިން އުކާލި އެއްޗެހިތަކުން ދެ ވެހިކަލަކަށް ގެއްލުން ވެފައި ---

ހިޔާ ފްލެޓުގެ 14ވަނަ ޓަވަރުގައި ދިރިއުޅޭ އަބްދުﷲ ހުސައިންގެ ކޮއްކޮ، މެންދުރުގެ ގަދަ ހޫނުގައި ބަރު ދަބަސް ކޮނޑުގައި އަޅުވައިގެން ދިޔައީ ޓިއުޝަނަށެވެ. ޓަވަރުތަކުގެ މަތިން އާންމުކޮށް ވެސް އެއްޗެހި ވެއްޓޭތީ އެކަމުން ސަލާމަތްވުމަށް އޭނާ ހިނގީވެސް ދުވާރާ ދުރުންނެވެ. ނަމަވެސް އޭނާއަށް ކުއްލި ސިހުމެއް ގެނުވީ ބާރަށް އައިސް އެއްޗެއް އައިނުގެ ދުނިގަނޑުގައި ޖެހުމުންނެވެ. ވިސްނާވެސް ނުލާ ހުއްޓާ ސިއްސައިގެން ދިޔައީ ގައިގައި ޖެހުމަށްފަހު ބިމަށް ތެޅުނު ބިއްލޫރި ފުޅީގެ އަޑުންނެވެ.

މީގެ މަސްދުވަސް ކުރިން ހެއްދި އައިނު އޮތީ މާދުރަށް ވިއްސައިގެން ގޮސް ތަޅައިގެން ގޮސްފައެވެ. ފުޅިންޖެހި މޫނުމަތި ވެސް ހަލާކުވެ އިތުރު ފަރުވާ ހޯދަން ހޮސްޕިޓަލަށް ވެސް ދާން ޖެހުނެވެ.

"އައިނު ވެސް އަލުން ހައްދަން ޖެހުނީ. ކޮއްކޮގެ މޫނުމަތި ކަފައިގެން ގޮސް ފަހަން ވެސް ޖެހުން،" އަބްދުﷲ ހުސައިން އެވާހަކަ "ސަން"އާ ހިއްސާ ކުރަމުން ބުންޏެވެ.

މީގެ ދެ ދުވަސް ކުރިން އޭނާއަށް ވެސް ހަމަ މިފަދަ ހާދިސާއެއް ދިމާވިކަމަށް އޭނާ ބުންޏެވެ. އޭނާގެ ކޮނޑުގައި ޖެހުނީ މަތިން މީހަކު އެއްލި ނެޕީ އަކުންނެވެ. އޮފީހަށް ދާން ލަސްވެގެން ތެޅެމުން ނުކުތް އަބްދުﷲ ގައިގައި ނަޖިސް އުނގުޅި އެ ދުވަހު އޮފީހަށް ގަޑިޖެހުނީއެވެ.

"އަހަރެންގެ އަންހެނުން ގައިގަ ވެސް މީގެ ހަފުތާއެއް ކުރިން ޖެހުނު ޕެކެޓަކުން. އޭނައަށް އެއްވެސް ގެއްލުމެއް ނުވޭ،" އަބްދުﷲ ހުސައިން ބުންޏެވެ.

މިއީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އެންމެންނަށް ވެސް ދިމާވާ ކަމެކެވެ. ހިޔާ ފްލެޓުތަކުގެ މަތީ ފްލޯތަކުގައި ދިރިއުޅޭ މީހުން ބިންމައްޗަށް ކުނި އަޅާ، ހިފާ ގެންގުޅޭ ތަކެތި އުކުމަކީ ވަރަށް އާންމުކަމެކެވެ. މިފަދަ މައްސަލައެއް މީގެ ދެ މަސް ކުރިން ވެސް މީޑިއާއަށް ފެންމަތިވިއެވެ.

އެފަހަރު އާންމުވެފައިވާ ވިޑިއޯއަކުން ފެންނަނީ ޓަވަރެއްގެ 17 ވަނަ ފްލޯގެ ބެލްކަނީގައި ހުރި އަންހެނަކު ގިނަ އަދަދެއްގެ ސާމާނު މަގުމައްޗަށް އުކާތަނެވެ. އޭނާ އުކި ތަކެތީގެ ތެރޭގައި ގަސް އިންދާފައި ހުރި ޕޮޓްތަކާއި ބަދިގޭގައި ކައްކަން ބޭނުން ކުރާ ސާމާނު ވެސް ހިމެނެއެވެ.

ހިޔާ ފްލެޓަކުން މީހަކު މަގުމައްޗަށް އެއްޗެހިތަކެއް އުކުމުގެ ސަބަބުން ވެހިކަލަކަށް ގެއްލުން ވެފައި ---

އޭނާ އުކި ތަކެތިން ޖެހުމުގެ ސަބަބުން ތިން ވެހިކަލަކަށް ގެއްލުން ވެފައިވާއިރު ޕާކްކޮށްފައި އޮތް އެއް ކާރުގެ ވިންޑް ސްކްރީން އެއްކޮށް ތަޅައިގެން ދިޔައެވެ. އަދި ކާރާ ޖެހިގެން ޕާކްކޮށްފައި އޮތް ޕިކަޕުގެ ވިންޑް ސްކްރީންގެ ބަޔެއް ތަޅައިގެން ގޮސްފައިވާއިރު އިތުރު ޕިކަޕަކަށް ވެސް ގެއްލުން ލިބި، އެ އުޅަނދުތަކުގެ ވެރިންނަށް މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހުނެވެ. އެކަން އެ ފަހަރު ކުރީ ނަފްސާނީ ބަލި ހުންނަ މީހެކެވެ.

މިއަދާ ހަމައަށް އެފަދަ ކަމަކުން މީހެއްގެ ފުރާނައަށް ގެއްލުންވެފައި ނުވި ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމާމެދު ފްލެޓުގައި ދިރިއުޅޭ މީހުން ކަންބޮޑުވާ މިންވަރު ހިޔާ ފްލެޓުގެ ކޮމިއުނިޓީ ވައިބާ ގްރޫޕުތަކާއި ޓަވަރުތަކުގެ ވައިބާ ގްރޫޕުތަކުން ވެސް ހާމަވެއެވެ.

ހިޔާ ޕްލެޓުތަކުގެ ބެލެނިވެރި ފަރާތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. ނަމަވެސް އެޗްޑީސީން ވެސް އަދި މިހާތަނަށް މިކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކަންބޮޑުވުން ފާޅުކޮށް، މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް.

މައްސަލަ ހުށަހަޅާ، ހުއްޓުވަންވީ ގޭތެރެއިން

މިކަމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ މަތިން އެއްޗެހި އުކާ މައްސަލަ ކޮންމެވެސް ވަރަކަށް އެ ކޯޕަރޭޝަނަށް ހުށަހަޅާކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް ބަލާނީ ޕޮލިހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިޔާ ފްލެޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާކަމަށެވެ. ނަމަވެސް ޓަވަރުތަކުން އެއްޗިހި އުކާ މަންޒަރު އަރާފަދަ ގޮތަކަށް ނުވަތަ އެކަން ކުރަނީ ކޮންބައެއްކަން އެނގޭ ފަދަ ގޮތަކަށް ކެމެރާ ހަރުކޮށްފައި ނުހުންނަކަން އޭނާ ފާހަގަކުރިއެވެ.

"ބެލްކަނީގައެއް ނުހުންނާނެ ކެމެރާ ހަރުކޮށްފައެއް. އެހެންވީމަ އެއްޗިހި އުކާތަނެއް ނުއެއް އަރާނެ ކެމެރާއަކަށް،" އޭނާ ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ހިޖުރަކޮށް އާބާދުވެފައިވާ ތަނެއްގައި އެފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމުގެ މަސައްކަތް ފަށަން ޖެހޭނީ ގޭތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިކަން ހައްލުކުރަންވާނީ އެ އާއިލާއަކުން. ކުޑަކުދިން ތަކެތި އެއްލާ ނަމަ އެ އާއިލާއެއްގެ މައިންބަފައިން އެކަމުގެ ޒިންމާނަގަންވާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވޭނީ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށްގެން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްގެނެވެ. އަދި އެކަން އެ ކޯޕަރޭޝަނުން އަބަދުވެސް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުން "ސަން"އަށް ވިދާޅުވީ ހިޔާ ފްލެޓުތަކުގެ މަތިން އެއްޗެހި އުކާ މައްސަލަ ފުލުހަށް ވެސް ކޮންމެވެސް ވަރަކަށް ރިޕޯޓުކުރާކަމަށެވެ.

ހިޔާ ފްލެޓުތަކުގެ މަތިން ވަޅިއާއި ހިފާ ގެންގުޅޭ ބަރު ސާމާނު އުކައިގެން މީހުންގެ މުދަލަށް ވަނީ ގެންލުންވެފައެވެ. ކުޅާއި ފެން ޖަހައިގެން މީހުނަށް ދަނީ އެކަމުގެ އުނދަގޫ ކޮންމެ ދުވަހަކު ޖެހެމުންނެވެ. މިކަމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ކުރިމަތި ވުމަކީ ވަރަށް ގާތް ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި އިދާރާތަކުން އިސްނަގައިގެން ހުއްޓަން ޖެހޭ ނުރައްކާތެރި ކަމެކެވެ. މިފަދަ ކަމެއްގެ ސަބަބުން މީހެއްގެ ފުރާނަ ދިއުމުގެ ކުރިން ލޯ ހުޅުވަން ޖެހެއެވެ.

comment ކޮމެންޓް