ބްރިޖުގެ މަސައްކަތް ކުރަނިކޮށް ވެއްޓުނު ކެރޭނު ނަގައިފި، މަސައްކަތް ކުރިއަށް

ތިލަމާލެ ބްރިޖުގެ މަަސައްކަތު ކްރޭން ވެއްޓިފައި --

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން މޫދަށް ވެއްޓުނު ކެރޭނު މިއަދު ނަގައިފިކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފިއެވެ.

އެފްކޮންސްއިން މޫދު ޕްލެޓްފޯމެއްގައި ބޭނުން ކުރަމުން އައި ކެރޭނެއްގެ ބޫމް ފެއިލްވެ މޫދަށް ވެއްޓުނީ އިއްޔެއެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީއިން ކުރި ޓުވީޓެއްގައި ބުނީ، ކެރޭނު ވެއްޓުނު ނަމަވެސް މަސައްކަތް މަޑު ނުޖެހި ކުރިއަށް ދާނެކަމަށެވެ.

"މިކަމާ ގުޅިގެން މި މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުބެލެވެ،" މިނިސްޓްރީއިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް އެއްޗަކަށް ނުވަތަ މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މިނިސްޓްރީއިން ބުންޏެވެ.

ކެރޭން ވެއްޓުނީ ތިލަމާލެ ބްރިޖުގެ ދާއިމީ ތަނބެއް ޖެހުމުގެ މަސައްކަތް ކުރަނިކޮށެވެ.

މީގެ ކުރިން ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރާ ޕްލެޓުފޯމެއް ވިލިމާލެ ފަރަށް ވަނީ އަރައިފައެވެ. އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އެކަމާ ގުޅިގެން ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ނަމަވެސް އަދި އެ ފައިސާ ދައްކަން ފަށައިފައިވާކަމެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް