މާކިން އައިސް އޭނާގެ ކުރިމައްޗަށް ހުއްޓުމާއެކު ނައިރާއަށް އިސް އުފުލައިލާ މާކިންގެ ދެލޮލަށް ބަަލައިލެވުނެވެ. އެ މޫނުމަތިން ނައިރާއަށް ފެންނަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެކެވެ.

ގިނައިރު މާކިންއާ ހަތަރު ކަޅި ހަމަކޮށްގެން ހުންނަން ނައިރާއަށް ކުޅަދާނަ ނުވުމާއެކު އޭނާ އިސްޖަހައިލިއެވެ. މާކިން ކުޑަކޮށް ގުދުވެލުމަށްފަހު ނައިރާގެ ދެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އެއާއެކު ނައިރާއަށް މާކިންގެ ދެލޮލަށް ބަލައިލަން މަޖުބޫރުވިއެވެ. ލުއި ހިނިތުންވުމެއް މާކިން ނައިރާއަށް ހަދިޔާކޮށްލިއެވެ. އެއަށްފަހު، އޭނާ ނައިރާގެ ގައިގައި ބައްދައިލިއެވެ. ނައިރާވެސް މާކިންގެ ގައިގައި ބައްދައިލިއެވެ.

"މިޝޫ ހުރިހާ ވާހަކައެއް ވެސް ކިޔައިދީފި..." މާކިން މަޑުމަޑުން ބުނެލިއެވެ. ނައިރާއަށް އެ ހުރި ގޮތަށް ހުރެ އިސް އުފުލައިލާ މާކިންއަށް ބަލައިލެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އެއީ ނައިރާ ހާސްވާން ޖެހޭ ކަމެއް ނޫނޭ! ނައިރާއަށްވެސް އެއްވެސް ކަމެއް ނޭނގެއެއްނު. އަހަރެންނަށް ދުވަހަކުވެސް އޭނާއަށް މާފެއް ނުކުރެވޭނެ..." މާކިން ބުނެލިއެވެ.

"އަހަރެން ނުބުނަމެއްނު އޭނައަށް މާފުކުރާށެކޭ. އެންމެ ފުރަތަމަ ދުވަހު އޭނަ ފެނުމުންވެސް އެނގުނު އަހަންނާ ދޭތެރޭވެސް އޭނާގެ ނިޔަތް ރަނގަޅު ނޫންކަން..." ނައިރާ އެހެން ބުނެލުމުން މާކިން ނައިރާ ދުރުކޮށްލިއެވެ. އެއަށްފަހު އޭނާ ނައިރާ އެބުނި އެއްޗެއް ތަފްސީލްކޮށްދޭން އެދުނެވެ.

"ކިހިނެއްވީ ކުއްލިއަކަށް ތިހެން ތިބުނީ؟ އޭނަ ނައިރާއަށް ވެސް ކަމެއްކުރީތަ؟" މާކިން ބުނެލިއެވެ.

"ނޫން. އެ ފުރުސަތެއް އޭނާއަކަށް ނުލިބޭ..." އެހެން ބުނެލުމަށްފަހު އެންމެ ފުރަތަމަ ދުވަހުން ފަށައިގެން، ކަންތައް ވީ ގޮތް ނައިރާ މާކިންއާ ހިއްސާކޮށްލިއެވެ.

"އާރ ޔޫ އޯކޭ؟" މާކިންއަށް ނައިރާގެ ކޯތާފަތުގައި އަތް ޖައްސައިލެވުނެވެ.

"ޔެސް. އަހަރެން އޯކޭ... އެކަމަކު މިޝޫ ކިހިނެއްތަ؟" ނައިރާ މާކިން އޭނާގެ ކޯތާފަތުގައި ޖައްސާލާފައިވާ އަތުގައި ހިފައްޓައިލަމުން ބުނެލިއެވެ.

"މިހާރު އޯކޭ. އޭނަ ދުވަހަކުވެސް ބަދަލެއް ނުވާނެ. އެއީ އަހަރެންގެ މަންމަގެ ބޭބެއޭ ބުނަންވެސް ލަދުގަނޭ... އަހަރެމެން އެކަކުވެސް ހިޔެއް ނުކުރަން އޭނަ އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެޔެކޭ... އެކަމަކު އޭނަ އަހަރެމެން އެންމެންގެ ދިރިއުޅުން ހަލާކުކޮށްލައިފި. އެ ހާދިސާ ހިނގިފަހުން މިގޭގައި އެއްވެސް ކަމެއް ރަނގަޅެއް ނުވޭ. އެންމެ ފުރަތަމ މިޝޫ، ދެން މަންމަ ނިޔާވުން، ބައްޕައާ މިޝޫއާ ދެމެދުވެސް ހަމަ ނުޖެހުން. އަހަރެން އެންމެ ދެރަވަނީ އޭރު އަހަންނަށްވެސް މިޝޫ އެކަނިކޮށްލާފަ ކިޔަވަން ދެވުނީމަ. މިހާރު ހިތަށް އަރާ އަހަންނަށް އޭރު މިޝޫ ކައިރީގައި މަޑުކުރެވުނު ނަމަ އޭނަ ޑްރަގްގެ ތެރެއަށް ވެސް ނުދިޔައީހޭ" މާކިން ބުނެލިއެވެ. މާކިންގެ ވާހަކަތަކުން އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރާވަރު ނައިރާއަށް އިޙްސާސްވިއެވެ.

"މިޝޫ ރަނގަޅުވާން އެބަ މަސައްކަތް ކުރެއެއްނު. އެހެންވީމަ ދެން ހުރިހާކަމެއްވެސް އޯކޭވާނެ އިރާދުކުރެއްވިއްޔާ! ޑޯންޓް ވޮރީ... އަހަރެން މާކް އާ އެކީގައި އަބަދުވެސް ހުންނާނަން. އައި ވިލް ސަޕޯޓް ޔޫ. މިޝޫއަށް ވެސް. އަހަރެން މަސައްކަތް ކުރާނަން މިޝޫގެ އެންމެ ގާތް އެކުވެރިޔާއަށް ވެވޭތޯ." ނައިރާ ގެ އެ ޖަވާބުން މާކިންގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. އޭނާ ނައިރާއަށް ޝުކުރު އަދާކުރުމަށްފަހު ނައިރާގެ ގައިގައި އަނެއްކާވެސް ބައްދައިލިއެވެ.

***

މިޝްޔާ ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އޮށޯވެލިއެވެ. ފެންބޮވައިގަނެގެން ބަލައިލިއިރު ސައިޑް ކަބަޑު މަތީގައި ހުރި ފެންޖަގު ހުރީ ހުސް ވެފައެވެ. އެހެންކަމުން އޭނާ ޖަގު ހިފައިގެން ކާކޮޓަރިއަށް ދިޔުމުގެ ބޭނުމުގައި ކޮޓަރިން ނުކުތެވެ. ސިޑިން ފައިބައިގެން ގޮސް ކާކޮޓަރިއަށް ވަތްއިރު ރިފްއަތު އެތަނުން ނުކުންނަނީއެވެ. މިޝްޔާ އެއްފަރާތަކަށް ޖެހިލަމުން ރިފްއަތަށް ތަން ދެއްކިއެވެ.

މިޝްޔާގެ އަތުގައި އޮތް ޖަގަށް ބަލައިލުމަށްފަހު ރިފްއަތުވެސް އެއްޗެއް ނުބުނެ މިޝްޔާ ފަސްދީ ދާން ހިނގައިގަތުމަށްފަހުވެސް މަޑުޖެހިލިއެވެ.

"މިޝްޔާ..." ރިފްއަތު ބޭނުންވީ ދަރިފުޅާއޭ ކިޔާފައި ގޮވައިލަން ނަމަވެސް، އެ ލަފްޒު ބޭރުކޮށްލަން އޭނާއަށް އެހާ އުނދަގުވީ ކީއްވެގެންކަމެއް ނޭނގުނެވެ. އޭނާ މިޝްޔާއަށް ގޮވައިލުމާއެކު މިޝްޔާ ފަސް އެނބުރި ބަލައިލިއެވެ.

"ހޫމް..." މިޝްޔާ ބުނެލީ ހަމައެކަނި އެހެންނެވެ. އޭނާ އަތުގައި އޮތް ޖަގަށް ނަޒަރު ހުއްޓައިލިއެވެ.

"މާކިން ބުނި މިޝްޔާ ނާޒިލް ކައިރިން ސެޝަންތަކެއް ނަގާވާހަކަ؟ ކިހިނެއްތަ އެކަންތައްތައް ދަނީ؟ ބޭސް ކާ ވާހަކަ ވެސް ބުނި؟ ބަރާބަރަށް ބޭސްކަންތަ؟" ރިފްއަތު ސުވާލުކޮށްލުމާއެކު މިޝްޔާއަށް ރިފްއަތަށް ބަލައިލަން މަޖުބޫރުވިއެވެ. މީގެ ކުރިން އޭނާގެ އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ފާޅުނުކުރާ ރިފްއަތު ކުއްލިއަކަށް އެހެން އެހުމުން އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިޝްޔާގެ މޫނުމަތިން ހައިރާންކަން ރިފްއަތަށް ވެސް ފެނުނެވެ. އެއީ ކީއްވެގެންކަންވެސް އޭނާއަށް އެނގެއެވެ.

"މިޝްޔާ!" މިޝްޔާ އެއްެޗެއް ނުބުނުމުން ރިފްއަތަށް މިޝްޔާއަށް ގޮވައިލެވުނެެވެ. ރިފްއަތު އެގޮތަށް އޭނާއާ ވާހަކަ ދެއްކުމުން މިޝްޔާއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. ފުރަތަމަ ފަހަރަށް ރފްއަތުވެސް ކޮންމެވެސް ވަރަކަށް އޭނާއާ މެދު ވިސްނާކަމުގައި ހިތް އޭނާއަށް ބުނެދޭން މަސައްކަތް ކުރިއެވެ.

"ހުރިހާކަމެއްވެސް ރަނގަޅު." މިޝްޔާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ރިފްއަތު ހިނިތުންވެލުމަށްފަހު، އިތުރު އެއްޗެއް ނުބުނެ ރޭގަނޑުގެ ސަލާމްކޮށްލުމަށްފަހު އެތަނުން ހިނގައިގަތުމުން މިޝްޔާއަށް މޭޒު ދޮށުގައި އިށީނދެވުނެވެ. ރިފްއަތުގެ ވާހަކަ ދެއްކުމުން ތަފާތުކަމެއް އޭނާއަށް ފާހަގަ ކުރެވުނެވެ. މީގެ ކުރިން ރިފްއަތު ވާހަކަ ދައްކާނަމަ އަބަދުވެސް ހުންނާނީ ރުންކުރުވެފައެވެ. ހިތްހަމަ ނުޖެހިފައެވެ. އެތައް އަހަރުތަކެއްފަހުން ރިފްއަތު އެގޮތަށް އޭނާއާ ވާހަކަ ދެއްކުމުން އަދިވެސް މިޝްޔާ އިނީ އެކަންތައް ގަބޫލުނުކުރެވިފައެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައީ މި ދިޔަ ފަސް އަހަރު ދުވަހުގެ އެކިއެކި ހަނދާންތައް އައިސް އޭނާއަށް ގޯނާކުރަމުން ދިޔުމުގެ ސަބަބުންނެވެ.

އިރުކޮޅަކު އެތަނުގައި އިނުމަށްފަހު ފެން އަޅައިގެން މިޝްޔާވެސް ގޮސް ކޮޓަރިއަށް ވަނެވެ. އޭނާ އެނދުގައި އޮށޯވެލިތަނާ ފޯނަށް މެެސެޖެއް އައުމާއެކު ބަލައިލެވުނެވެ.

ނާޒިލްގެ މެސެޖެކެވެ. އޭގައި އޮތީ މިޝްޔާގެ ހާލެއް އޮޅުން ފޮލުވާފައެވެ. މި ފާއިތުވީ ދުވަސްތަކުގައި އޭނާއަށް ނާޒިލްގެ ފަރާތުން އެ މެސެޖް ވަރަށް ގިނައިން ލިބެއެވެ. ނާޒިލް އެ ގޮތަށް އެ ކުރާ މެސެޖް ތަކުގެ މާނަ ނަގާނެ ގޮތެއް މިޝްޔާއަކަށް ނޭނގެއެވެ. އެ ދެމެދުގައި އޭގެ އިތުރުން އެހެން މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. މިޝްޔާ ނިދީވެސް ނާޒިލްގެ ޚިޔާލުތަކުގައި އެތައް އިރަކު އޮތުމަށްފަހުއެވެ.

***

ޖެހިގެން އައި ދުވަހު ނާޒިލް އޭނާގެ ޑިއުޓީއަށް އޮފީހަށް ދިޔައެެވެ. އޯޕީޑީގައި ބަލިމީހުން ބަލާ ނިމުނުއިރު މެންދުރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ކުޑަކޮށް ބަނޑުހައިވެފައި ހުރިނަމަވެސް، އެ ގަޑީގައި އެއްޗެއް ކާކަށް ނާޒިލް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ގަސްތުކުރީ ކޮފީއެއް ގަނެގެން އައުމަށެވެ. ނާޒިލް ނުކުމެގެން ކެންޓީނާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ގޮސް ކޮފީއެއް ހިފައިގެން މައްޗަށް އަރަންވެގެން ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ނާޒިލްއަށް ފޯނެއް އައީ އެވަގުތެވެ. ގުޅީ މާކިންއެވެ.

"އޭތް! ކަލޭ ބިޒީތަ؟" މާކިން ސުވާލުކޮށްލިއެވެ.

"އުހުމް. ޑިއުޓީ ނިމުނީމަ އަނެއްހެން ބިޒީއެއް ނުވާނެ. ކިހިނެއްވީ؟ މިޝްޔާ އޯކޭތަ އަނެއްކާ؟" ނާޒިލްއަށް ސުވާލުކޮށްލެވުނެވެ.

"އާނ. މިޝްޔާ އޯކޭ. އެކަމަކު މަ މިއުޅެނީ ކުޑަކަމަކު ބޯ ގޮވައިގެން. ހިނގާބަލަ ކޮފީއަކަށް" މާކިން ބުނެލިއެވެ. ނާޒިލް އޭނާ ގުޅާނަމޭ ބުނެ ފޯނު ބާއްވާފައި ފޯނު ޖީބަށް ލާންވެގެން ކުޑަކޮށް މަޑުޖެހިލީ އަނެއް އަތުގައި ކޮފީ ތަށިވެސް އޮތުމާއެކުގައެވެ. އޭނާ ފޯނު ޖީބަށް ލާފައި ހިނގައިގަންނަން އުޅުނުވަގުތު މީހަކު ފަހަތުން އައިސް ކޮނޑުގައި އަތް ޖައްސައިލުމާއެކު ފަހަތަށް އެނބުރިލިއެވެ. އެއާއެކު ފެނުނު މީހެއްގެ ސަބަބުން އޭނާގެ ދެބުމަ ގާތްވެގެން ދިޔައެވެ. ނާޒިލްއަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެ މީހާ ހުރީ ސީދާ އޭނާގެ އަޅި ކުލައިގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓުނީ ނާޒިލްގެ ކަރުގައި އަޅުވާފައިވާ ކާޑަށެވެ.

"ނާޒިލް!" އޭގައި ލިޔެފައިވާ އެއްޗެއް އެ މީހާ ކިޔައިލިއެވެ.

"ތީ... ހައިފާގެ..." އެހިސާބަށް ބުނެފައި އޭނަ ހުއްޓައިލިއެވެ. ކުރިމަތީގައި ހުރީ މިޝްޔާގެ ބޮޑުބޭބެ ހާޝިމްއެވެ. ނާޒިލްގެ ހިތް ތެޅިގަތެވެ. ބުނާނެ އެއްޗެއް ނޭނގި ނާޒިލްއަށް ހުރެވުނުއިރު ހާޝިމް ދިޔައީ ނާޒިލްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދިރާސާ ކުރަމުންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު