އެންމެ ބޮޑު މަސައްކަތަކީ 'ފަތުރުވެރިކަމުގެ ވެރިން'ނަށް ދިވެހީން ހެދުން: މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

މި ފެށޭ އަހަރު ޓޫރިޒަމް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ދިވެހީން "ފަތުރުވެރިކަމުގެ ވެރިން"ނަށް ހެދުންކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން "ސަން"އާ މިއަދު ވާހަަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދާއިރާގައި ބޮޑެތި ވަޒީފާތަކަށް ދިވެހީންނަށް ފުރުސަތު ފަހިކޮށްދިނުމަށް އަންނަ އަހަރު މަސައްކަތްތަކެއްް ކުރާނެކަމަށެވެ.

އެގޮތުން ކުދި ހޮޓާތަކާއި، ގެސްޓު ހައުސް ވެރިން އިތުރުކުރުމާއި، ބޮޑު މުސާރަ ލިބޭ ވަޒީފާތަކާ ހަަމައަށް ދިވެހީން ގެންދިއުމަކީ އަމާޒެއްކަމަށެވެ.

"ޓޫރިޒަމްގެ ވިޔަފާރީގެ ވެރިންނަށް، އަދި ރިސޯޓު އޯނަރުންގެ ގޮތުގައި ވެސް ހަމަ ދިވެހީން އިތުރުކުރުން އެއީ އަޅުގަނޑުމެންގެ ބޮޑު މަސައްކަތަކީ. އަޅުގަނޑުމެން މި ގެންގުޅޭ ބަހަކީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހީން ހެދުން. އެއީ ޕްރޮޑަކްޓު އޯނަރުން ގޮތުގައި އާއި ވަޒީފާގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ވެސް ފަތުރުވެރިކަމަށް ބޮޑު ޑިމާންޑެއް އޮތް ކަމަށެވެ.

ޑިމާންޑު ނެތީ އުތުރާއި މެދުރާއްޖެ ތެރެއާއި ދެކުނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުގެ ސިޔާސަތަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުންކަމަށް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމަށް އިންވެސްޓުކުރުމުގެ އަގު ކުޑަކޮށްފައިވާކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އިންވެސްޓަރުންނަށް އަގު ކުޑަކޮށްދިނުމަކީ ޓޫރިޒަމް ޕޮލިސީގައި ބޭނުންކުރާ ސިޔާސަތެއްކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓަރު މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެން މި ބަލަނީ އެ ކުޑަކޮށްލައިގެން އެ ސަރަހައްދުތަކުގައި ވަޒީފާތައް އުފެދި، އެ ސަރަހައްދުތަކުގެ އިގްތިސާދާއި، އިގްތިސާދީ އެހެން ހަރަކާތްތައް ހިންގާއިރު ފައިދާވާނޭ. ރިސޯޓު އެއްޗެހި ތަރައްގީވެގެން އެ ސަރަހައްދުތައް ތަރައްގީވާނީ. ހަދައި ހުރިހާ އެއާޕޯޓުތަކަކަށް ވެސް ދަތުރުކުރެވޭނީ ރިސޯޓުތައް ތަރައްގީވެގެން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ސަރަހައްދުތަކުގައި ޓޫރިޒަމް ތަރައްގީކުރަން ރަށްތަކުގެ ޖޯގްރަފީއަށް ބަލައި، ޕްލޭންތައް ހަދަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ޕްލޭން ހަދާއިރު މިހާރު އެ ހިސާބުގައި ފަތުރުވެރިކަން ތަރައްގީވެފައި އޮތް މިންވަރު ވެސް ބަލާނެއެވެ.

"ބޮޑަށް ތަރައްގީވެފައި އޮތް ތަނަކަށް ދެން ކޮންމެހެން އެ ތަނަށް އިތުރު އިންޖެކްޝަނެއް ޖަހާކަސް ނުޖެހޭނެ. ތަރައްގީ ނުވެ ހުރި ހިސާބުތަކަށް އިންޖެކްޝަން ޖަހައި، ފެން ދީ ކަންތައް ކުރަަން ޖެހޭނީ،" މައުސޫމް ވިދާޅުވިއެވެ.

ޓޫރިސްޓު އެނދުތައް އިތުރުކުރުމާ ގުޅޭގޮތުން ވާހަަކަދައްކަވަމުން މައުސޫމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 8،000 އެނދު ތަރައްގީކުުރުން ކަމަށެވެ.

"އެއާޕޯޓުތަކަށް މަތިންދާ ބޯޓުތަކަށް ދަތުރުކުރެވޭނީ އެ ހިސާބުގައި އެނދު އިތުރުކުރެވިގެން. ރަނގަޅަށް ފަތުރުވެރިކަމުގެ އިގްތިސާދު ހިނގައިގަންނަން 8،000 އެނދު އެބަ ބޭނުންވޭ. އެހެންވީމާ އެ އަދަދު އެއީ އަޅުގަނޑުމެން މަސައްކަތްކުރަމުން އަންނަ އަދަދު. ދުވަހެއް ދުވަހަކަށް އެނދު އިތުރުވަމުން އައިސް އެންމެ ފުރިހަމައަށް އެ ސަރަހައްދެއްގެ އިގްތިސާދު ހިނގައިގަންނާނެ 8،000 އެނދު ހަމަވީމާ،" މައުސޫމް ވިދާޅުވިއެވެ.

އެ އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް