ނަފުސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި

ރައީސް ސާލިހް، ނަފްސާނީ ސިއްހަތު ހޭލުންތެރިކުރުމުގެ ޤައުމީ ކެމެޕެއިން "ކިހިނެތް" އިފްތިތާހްކޮށްދެއްވަނީ-- ފޮޓޯ/ރައީސް އޮފީސް

ނަފުސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިނެއް، "ކިހިނެއް"ގެ ނަމުގައި ރަސްމީކޮށް މިއަދު އިފްތިތާހްކޮށްފިއެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ، އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑް އިންޓަރިން ޕައުލޯ ސަސަރާއޯއާއި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސާލިހް، ނަފްސާނީ ސިއްހަތު ހޭލުންތެރިކުރުމުގެ ޤައުމީ ކެމެޕެއިން "ކިހިނެތް" އިފްތިތާހްކޮށްދެއްވަނީ-- ފޮޓޯ/ރައީސް އޮފީސް

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ނަފުސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިނެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި ބަލިތަކާމެދު ދެކޭގޮތް ބަދަލުކުރުން ހިމެނޭ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ, މި ކެމްޕެއިނުގެ ދަށުން އަމިއްލަ ނަފުސަށް އަޅާލުމުގެ އާދަ އަށަގެންނެވުމާއި އެކަކު އަނެކަކަށް އަޅާލުމުގެ މާހައުލެއް އުފެއްދުމަށް މަސައްކަތްކުރާނެ ކަމަށެވެ. މީގެ އިތުރުން މުޖުތަމައުގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި ނަފްސާނި ބަލި ތަހައްމަލުކުރަމުންދާ މީހުންނާ މެދު އޮންނަ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ކެމްޕެއިންގެ ޕްލޭން އެކުލަވާލުމުގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްދީފައިވަނީ ސައިކޮލޮޖީގެ ޚިދުމަތްދެމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ތިބާ" ކަމަށެވެ.

މި ކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށްގެންދަން ރާވާފައިވާ ކެމްޕޭނެކެވެ. އެ ކެމްޕޭން ކުރިއަށްގެންދާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުމާއެކުގައެވެ.

comment ކޮމެންޓް