ސްކޭމް ކޯލްތަކުގެ ސަބަބުން ލިބޭ ގެއްލުން ހިސާބު އަދަދުތަކަކަށްވުރެ މާ ބޮޑު: މިނިސްޓަރު އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ފޭރިގަތުމަށް ކުރާ ސްކޭމް ކޯލްތަކުގެ ސަބަބުން އާންމުންނަށް ލިބޭ ގެއްލުން ހަމައެކަނި ހިސާބު އަދަދު ތަކަކަށްވުރެ މާ ބޮޑު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސް ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ސްކޭމް ކޯލްތަކުގެ ސަބަބުން ރާއްޖޭގެ މުޅި އިޖްތިމާއީ ވެއްޓަށް އަރަމުންދާ ލޮޅުންތަކާއި، އިގްތިސާދީ ގޮތުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުމަކީ ހިސާބު އަދަދުތަކުން ނިންމާލެވޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ އެތައް އާއިލާއެއް ބޮޑެތި ވޭންތައް ތަހައްމަލް ކުރަން ޖެހިފައި ވާ ކަމަށާއި، ކުންފުނިތަކުގެ ހިސާބު ބަލަހައްޓައި ވަޒީފާ އަދާކުރުމަށް ވެސް ދަތި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންސާނުން ދިރިއުޅޭ ކޮންމެ މުޖުތަމައުއެއްގައިވެސް ކުށްކުރާ މީހުން އުޅޭނެ ކަމަށާއި، އެހެންނަމަވެސް އެފަދަ މީހުން ނުހުއްޓުވި ، އެމީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅި ދިޔުމަކީ މުޖުތަމައު ހަލާކުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

އިންސާނުން އުޅޭ މުޖުތަމައު ތަކުގައި އެ މުޖުތަމައުއެއް ހިންގާނެ ނިޒާމެއް، ދައުލަތެއް، ސަރުކާރެއް އެކުލެވިފައި އޮންނަނީ އެ މުޖުތަމައުގައި ކުށްކުރާ މީހުން ހުއްޓުވައި، ކުށްކުރާ މީހުންގެ ކިބައިން މުޖުތަމައުގެ އެހެން އަފުރާދުން ސަލާމަތްކޮށް ރައްކާތެރި ކުރުން. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ ދުވާލެއްހެ މައްޗަށް ގާތްގަނޑަކަށް ހަތަރުވަރަކަށް ސްކޭމް ކޯލްގެ މައްސަލަތައް ހުށަހެޅޭ އިރު، މިކަން ހައްލުކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެއްމުއައްސަސާ އަކުން އެކަނި މިކަމަށް ހައްލު ނުގެނެވޭނެ ކަމަށާއި، މިކަން ހުއްޓުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ މައްސަލަތައް ބަލަން ތިބި ފުލުހުންގެ އަދަދު މަދުކަމެވެ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ލަސްތަކެއް ހުންނަ ކަމުގެ ޝަކުވާ އިންތިހާއަށް ގިނަ ކަމަށާއި، އެހެންނަމަވެސް ސީދާ އެމައްސަލައެއް ބަލައި، ތަހުގީގުކޮށް ޕްރޮސިކިއުޓް ކުރުމާ ހަމައަށް ކޮންމެ އޮފިސަރެއް ތަހުގީގުކުރާ އެތައް ބައިވަރު މައްސަލައެއް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު މިކަންކަން ހައްލު ކުރަން ދައުލަތުން މަގުފަހި ކޮށްދެން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިއަދު މިކަންކަމުގެ ޒިންމާ ނަގަން ހުރި މީހެއްގެ ހައިސިސއްޔަތުން ތަފާތު މަސައްކަތްތަކެއް ކުރަމުންދާ ކަން އަޅުގަނޑު ގަބޫލުކުރަން، ނަމަވެސް މިކަމުއި ތަފާތު ގިނަ ގޮންޖެހުން ހުރިކަން ގަބޫކުކުރަން ޖެހޭ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ މައްސަލައެއް ހަމަ އެ ސީރިއަސް ކަން މަތީ ބަލައިގަންނަން ޖެހޭ ކަމަށެވެ. މިކަންކަމުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް