މިސްކިތްތައް ބަލަހައްޓަން އިސްލާމިކް މިނިސްޓްރިީން ބަޖެޓު ދޭގޮތަކަށް ނޯވޭ: މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިސްކިތްތައް ބަލަހައްޓަން އެ މިނިސްޓްރީން ބަޖެޓު ދޭގޮތަށް އުސޫލުގެ ތެެރޭގައި ނޯންނަކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިސްކިތްތަކުގެ އާބާތުރަ ފިލުވައި ބަލަހައްޓަން އެ މިނިސްޓްރީން ފައިސާ ނުދޭކަމަށް މާލޭ ސިޓީ ކައުންސިލުންވަނީ ޝަކުވާކޮށްފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ކުރުމަށް ކައުންސިލަށް ފައިސާ ނުދޭ ކަމަށް ބުނެ، އެ މަސައްކަތަށް ފައިސާ ހޯދަން މާލޭ ސިޓީ ކައުންސިލުން މި މަހުގެ 16ވަނަ ދުވަހު ޓެލެތޯނެއް ބާއްވަން ވެސްވަނީ ނިންމައިފައެވެ.

އެގޮތުން ސިޓީ ކައުންސިލުން މީގެ ކުރިން "ސަން"އަށް ބުނީ އެ މިނިސްޓްރީން މި އަހަރު މިސްކިތްތައް ބަލަހައްޓަން ދިނީ އެންމެ ތިން މިލިއަަން ރުފިޔާކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ޒަމްއަތު އަހްމަދު ވަހީދު ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުމަކީ މިހާރު ކައުންސިލްތަކާ މަތިކޮށްފައިވާކަމެއްކަމަށެވެ.

އެހެންކަމުން މިސްކިތްތައް ސާފުކޮށް، އާބާތުރަ ފިލުވައި ބަލަހައްޓަން ޖެހޭނީ ކައުންސިލުގެ ބަޖެޓުންކަމަށް ޒަމްއަތު ވިދާޅުވިއެވެ.

"އެކެއް އެޕްރީލް 2019އިން ފެށިގެން މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތަކަށްވަނީ ހަވާލުކުރެވިފައި. ކައުންސިލް ބަޖެޓު ތެރެއިން މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވައި، ފޮޅައި ސާފުކޮށް ބަލަހައްޓަން ޖެހެނީ. މިނިސްޓްރީން ވަކިން ބަޖެޓު ހަމަޖައްސާ ގޮތަކަށް ނޫން އޮންނަނީ،" އެ މިނިސްޓްރީން ބުންޏެވެ.

މިސްކިތްތައް ނުބެލެހެއްޓި އެ ތަންތަން މުޑުދާރުވުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ކައުންސިލްތަކުން ވެސް އަންނަނީ އެކަމަށް އެކަށީގެންވާ ބަޖެޓެއް ނުދޭކަމުގެ ޝަކުވާކުރަމުންނެވެ.

comment ކޮމެންޓް