މުއިއްޒު އުޅުއްވަނީ ބަލިވެ, އަޑުއެހުން ކެންސަލް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން މިއަދު ވަނީ ކެންސަލް ކޮށްފައި -- ސަން ފޮޓޯ/ ނާއިލް ހުސައިން

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބަލިވެ އުޅުއްވާތީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ތާވަލްކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ޑރ. މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ ދޮގު ބަޔާން ދިންކަމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ތިން މަސް ފަހުން މިއަދު ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ މުއިއްޒުގެ ފަރާތުން މެޑިކަލް ސެޓްފިކެޓް ހުށަހަޅުއްވައި އޭނާ ބަލިވެ އުޅުއްވާ ކަމަށް ވިދާޅުވެފައިވާތީކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ. އަދި ދައުލަތުން ވަނީ މުއިއްޒާ ދެކޮޅަށް ހުރި ހެކިތައް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފަސް މީހުން ހިމެނޭއިރު ދެން ހުރީ ކިތާބީ ހެއްކެވެ.

ދިފާއުން ވަނީ ހެކި ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް އެދިފައެވެ. އެހެންކަމުން ގާޒީ ވަނީ އެކަމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

އެހެންކަމުން މިއަދު ބޭއްވުމަށް ތާވަލުކުރި އަޑުއެހުމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ދިފާއުން ހުށަހެޅި ހެކިތައް ހާމަކުރުމެވެ. އެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު ދެން އަޑުއެހުމެއް ބާއްވާނެ ތާރީޚެއް ކްރިމިނަލް ކޯޓުން އާންމުކޮށްފައެއް ނުވެއެވެ.

ދައުލަތުން މުއިއްޒުގެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ޖޫން 14، 2020 ގައެވެ. އެ މައްސަލަ ބެއްލެވުމާ ފުރަތަމަ ހަވާލުވި ގާޒީ އެހެން ކޯޓަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ދެވަނައަށް ހަވާލުކުރި ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.

މިހާރު މި މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބު އަކީ މި މައްސަލައާ ހަވާލުވި ތިން ވަނަ ގާޒީއެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވެ، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ވިދާޅުވެ، ޑރ. މުއިއްޒު ދޮގު ބާޔަނެއް ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތަކަށް އޭނާ އިންކާރުކުރައްވައެވެ.

comment ކޮމެންޓް