ޖޭއެސްސީއަކީ ސަރުކާރުން ބެނުންހާ ނާޗަރަންގީއެއް ކުޅެން ހަދާފައި އޮތް ތަނަކަށް ވެއްޖެ: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ސަރުކާރުން ބޭނުންހާ ނާޗަރަންގީއެއް ކުޅެން އެކުލަވާލާފައިވާ ކޮމިޝަނަކަށް ވެގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ ކުރި ހުކުމް ބާތިލް ކުރުމަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނިންމުމުން އެކަމުގެ އުފަލުގައި އެމަނިކުފާނުގެ ސަޕޯޓަރެއްގެ ފަރާތުން ފޮނުވި ފަރިއްކޮޅެއް ބަލައިގެންފައިވާ ކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައެވެ.

ގިނަ ބަޔެއްގެ ފާޑުކިޔުން މިހާރު ޖޭއެސްސީއަށް އަމާޒުވެފައިވާއިރު، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މެމްބަރު އާދަމް ޝަރީފް "ސަން" އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެކޮމިޝަނުގައި މިވަގުތު ތިއްބެވީ ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ނާގާބިލް ބައެއް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައީސް ނަޝީދުވެސް އެކަހެރި ކޮށްލުމަށް ކަމަށެވެ.

ސުޕްރީމް ކޯޓަކީ ޝަރުއީ ނިޒާމުގެ އެންމެ މަތީ ބާރުކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެކޯޓުގެ ފަނޑިޔާރުންގެ މަސައްކަތް ހުންނަ ގޮތުން ފަރިއްކޮޅެއް ގެންދެވި މައްސަލައެއް ބެލުމަކީ އޭގެ ޒާތުގައި އެއްވެސް ބުރަދަނެއް ހުރި ކަމެއް ނޫން ކަމަށެވެ.

އެބޭފުޅުންގެ މަސައްކަތްތައް ހުންނަ ގޮތުން، އެބޭފުޅުން އަމިއްލަފުޅަށް ޚަރަދުކުރައްވައިގެން މެންދުރުގެ ފަރިއްކޮޅެއް ގެންނަ ކަމަކާ މައްސަލައެއް ޖެހިގެން ދިޔުމަކީ، އެކަން ބަލާ ވަރަށް ވުރެ މާ ކުޅޭ ކުޅޭ ކަމެއް. މާ އާދައިގެން ކަމެއްގެ ވާހަކަ މި ދައްކަނީ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަޒާހާތްތެރިކަން ބަތް ޕާރުސަލެއްހާ އަގު ދަށް ވާނެ ކަމަކަށް އެއްގޮތަކަށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަންމަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

އޭނާ ވިދާޅުވީ ސަރުކާރުންވެސް އެފަދައިން ވިސްނައިގެން ނުވާނެ ކަމަށާއި، އެކަމާ ގުޅިގެން ޖޭއެސްސީން ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ދޭހަވަނީ ސަރުކާރުން އެތަން ނާޗަރަންގީ ކުޅޭ ހާއްޔަކަށް ބަދަލުކޮށްލާފައިވާ ކަން ކަމަށެވެ.

މީގެއިތުރުން، އެކަމަކީ ސުވާލު އުފެދޭ ކަމަކަށްވެސް ނުވާއިރު، ޖުޑީޝަރީއަށް ނުފޫޒު ފޮރުވުމަށް ބޭނުންކުރާ ހަތިޔާރަކަށް ޖޭއެސްސީ ހެދުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ސަރުކާރުގެ ނުފޫޒު ހުރިހާ ދިމާއަކަށް ފޯރުވަމުން ދާ ކަމަށާއި، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނަކީ ޚުދު އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމަށްފަހު އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ވީހިނދު، މިފަދަ މައްސަލައެއް މިހިސާބައަށް އައުމަކީ ދައުލަތުން ވެސް ވިސްނާލަން ޖެހޭ ވަރު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒް ވިޔަފާރި ކުރައްވަން ޖެހޭނީ ވަކި ފިހާރައަކުން ތޯ، އެމިނިވަންކަންވެސް މަހާޒަށް ނެތީތޯ؟ ސަރުކާރުން އެކަންކަން އަންގަންވީނުންތޯ އެވަރަށް ނުފޫޒު ފޯރުވާއިރު. ފަނޑިޔާރަށް ހިސާން ވިދާޅުވާ ރެޔަކުއޭ އަނބިކަނބަލުން ކައިރި ނިދިކުރެއްވޭނީ. އެވަރަށް ތިލަ ކުރައްވަންވީނުންތޯ. އަންގާލީމަ ނޫންތޯ ރަނގަޅު ވާނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

އޭނާ ވިދާޅުވީ ފަނޑިޔާރުންގެ ހުރިހާ އަމަލުތަކެއް ބަހައްޓަން ޖެހޭ ގޮތުގެ އެސްއޯޕީ އެއް ޖޭއެސްސީން އާންމު ނުކުރާހާ ހިނދަކު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް މަދު ނުވާނެ ކަމަށާއި، ސަރުކާރުގެ ނުފޫޒު އެކޮމިޝަނަށް ބޮޑުވެ އާންމުންނަށްވެސް ބިރަކަށް ވެފައިވާ ކަމަށެވެ.

ފަނޑިޔާރު މަހާޒާ ގުޅޭގޮތުން މިމައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން ފަނޑިޔާރު މަހާޒް ޓްވިޓާގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެން ދާތީ ކޮންމެ ދުވަހަކުވެސް މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅަކު ތިން ފަނޑިޔާރުންނަށް، އަމިއްލަ ޚަރަދުގައި މެންދުރުގެ ފަރިއްކޮޅެއް ގެނެސްދެއްވާ ކަމަށެވެ. އަދި އެއީ ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުންނާ އެންމެ ފަހުން އެއް ތަނަކުން ދިމާވާނެ ފަހު މަސައްކަތު ދުވަސް ކަމަށް ވާތީ ހުރިހާ ފަނޑިޔާރުންނަށް އަމިއްލަ ޚަރަދުގައި މެންދުރުގެ ފަރިއްކޮޅު ގެނެސްދެއްވަން އޭނާ ނިންމެވި ކަމަށްވެސް މަހާޒު ވަނީ ވިދާޅުވެފައެވެ.

މައްސަލައިގެ ތަހުގީގަށް ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދަން މަހާޒު ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ޖޭއެސްސީން އަދި ވަކި ގޮތެއް ނުނިންމައެވެ.

comment ކޮމެންޓް