ޔޫކްރެއިން ހަނގުރާމައިގައި އެމެރިކާގެ ރާގު ބަދަލުވެ ޕޫޓިންއާ މަޝްވަރާކުރަން ތައްޔާރަށް ހުންނެވިކަމަށް ބައިޑެން ވިދާޅުވެއްޖެ

ވޮޝިންޓަން (3 ޑިސެންބަރު 2022): ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެގޮތްތަކާބެހޭގޮތުން ރަޝިއާގެ ރައީސް ވަލްދިމީރު ޕޫޓިން އާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

މިއީ ޔޫކްރެއިންގެ މައްސަލާގައި ރަޝިއާއާ މަޝްވަރާ ނުކުރާނެކަމަށް ކުރިން އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައިވާ ވާހަކަތަކާ މުޅިން ޚިލާފަށް ބައިޑެން އިއްޔެ ވިދާޅުވީ ޔޫކްރެއިން ހަނގުރާމަ ހުއްޓުވޭނެ ގޮތްތަކާބެހޭގޮތުން ޕޫޓިންއާ ވާހަކަދައްކަން ތައްޔާރަށް ހުންނެވި ކަމުގައެވެ.

އެމެރިކާއަށް ވަޑައިގެން އުޅުއްވާ ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑެން ވިދާޅުވީ ޔޫކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމަ ހުއްޓާލުމުގެ ވިސްނުން ޕޫޓިން ގެންގުޅުއްވާނަމަ އެކަމާބެހޭގޮތުން އޭނާއާ އެކު މަޝްވަރާ ކުރަން އޭނާ ހުންނެވީ ތައްޔާރަށް ކަމުގައެވެ. ރަޝިއާއާ ކުރާ މަޝްވަރާތަކުގައި ނޭޓޯއަށް ބައިވެރިވެވިދާނެކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

މެކްރޯން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ބައިޑެން އާ އޭނާ ކުރެއްވި މަޝްވަރާތަކުގެ ބޮޑުބައެއް ބިނާކޮށްފައިވަނީވެސް ޔޫކްރެއިން ހަނގުރާމައާ ބެހޭގޮތުންނެވެ. ރަޝިއާ ތަކުރާރުކޮށް ބުނެފައިވަނީ ރަޝިއާގެ ސަލާމަތާއި ގައުމީ މަސްލަހަތަށް ރައްކާތެރިކަން ލިބޭނެ ގޮތެއްގެ މަތިން (ޔޫކްރެއިން ނޭޓޯއަށް ނުވަދެ ނިއުޓްރަލް ގައުމެއްގެ ގޮތުގައި އޮންނަ ގޮތަށް) ހަނގުރާމަ ހުއްޓާލެވިދާނެކަމުގައެވެ.

ނަމަވެސް ޔޫކްރެއިން އަށް އަރައި އެގައުމުގެ ބޮޑުބައެއް ހިފައިގެންތިބި ރަޝިއާ ސިފައިން އެއްވެސް މަގްސަދެއް ހާސިލް ނުކޮށް ޔޫކްރެއިން އިން ފޭބުން ނޫންއެހެން އެއްވެސް ގޮތެއް ގަބޫލުނުކުރާނެކަމަށް ބުނެ އެމެރިކާއާއި ނޭޓޯ އަދި ޔޫކްރެއިންގެ ލީޑަރުން މިހާތަނަށް ގެންދެވީ ރަޝިއާއާ ސުލްހައިގެ ވާހަކަތައް ދެއްކުމަށް ކަނޑައެޅިގެން ދެކޮޅު ހަދަމުންނެވެ.

ބައިޑެންގެ މިވާހަކަތަކަކީ ޔޫކްރެއިން ހަނގުރާމަ ދިގުލައިގެންދާއިރު ރަޝިއާ ބަލިކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެމެރިކާއަށް ނެތިފައި ރަޝިއާގެ ތެލާއި ގޭސް ޔޫރަޕަށް ނުލިބުމާއި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މައިގަނޑު ގެއްލުން ލިބެނީ ޔޫރަޕްގެ ގައުމުތަކަށް ކަމަށްވާތީ ހަނގުރާމަ ދިގުލައިފިނަމަ ޔޫރަޕްގެ ބައެއް ގައުމުތައް ދަތިކުރުމުގެ ފިޔަވަޅުތަކުން ވަކިވެ އެކަހެރި ގޮތެއްގައި ރަޝިއާއާ މުއާމަލާތް ކޮށްފާނެކަމުގެ ބިރު އެމެރިކާއަށް އިހްސާސް ކުރެވެން ފެށުމުން ވިދާޅުވާން މަޖްބޫރުވި ވާހަކަތަކެއް ކަމަށް މުހައްލިލުން ސިފަކުރައްވައެވެ.

މެކްރޯން އެމެރިކާއަށް ވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައިވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ޔޫރަޕަށް ބޮޑު ގެއްލުމެއް ލިބެމުންދާކަމަށެވެ. އަދި އެމެރިކާގެ ތެލާއި ގޭސްވެސް ޔޫރަޕަށް އަގު ހެޔޮކޮށް ނުވިއްކާތީ ޔޫރަޕާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އަރާރުމެއް އުފެދެމުންދާކަމުގެ އިންޒާރު މެކްރޯން ވަނީ ދެއްވާފައެވެ.

ބައިޑެން އާއި މެކްރޯން ނޫސްކޮންފަރެންސްގައި

ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ އިންފްރާސްތްރަކްޗަރ ގެ ބޮޑުބައެއް ސުންނާފަތިވެފައިވާއިރު އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޔޫކްރެއިންގެ ހަކަތައާއި ކަރަންޓްގެ ނިޒާމަށެވެ. މިނިޒާމުގެ ބޮޑުބައިވަނީ ހަލާކުވެފައެވެ. ނަތީޖާއެއްގެ ގޮތުން ޔޫކްރެއިންގެ އާބާދީގެ ތެރެއިން 15 ވަރަކަށް މިލިއަން މީހުންވަނީ މި ގަދަ ފިނި މޫސުމުގައި ކަރަންޓާއި ފެނުން މަހުރޫމްވެފައެވެ.

މިއީ ދިގުމުއްދަތަކަށް ޔޫކްރެއިންއަށް ކެތްކުރެވޭނެ ކަމެއްނޫނެވެ. ކުދިކުދި ޖަނަރޭޓަރުރުތައް ޔޫކްރެއިން އަށް ދީގެން މިކަން ހައްލުކޮށްދޭން އެމެރިކާއާއި ޔޫރަޕުން މަސައްކަތް ކުރިނަމަވެސް ޔޫކްރެއިން ރައްޔިތުންގެ ކަރަންޓާއި ފެން ނުލިބުމުގެ ސަބަބުން ތަހައްމަލުކުރަން ޖެހިފައިވާ ވޭނާއި ކެކުޅުން ނިމުމަކަށް ނުގެނެވޭނެކަން ދަނީ ހާމަވަމުންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ދާދިފަހުންވަނީ ރަޝިއާއިން ޔޫކްރެއިން ފުނޑާލައިފިކަމަށާއި ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ކަރަންޓާއި ފެނުގެ ޚިދުމަތް ޔޫކްރެއިންގެ ގިނަ ސަރަހައްދުތަކުން ކެނޑި ޔޫކްރެއިންގެ ރައްޔިތުން އުޅެމުންދަނީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށް ސިފަކުރައްވައި މިޖަރީމާތަކަށް ރަޝިއާ ޒިންމާ ކުރުވަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މީގެކުރިން އެމެރިކާގެ މަސްއޫލުވެރިން އަބަދުވެސް ދައްކަވަނީ ޔޫކްރެއިން ހަނގުރާމައިގާ ރަޝިއާ އަށް އަސްކަރީ ގޮތުން ގެއްލުންތައްލިބޭ ވާހަކަތަކާއި ހުޅަނގުގެ ހަތިޔާރުބޭނުންކޮށްގެން ޔޫކްރެއިން އިން ރަޝިއާގެ މައްޗަށް ކުރިހޯދާ ވާހަކައެވެ.

އަނެއްކޮޅުން ރަޝިއާއިން އިއްޔެވަނީ ޔޫކްރެއިންގެ އިތުރު ދެއަވަށެއް އަނެއްކާވެސް ހިފާފައެވެ. ހިފާފައިވަނީ ރަޝިއާގެ އަތްދަށުގައިވާ ޔޫކްރެއިންގެ ދޮނިއެސްކްގެ ބަޚްމުތް ކިޔާ ސަރަހައްދެއްގެ ދެ އަވަށެކެވެ. ރަޝިއާއާ ދެކޮޅަށް ޔޫކްރެއިންގެ ސިފައިން އަދިވެސް ވަރަށް ވަރުގަދައަށް ހަނގުރާމަ ކުރަމުން ގެންދެއެވެ. ނަމަވެސް ރަޝިއާއަކީ ހަތިޔާރު އުފައްދާ ގައުމަކަށްވެފައި ދުނިޔޭގެ އަސްކަރީ ދެވަނަ ބާރަކީ ރަޝިއާކަމަށްވެފައި ޔޫކްރެއިންއަކީ ހުޅަނގުން ދޭ ހަތިޔާރުކޮޅެއްގެ މައްޗަށް ބަރޯސާވެގެން ހަނގުރާމަކުރާ ގައުމަކަށްވާތީ ރަޝިއާ ބަލިކޮށްގެން ހަނގުރާމަ ކާމިޔާބުކުރުމަކީ ގަތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް ގިނަ ތަޖުރިބާކާރުން ދެކެއެވެ.

އަނެއްކޮޅުން ރަޝިއާއާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އަޅާފައިވާ ފިޔަވަޅުތަކުގައި އެދެފަރާތް ފިޔަވައި އެހެން ގައުމުތައް ބައިވެރިނުވާތީއާއި ޗައިނާއާއި އިންޑިއާއިން ރަޝިއާއާއެކު ވަރުގަދައަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުން ގެންދާތީ ރަޝިއާގެ އިގްތިސާދު އިނދަޖައްސާލުމަކީވެސް ހުޅަނގަށް ކުރެވޭނެކަމެއް ނޫންކަން މިހާރުވަނީ ހާމަވެފައެވެ. އެެމެރިކާއާއި ޔޫރަޕް ކުރިން ލަފާކޮށްފައިއޮތީ ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ދުނިޔޭގެ ހުރިހާ ގައުމުތައްވެސް ތަބާވަނެކަމަށާ އެކަމުގެ ސަބަބުން ރަޝިއާގެ އިގްތިސާދު ވަރަށް އަވަހަށް އިނދަޖެހި މަގްސަދު ހާސިލުނުވެ ހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖްްބޫރުވާނެ ކަމުގައެވެ. ނަމަވެސް މިއީ ނުވާނެކަމެއްކަން މިހާރުވަނީ އެމެރިކާއާއި ޔޫރަޕަށްވެސް ގަބޫލުކުރެވިފައެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚާރޫވާ ވަނީ ޔޫކްރެއިންގެ ރައްޔިތުން ކިތަންމެ ވަރަކަށް ހާލުގައިޖެހި އެމީހުން ވޭން އުފުލަންޖެހިފައިވިޔަސް ޔޫކްރެއިންގެ ޒައާމަތު ގެންދަނީ ނޭޓޯއަށްޓަކައި ޔޫކްރެއިންގެ ރައްޔިތުން ގުރުބާންކުރަމުން ކަމަށް ތުހުމަތު ކުރައްވައި ހަނގުރާމަ ހުއްޓާލުމަށްޓަކައި ރަޝިއާއާ ވާހަކަދައްކައިގެން ރަޝިއާގެ ކަންބޮޑުވުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ވިސްނުން އަދިވެސް ޔޫކްރެއިން ނުގެންގުޅޭކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް