ބައެއް ފަހަރަށް އަނިޔާވެރިންނަށް ﷲ މުހުލަތު ދެއްވަނީ އިސްލާހުވުމަށްޓަކައި: ޚުތުބާ

ހުކުރު ނަމާދެއްގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ބައެއް ފަހަރަށް އަނިޔާވެރިއާއަށް މާތްﷲ މުހުލަތު ދެއްވަނީ އެ މީހުން އިސްލާހުވުމަށްޓަކައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ އިސްލާމްދީން ވަނީ ހުރިހާ މާނައެއްގައި ވެސް އަނިޔާވެރިވުން ހަރާމް ކުރައްވާފައި ކަމަށެވެ. އަދި އަނިޔާވެރިކަމަކީ އޭގެ ނަތީޖާ ނުބައިވެގެންވާ އަޚުލާގީ ގޮތުން ހުތުރު ސިފައެއް ކަމަށެވެ. ހަމައެހެންމެ އެއީ އިންސާނާގެ ނަފުސު އަބާއްޖަވެރިކަމާއި ނަރަކައިގެ ގަދަފަދަ އަޒާބަށް ހުށަހެޅޭ ކަމެއް ކަމަށާއި އުއްމަތްތައް ހަލާކުކުރެއްވި ސަބަބަކަށް ވެސް އަނިޔާވެރިވުން ވިކަމަށް ޚުތުބާގައި ބުންޏެވެ.

"ކަންމިހެން އޮތްނަމަވެސް ފާސިދު ނުބައި މުޖުރިމުން މާތް ﷲ ހަލާކުނުކުރައްވަނީ ކީއްވެ ހެއްޔެ؟ އިސްލާމުދީނާ މެދު ޝައްކު އުފައްދައި ދީނަަށް ފުރައްސާރަކުރާ ކުރާ މީހުން އެފަދަ ސުވާލުތައް ކުރާ އަޑު ވަރަށް އިވެއެވެ. އެއީ އިސްލާމްދީނުގެ އަދާވަތްތެރިން ތަކުރާރުކުރަމުންދާ ސުވާލުތަކެއް،" ޚުތުބާގައި ބުންޏެވެ.

މާތްﷲއަކީ އަނިޔާވެރިންނަށާއި ފާސިދުންނަށާއި އެކަލާނގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަށް މުހުލަތު ދެއްވާ ރަސްކަލާނގެ ކަމަށާއި އަނިޔާވެރިއަކު މީހަކަށް އަނިޔާއެއް ކުރާ އިރަށް އެމީހަކަށް އުގޫބާތެއް ވެސް ނުދެއްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ނަމަވެސް އަނިޔާވެރިންގެ އަނިޔާތަކާމެދު ﷲ އިހުމާލުވެ ޣާފިލުވެވޮޑިގެން ނުވާނެ ކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޚުތުބާގައި ބުނިގޮތުގައި ބައެއް ފަހަރަށް އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އޭނާ އިސްލާހުވުމަށްޓަކައެވެ. އަދި އަނެއްބައި ފަހަރަށް އޭނާ އަށް އުގޫބާތް ނުދެއްވަނީ އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށްޓަކައި ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ދުނިޔެއަކީ ޖަޒާދެއްވުމުގެ ގޯއްޗެއް ނޫން ކަމަށާއި ޖަޒާ ދެއްވުމުގެ ގޯއްޗަކީ އާޚިރަތް ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން ބައެއް ފަހަރު އަނިޔާވެރިންނަށް އެމީހުންގެ އަނިޔާވެރިކަމުގައި ކުރިއަށް ދިއުމަށްޓަކައި ވެސް މުހުލަތު ދެއްވާ ކަމަށާއި އެެއީ އެމީހަކު އުޅޭ ތަނެއްގައި ނުވަތަ ރަށެއްގައި ނުވަތަ ގައުމެއްގެ މީހުންނަށް އެކަން ފެނި އެނގިދެނިވުމަށްޓަކައި ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި އެއީ އެމީހަކާ ދެކޮޅަށް އާޚިރަތް ދުވަހު ހިސާބު ބެލެވޭއިރު ހެކިވެރީންގެ ގޮތުގައި ތިބުމަށްޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ.

އަނިޔާވެރިޔާ އޭނާގެ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިޔަ ވަރަކަށް އޭނާއަށް ލިބޭ ވޭން ބޮޑު ވާނެ ކަމަށާއި އަނިޔާ ލިބުނު މީހާއަށް ބަރުދާސްތުކުރަން ޖެހުނު ވޭނަށްވުރެ އަނިޔާވެރިންނަށް ﷲދެއްވާ އުގޫބާތް ބޮޑުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން އަނިޔާވެރިންނަށް ﷲދެއްވާ މުހުލަތުގެ ތެރޭގައި އެ މީހުންނަށް އަނިޔާވެރިވާނަމަ އެކަންތައްތައް ވާނީ އެ މީހުންނަށް ވާ އިމްތިހާނަކަށް ކަމަށާއި އަނިޔާވެރިންނަށް އުގޫބާތް ދެއްވުމުގައި ﷲ އަވަސްވެ ވޮޑިނުގަންނަވާނީ އެކަލާނގެ އޯގާވަންތަކަމުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ އެކަލާނގެ ކޯފާގެ މައްޗަށް އެކަލާނގެ ރަޙުމަތްފުޅު އިސްކުރައްވާފައިވާތީ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް