އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު ރާއްޖެއާ ހަމައަށް ހިރަފުހާއި ދުން އައުމުގެ ސަބަބުން ރާއްޖޭގެ ވައި ނުސާފުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އިއްޔެ ހާމަކުރި ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޖައްވު ނުސާފުވުން އެކަށީގެންވެއެވެ. މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވި ގޮތުގައި އެއީ ދެމޫސުން ބެދޭ ހިސާބު ވަރަށް އާންމު ކަމެކެވެ. މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި މިހާރު ޖައްވު ނުސާފުވުމަށް މެދުވެރިވާ ސަބަބަކީ "ހޭޒް"އެވެ.
ވެރިރަށް މާލެ ވަށައިގެންވާ ރަށްތައް ކުރިން ސާފުކޮށް ފެންނައިރު މިހާރު ހޭޒްގެ ސަބަބުން އެ ރަށްތައް ފެންނަނީ ވަރަށް ފުސްކޮށެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ވެސް ވަނީ މި މައްސަލަ ކުރިމަތިވެފައެވެ.
"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.
މިހާރު ދިމާވެފައިވާ "ހޭޒް"ގެ މައްސަލައާ ގުޅިގެން އެއްވެސް ކަހަލަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެތޯ ސުވާލު ކުރުމުން އެޗްޕީއޭއިން މިއަދު "ސަން"އަށް ބުނީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެއް ކަމަށްވާ "ޕީއެމް 2.5" އިތުރުވާ ވަރަކަށް ސިއްހީ ގޮތުން ކުރިމަތިވާ މައްސަލަތަކެއް ހުންނާނެ ކަމަށެވެ.
އޭގެ ސަބަބުން ވަކި ބަލިތަކެއް ހުންނަ މީހުންނަށް ކުރާ އަސަރު ބޮޑު ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. ސެންސިޓިވް ގްރޫޕްގެ ތެރޭގައި ހިމެނެނީ ފުއްޕާ މޭގެ ބަލިތަކާއި ހިތުގެ ބަލި ހުންނަ މީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނެވެ.
"އެލާޖީސްއާ އެސްތަމާ[ނޭވާ ހިއްލުން] ކަހަލަ ބަލިތަކާ އެކި ކަހަލަ ބަލިތައް ހުންނަ މީހުން ބޮޑަށް ސަމާލުވާން ޖެހޭ،" އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ "އައިކިއުއެއާ"އިން ރާއްޖޭގައި ވެސް އޭރަކު ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި މިންވަރު ބެލޭ ކަމަށެވެ. އެ އެޕްގައި ފާހަގަކޮށްފައި ހުންނަ ކުލަތަކުން ސެންސިޓިވް ގްރޫޕްގެ ތެރޭގައި ހިމެނޭ މީހުންނަށް ލިބޭނެ ގެއްލުން ގިންތިކޮށްފައި ހުރެއެވެ.
އެ އެޕްގައި ހިމެނޭ ކުލަތަކަކީ ފެހި ކުލަ، ރީނދޫ ކުލަ، އޮރެޖު ކުލަ، ރަތް ކުލަ، ދަނބުކުލައިގެ އިތުރުން އެއަށްވުރެ މަޑު ކުލައެކެވެ.
އެގޮތުން ފެހި ކުލައިން ދައްކައިދެނީ ވައި ސާފުކަމެވެ. އަދި ރީނދޫ ކުލައިން ދައްކުވައިދެނީ ކޮންމެވެސް ވަރަކަށް ވައި ނުސާފު ކަމެވެ. އަދި އޮރެންޖު ކުލައިން ދައްކައިދެނީ ސެންސިޓިވް ގްރޫޕްސްތަކުގައި ހިމެނޭ މީހުންނަށް ނުރައްކާ ވާވަރަށް ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި ކަމެވެ. އަދި ރަތް ކުލައިން ދައްކައިދެނީ ވައި ނުސާފުވެފައިވާ މިންވަރު ރަނގަޅު ނޫން ކަމެވެ.
މީގެ އިތުރުން އެ އެޕްގައި ހިމެނޭ ދަނބުކުލައިން އަންގައިދެނީ ވައި ނުސާފުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ރަނގަޅު ނޫން ކަމަށެވެ. އަދި ދަނބު ކުލައަށް ވުރެ ތަންކޮޅެއް މަޑު ކުލައަކުން ދައްކުވައިދެނީ ވައި ނުސާފުވެފައިވާ މިންވަރުން އާއްމުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމެވެ.
"މިހާރު ވައި ނުސާފުވަމުންދާތީ ސެންސިޓިވް ގުރޫޕް ތެރޭގައި ހިމެނޭ މީހުންގެ އިތުރުން އެހެން މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ،" އެޗްޕީއޭއިން ބުންޏެވެ.
އެގޮތުން ވައި ނުސާފުވެފައިވާ މިންވަރު ބެލުމަށްފަހު ޕީއެމް 2.5 ވައިގެ ތެރޭގައި ހުރި މިންވަރު އިތުރު ނަމަ ބޭރަށް ނުދިއުމާއި ކޮންމެހެން ބޭރަށް ދާން ޖެހޭނަމަ ރައްކާތެރި މާސްކެއް އަޅުން މުހިންމުކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހަމައެއާއެކު ކުޑަ ދޮރުތައް ލެއްޕުމާއި ކުޑަކުދިން ކުޅިވަރު ކުޅުމަށް ބޭރަށް ނުފޮނުވުމާއި ހާއްސަކޮށް ސެންސިޓިވް ގުރޫޕުގައި ހިމެނޭ މީހުން އެކަންކަމަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ ވައިގެ ތެރޭގައި އާއްމުންގެ ސިއްހަތަށް ގެއްލުންވާ ޕީއެމް 2.5 ހުންނަ މިންވަރު އެކި ވަގުތުތަކުގައި ތަފާތުވާނެ ކަމަށެވެ.
ނަމަވެސް މި ދުވަސްކޮޅަކީ އާއްމު ގޮތެއްގައިވެސް ހޭޒްގެ ސަބަބުން ވައި ނުސާފުވެފައިވާ ދުވަސްވަރަކަށްވާތީ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އާންމު ގޮތެއްގައި ހޭޒްގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. މިދިޔަ އަހަރު ފަހުކޮޅު ވެސް ރާއްޖެއަށް ހޭޒްގެ އަސަރު ވަރަށް ބޮޑަށްކޮށް ވައި ތަޣައްޔަރުވިއެވެ.