ދިވެހީންގެ ލޭނާރު ވެސް ބިދޭސީންގެ އަތްމައްޗަށް؟

މާލޭ ފަޅުތެރޭގައި އަޅާފަރި އޮތް މަސްދޯންޏެއްގައި ބިދޭސީންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްވެރިކަމުގެ ސިނާއަތަކީ ފެށުނީއްސުރެ ވެސް ދިވެހީންގެ މަސައްކަތެއްގެ ގޮތުގައި އޮތް ކަމެކެވެ. ނަމަވެސް މި ދާއިރާއަށް ވަންނަ ޒުވާނުން މަދުވުމަކީ ސިނާއަތުގެ ކުރިއެރުމަށް އެޅެމުން އަންނަ އަނދިރި ހިންޏަކެވެ.

ރާއްޖޭގައި މަސް ދޯނިފަހަރުގައި މަސްވެރިކަން ކުރުމުގައި މަދުން ނަމަވެސް ބިދޭސީން ހަރަކާތްތެރިވެއެވެ. އެއިރު އެކަން ކުރީ ގަވައިދާ ޚިލާފަށެވެ. ނަމަވެސް މިހާރު ބިދޭސީންނަށް އެ ކަން ކުރަން ސީދާ ހުއްދަ ސަރުކާރުން ދީފިއެވެ. ދެން ސިއްރުން ބިދޭސީން ހަރަކާތްތެރިނުވާނެއެވެ.

ބިރު އޮތީ މި ސިނާއަތް ވެސް ބިދޭސީންގެ އަތްމައްޗަށް ހިނގައިދާނެތީއެވެ. ފެށުނީއްސުރެ ދިވެހީންގެ ކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައުން މާ ދުރުގައި ނުވާތީއެވެ.

ބިދޭސީންނަށް ސަރުކާރުގެ ހުއްދަ

މި މަހުގެ ހަތްވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން ވަނީ ކަނޑު މަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާ ގުޅޭ ގަވާއިދަށް އިސްލާހު ގެނެސް ބިދޭސީން މަސްވެރިކަން ކުރުން ހުއްދަކޮށްފައެވެ.

ކުރީގެ ގަވައިދުގެ 18ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން ބިދޭސީންނަށް އެއްވެސް މިންވަރަކަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމަކީ މަނާކަމެކެވެ.

ނަމަވެސް އަލުން ގަވާއިދު އިސްލާހުކުރިއިރު 18ވަނަ މާއްދާގެ (ހ)ވަނީ އުނިކޮށްފައެވެ. މަސްވެރިކަން ކުރަން ބިދޭސީންނަށް ވެސް ހުޅުވާލީއެެވެ.

އެގޮތުން މިހާރު ގަވާއިދުގައިވާ ގޮތުން، 15 މީޓަރަށް ވުރެ ކުދި އުޅަނދުފަހަރުގައި ގިނަވެގެން ހަތަރު ބިދޭސީން ގެންގުޅެވެއެވެ.

އުޅަނދުގެ ބޮޑުމިން 15 މީޓަރާއި، 24 މީޓަރަށް ފެތޭނަމަ ގިނަވެގެން ހަ ބިދޭސީން ގެންގުޅެވޭނެއެވެ. އުޅަނދުގެ ބޮޑުމިން 24 މީޓަރަށްވުރެ ބޮޑުނަމަ ގިނަވެގެން އަށް ބިދޭސީންނަށް އޭގައި ހަރަކާތްތެރިވެވޭނެއެވެ.

މަސްވެރިކަން ކުރަން ބިދޭސީން ގެންގުޅެވޭނީ ސަރުކާރުން ދޭ ކޯޓާ ހޯދައިގެންނެވެ.

ހަމައެއާއެކު އެ މަސައްކަތުގައި އުޅޭ ބިދޭސީންނަށް ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް މުސާރައާއި އިނާޔަތްތައް ދޭން ވެސް ވަނީ މަޖުބޫރުކޮށްފައެވެ.

މީގެ ސަބަބުން އެ މަސައްކަތުގައި އުޅޭ ދިވެހި މީހާއާއި ބޭރު މީހާއާ ދެމެދު އޮތް ފަރަގު ނެތުނީއެވެ.

ޒުވާނުންގެ ޝައުގެއް ނެތް، ބިދޭސީން ނެރެނީ މަޖުބޫރުވެގެން

މަސްވެރިކަމަށް ޒުވާނުންގެ ޝައުގު އިތުރުކުރުމަކީ ކުރަން ޖެހިފައި އޮތް މަސައްކަތެކެވެ. އެހެންނަމަވެސް އެ ކަން ނުކުރެވިވަނީ ދޫކޮށްލެވިފައެވެ.

ހަމައެއާއެކު މި ސިނާއަތުގައި މިހާރު ހުރި ގޮންޖެހުންތަކަކީ ވެސް ޒުވާނުން މި ސިނާއަތަށް ނިކުންނަން ޖެހިލުންވާ ސަބަބެކެވެ.

އެއީ މި ކަމުގައި ހަރަކާތްތެރިވާ މީހުން ވެސް އެއްބަސްވާ ކަމެކެވެ. އަދި އެއީ އޮޑިވެރިންނާއި ކެޔޮޅުންގެ ވެސް ކަންބޮޑުވުމެކެވެ.

"ކުރަން މަޖުބޫރުވާ ހާލަތެއްގައި މިކަން މި ކުރަނީ. ކޮންމެ ގޮތެއް ވިޔަސް ނުބުނެވޭނެ މިއީ ރަނގަޅު ކަމެކޭ. އެކަމަކު އޮޑިވެރިންނަށް އެހެން ގޮތެއް ނެތިގެން އެ ކަން ކުރާ މީހުން ވެސް އެބައުޅޭ. އަޅުގަނޑުމެންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ،" މަސްވެރި އަތޮޅެއްކަމަށްވާ ތ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފް "ސަން"އަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ބަދަލުތަކާއެކު މަސްވެރިކަމުގެ ސިނާއަތް ވެސް މިސްރާބު ޖަހަފައިވަނީ ބިދޭސީންގެ އަތްމައްޗަށް ދިޔުމަށެވެ.

މާރުކޭޓް ސަރަހައްދުގައި ދޯނިތަކުގައި ބިދޭސީން ތިބެގެން މަސް ވިއްކުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަހަށްދާ ހަތަރު ފަސް، މަސްދޯނި އޮންނަ ގިނަ ރަށްރަށުގައި ބިދޭސީން ނުލައި މި ކަން ނުކުރެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުނި ގޮތުގައި ސަރުކާރުތަކުންވަނީ ޒުވާނުންނަށް މަސްވެެރިކަމުގެ ދާއިރާގައި ކުރިއަށް ދިއުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި އިހުމާލުވެފައެވެ.

އަދި އެފަދަ ކަމެއް ނުކޮށް، ބިދޭސީންތަކަކަށް ކޯޓާ ދިނުމަކީ ބަލައިގަންނަ ކަމެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.

"ހަގީގަތަކީ ރާއްޖޭގައި ޒުވާނުން މަސްވެރިކަަމަށް ނެރެން ވަކި މި ސަރުކާރަށް ބަލާނެ ކަމެއް ނެތް، ފާއިތުވި ސަރުކާރު ތަކުން ވެސް ނެތް ޒުވާނުން މަސްވެރިކަމަށް ނެރެން އެއްވެސް ކަމެއް ކޮށްފައެއް،" ސާޖިން ބުންޏެވެ.

މަސްވެރިކަމުގައި ގިނަ ދަތިތަކެއް

ޒުވާނުން މި ދާއިރާއަށް އަލަށް ނިކުތުމަށް ޖެހިލުންވާ ގިނަ ސަބަބުތަކެއް ވެސް ހުރެއެެވެ.

އެގޮތުން ބާނާ މަސް ކިރުމުގައާއި، އަގު ދިނުމާއި، އެހެނިހެން ކަންކަމުގައި ދިމާވާ ދަތިތަކަކީ އެ ދާއިރާގެ ކުރިއެރުން ހުއްޓިފައި އޮންނަކަން ދޭހަވާ ފަދަ ކަންކަމެވެ.

"ކުރާ މަސައްކަތަށް އެކަށީގެންވާ އަގެއް ނުލިބެންޏާ ގައުމުގެ ލޭނާރެކޭ ކިޔައިފައި ބަޔަކު މަހަކަށް ނުދާނެ ދޯ،" ސަން އާ ވާހަކަދެއްކި ތ. އަތޮޅުގެ މަސްވެރިއަކު ބުންޏެވެ.

މަސްވެރިން ލ. މާންދޫގައި ކުރި އިހްތިޖާޖުގެ ތެރެއިން --

އޭނާ ބުނި ގޮތުގައި މިހާރު ވެސް މަސްވެރިންނަށް ކުރިމަތިވަމުން އަންނަ އެއްވެސް ދައްޗަކަށް ހައްލެއް ނުލިބެއެވެ.

"މިހާރު އަހަރެމެން ބަލައިލާއިރު އަހަރެންގެ އަތޮޅުގައި ވެސް ނެތް މަސް ކިރޭނެ ގޮތެއް. އައިސް ހޯދާނެ ތަނެއް. ތެޔޮ އަޅާނެ ތަނެއް. ހަގީގަތުގައި ފަސޭހައިން މި ކަން ކުރެވޭނަމަ މޭޒު ކައިރީ އިންނަ ވަޒީފާއަކަަށްވުރެ މި ކަމުން ލިބޭ އާމްދަނީ މާ ބޮޑުވާނެ. އެކަމު، އައިސް ހޯދާށާއި، ތެޔޮ އަޅައި، މަސް ކިރަން ދުއްވައިފައި ދާން މި ޖެހެނީ އެހާ ދުރަށް. ދެން ޚަރަދުތައް ކަނޑާފައި ލިބޭ މިންވަރު މަދުވާނެ ނޫންތޯ، އެއީ އަސްލު ވާގޮތަކީ،" އޭނާ ކިޔައިދިނެވެ.

މީގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުން ކުރިއަށްވުރެ ފަސޭހައިން ވަޒީފާގެ ފުރުސަތުތައް ލިބެން ހުރުމަކީ ވެސް މަސްވެރިކަމާ ދިމާއަށް ޒުވާނުން ދިއުން ހުއްޓުވާ ކަމެކެވެ.

ސަރުކާރުން ތައާރަފްކުރި މިނިމަމް ވޭޖަކީ ވެސް މަސްވެރިންނަށް އޭގެ މާ ބޮޑު ފައިދާއެއް ކުރި ކަމެއް ނޫނެވެ.

"ވަރަށް ފަސޭހައިން އެބަ ލިބޭ މިހާރު ފެނަކައިން ވަޒީފާ. ދެން އަނެއްކާ ކޮންޓްރެކްޓަށް ވަޒީފާ ދޭ ވަރަށް ގިނަ މަގާމުތައް ރަށްތަކުގައި މިހާރު އެބަހުރި. އެހެންވީމާ ރަށުގައި ހުރެގެން ތަންކޮޅެއް ފަސޭހަ ގޮތަކަށް އެބަ އުޅެލެވޭ،" ތ. އަތޮޅު ކައުންސިލްގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

ޒުވާން މަަސްވެރިޔާ ހަސަން ސާޖިން ބުނި ގޮތުގައި ރަށްރަށުގައި ސިޔާސީ ގޮތުން އުފައްދައިފައިވާ ގިނަ ވަޒީފާތަކެއް މިހާރު ހުރިއިރު، މިނިމަމް ވޭޖާއެކު އެ ވަޒީފާތަކުން ލިބޭ މުސާރަ އިންތިހާއަށް ބޮޑެވެ.

"މާނައަކީ ރަށުގައި ހުރެގެން އެބަ ލިބެޔޭ 10،000 ނުވަތަ 15،000 ރުފިޔާ. މާ ބޮޑު މަސައްކަތެއް ނުކޮށް،" އޭނާ ބުންޏެވެ.

ސާޖިން ބުނީ ވަޒީފާތައް ގިނަވުމަކީ ޝަކުވާއެއް ނޫންކަމަށެވެ. އަދި މިނިމަމް ވޭޖަކީ ވެސް ޝަކުވާއެއް ނޫންކަމަށެވެ. އެހެންނަމަވެސް މަސްވެރިންގެ އަގު ދަށް ނުވާނެހެން އެކަން ކުރެވޭނެ ގޮތެއް ހޯދަން ޖެހޭކަމަށް ސާޖިން ބުންޏެވެ.

އެކަމަކު އެ ހުރިހާ ކަމެއް މަގުފަހިކޮށްދިން އިރުގައި ޒުވާނުން މަސްވެެރިކަމާ ދުރަށް ދިޔަނުދޭން ފުރުސަތުތަކެއް ފަހިކޮށްނުދެނީ ކީއްވެތޯ އޭނާވަނީ ސުވާލު އުފައްދައިފައެވެ.

މި ކަމަށް އޮތް ހައްލަކީ ކޮބައި ކަމެއް ނޭނގެއެވެ. ހުރިހާ އެންމެން ވެސް އިއްތިފާގުވާ އެއްކަމަކީ މިއީ ގޯސްކޮށްދާ ކަމެއްކަމެވެ. ސިޔާސަތަށް ގެންނަ ބަދަލަކާއެކު ވެސް މި ދާއިރާގައި ދިވެހީން އިތުރުކުރެވިދާނެއެވެ.

ނަމަވެސް މިހާރުގެ ހާލަތު އޮތް ގޮތުން ބިދޭސީންނާ ނުލައި، ރާއްޖޭގައި ދިވެހީންގެ މަސްވެރިކަމުގެ ސިނާއަަތް ކުރިއަށް ނުގެންދެވޭނެއެވެ.

comment ކޮމެންޓް