ޖަރުމަނަށް ބޮޑު ލަދުވެތިކަމެއް، އަނެއްކާވެސް ގްރޫޕް ސްޓޭޖާ ހަމައިން ކަޓައިފި

ޖަރުމަނާއި ކޮސްޓަ ރިކާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ޖެހިޖެހިގެން ދެވަނަ ފަހަރަށް ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމަށް، ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިންމާލަން ޖެހިއްޖެއެވެ.

ޖަރުމަނަކީ ވޯލްޑް ކަޕުގެ ދެވަނަ މުބާރާތުން ފެށިގެން، މުބާރާތުގައި ކުޅެމުން އަންނަ ގައުމެކެވެ. މުބާރާތުގައި އެޓީމު ބައިވެރިވުމުގައި މެދުކެނޑުމެއް އައީ ހަމައެކަނި 1950 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގައި ޖަރުމަނު ޓީމު ވާދަކުރުމުގެ ފުރުސަތު ފީފާއިން ދީފައެއް ނުވެއެވެ.

1954 ވަނަ އަހަރުން ފެށިގެން އެއްވެސް މެދުކެނޑުމެއް ނެތި ޖަރުމަނުން ވޯލްޑް ކަޕުގައި ވާދަކުރަމުން އަންނައިރު، މިއީ އެޓީމަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނު ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގައިވެސް ޖަރުމަނަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ. އެ މުބާރާތް ޖަރުމަނު ނިންމާލީ އެ ޓީމު ވާދަކުރި ގުރޫޕުގެ ފުލުގައި އޮވެގެންނެވެ.

މިކަންވީ ދުނިޔޭގެ ފުޓުބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި އޮތް ޖަރުމަނު ޓީމަށް ގިނަބަޔަކު ފާޑުކިޔުންތައް އަމާޒުކުރި ކަމަކަށެވެ. ޖަރުމަނުން މި މުބާރާތް ހަތަރު ފަހަރަށް ކާމިޔާބު ކޮށްފައިވާއިރު، އެޓީމަކީ ފުޓުބޯޅައިގެ ދުނިޔޭގެ ރޭންކިންގެ 11 ވަނައިގައި އޮތް ގައުމެވެ.

މިފަހަރުގެ މުބާރާތް ދަށް ނަތީޖާއަކާއެކު ޖަރުމަނުން ފެށިއިރު، އެޓީމުން ކުޅުނު ދެވަނަ މެޗުވީ އެއްވަރެވެ. ގްރޫޕް ސްޓޭޖުގައި އަދި މިފަހަރުގެ މުބާރާތުގައިވެސް އެޓީމުން ކުޅުނު ފަހު މެޗުގައި ކޮސްޓަ ރިކާ އަތުން ވަނީ މޮޅެއް ހޯދާފައެވެ.

ގަތަރުގެ އަލް ބައިތު ސްޓޭޑިއަމުގައި ކުޅުނު މިމެޗުން ޖަރުމަނު މޮޅުވީ 2-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް ޖަރުމަނުންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޖް ގްނަބްރީ އެވެ.

ޖަރުމަނާއި ކޮސްޓަ ރިކާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ލީޑުގައި އޮވެގެން ޖަރުމަނު ޓީމުން ފުރަތަމަ ހާފު ނިންމާލިއިރު، ކޮސްޓަ ރިކާއިން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. އެޓޭކިންގް ގޭމެއް ކުޅެމުންދިޔަ ކޮސްޓަ ރިކާއިން ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔެލްޓްސިން ޓަޑޭޖާ އެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ހުއާން ޕަބްލޯ ވަނީ ކޮސްޓަ ރިކާއަށް ލީޑު ނަގައިދީފައެވެ.

ޖަރުމަނާއި ކޮސްޓަ ރިކާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އެހެންނަމަވެސް އަނެއްކާވެސް ޖަރުމަނު ޓީމުން ކުޅުން ރަނގަޅުކޮށް، ކޮސްޓަ ރިކާއިން ލީޑު ނެގިތާ ތިން މިނެޓުގެ ތެރޭގައި ނަތީޖާ ހަމަހަމަ ކުރިއެވެ. ކައި ހަވާޓްޒްގެ ލަނޑުން ޖަރުމަނުން ނަތީޖާ ހަމަހަމަ ކުރިއިރު، އެޓީމުން އަނެއް ދެލަނޑު ޖެހީ މެޗުގެ ފުރިހަމަވަގުތުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. ޖަރުމަނަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ ކައި ހަވާޓްޒްއެވެ. އަދި އެޓީމުން މެޗުގައި ލީޑު ފުޅާކުރީ ފުރިހަމަވަގުތުގު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް ނިކްލަސް ފުލްކްރަގް ޖަހައިދިން ލަނޑުންނެވެ.

ކޮސްޓަ ރިކާ އަތުން އުނދަގޫ މޮޅެއް ހޯދި ނަމަވެސް ޖަރުމަނަށް މުބާރާތުގައި ކުރިއަށް ނުދެވުނީ ފަހު މެޗުގައި ސްޕެއިންގެ މައްޗަށް ޖަޕާނުން ކުރި ހޯދުމުންނެވެ. ޖަޕާނުން ވަނީ ސްޕެއިންގެ މައްޗަށް 1-2 އިން ކުރިހޯދައި، މި ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. ގުރޫޕުގެ ދެވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރީ ސްޕެއިންއެވެ. ޖަރުމަނަށް ތިންވަނަ ލިބޭއިރު ސްޕެއިނާއި ޖަރުމަނަށް ހަތަރު ޕޮއިންޓު ލިބިފައިވެއެވެ. ތާވާލުގައި ޖަރުމަނުގެ މައްޗަށް ސްޕެއިނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތާވަލުގެ ފުލުގައި އޮތީ ކޮސްޓަ ރިކާއެވެ.

ޖަރުމަނާއި ކޮސްޓަ ރިކާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕުގައި ޖަރުމަނަށް ގްރޫޕް ސްޓޭޖާއި ހަމައިން މުބާރާތް ނިންމާލަން ޖެހުން މިއީ، ފުޓުބޯޅައިގައި އެޓީމަށް ކުރިމަތިވި ލަދުވެތި ނާކާމިޔާބީއެއްގެ ގޮތުގައި މީހުން ސިފަކުރެއެވެ.

comment ކޮމެންޓް