ސްޕެއިން ފަހަތަށް ޖައްސާލުމަށްފަހު އެއްވަނަ ޓީމުގެ ގޮތުގައި ޖަޕާން ދެވަނަ ބުރަށް

ޖަޕާނުން އުފާ ފާޅުކުރަނީ----

ފީފާ ވޯލްޑްކަޕްގައި ވަރުގަދަ ސްޕެއިން ބަލިކޮށް، ޖަޕާނުން ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ރައުންޑް އޮފް 16ގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ޙަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޖަޕާނުން ކާމިޔާބުކުރީ، ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ޓީމުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް، ރަނގަޅު ހަމަލާތަކެއް އުފައްދާފައިވާއިރު، މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. މިއީ ޖަޕާނު އޭރިއާ ބޭރުން ސްޕެއިންގެ ސެޒާ އަޒްޕްލިކެޓާ ނެގި ހުރަހަކުން ތަނަވަސްވި ބޯޅަ، ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އަލްވާރޯ މޮރާޓާ ޖެހި ލަނޑެކެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕުގައި މޮރާޓާ ޖެހި ތިންވަނަ ލަނޑެވެ. ސްޕެއިނުން ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު މެޗާއި، ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މޮރާޓާ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައެވެ. މިމެޗުގައި ސްޕެއިންގެ ފުރަތަމަ 11 ގައި މޮރާޓާ ހިމެނެއެވެ.

ސްޕެއިނުން ފުރަތަމަ ހާފު ލީޑުގައި އޮވެގެން ނިންމާލި ނަމަވެސް، ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޖަޕާނުންނެވެ.

އެގޮތުން މެޗުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޖަޕާނުން ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ ސްޕެއިންގެ ޑިފެންޑަރު، އަލެހާންދްރޯ ބާލްދޭއަށް، އެޓީމުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން، މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރިޓްސޫ ޑޯން ޖެހި ލަނޑެކެވެ.

އޭގެ ތިން މިނެޓު ފަހުން، މެޗުގެ 51 ވަނަ މިނެޓުގައި ޖަޕާނުން ވަނީ އިތުރު ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް މެޗުގައި ލީޑު ނަގައިފައެވެ. މިއީ ސްޕެއިންގެ އޭރިއާ ތެރެއިން ޖަޕާނުގެ ކައުރޫ މިޓޫމާއަށް ލިބުނު ބޯޅައެއް، އައޯ ޓަނަކާއަށް ޖައްސާލުމުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ޓަނަކާ ޖެހި ލަނޑެކެވެ.

ޖަޕާނާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މި މޮޅާއެކު ޖަޕާނަށް މި ގުރޫޕުގެ ޕޮއިންޓު ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސްޕެއިނަށް އަދި ތިންވަނައިގައި އޮތް ޖަރުމަނަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ޖަރުމަނުގެ މައްޗަށް ސްޕެއިނަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި ގުރޫޕުގެ ފުލުގައި، ތިން ޕޮއިންޓާއެކު އޮތީ ކޮސްޓަ ރިކާއެވެ. އެޓީމުން ވަނީ މި ގުރޫޕުގެ އެއްވަނައިގައި އޮތް ޖަޕާންގެ މައްޗަށް ކުރިހޯދާފައެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގައި ޖަޕާން ނުކުންނާނީ ގްރޫޕް އެފްގެ ދެވަނަ ހޯދި ކްރޮއޭޝިއާއާ ދެކޮޅަށެވެ. އަދި ސްޕެއިން ކުޅެން ޖެހޭނީ އެ ގުރޫޕުގެ އެއްވަނަ ހޯދި މޮރޮކޯއާ ދެކޮޅަށެވެ.

comment ކޮމެންޓް