ފުޓުބޯޅައިގެ ގަދަ ބާރުތައް ފަހަތަށް ޖައްސައި، އެއްވަނައިގެ ގޮތުގައި މޮރޮކޯ ދެވަނަ ބުރަށް

ހޯދި ކާމިޔާބީ ފާހަގަކޮށް މޮރޮކޯއިން އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

ފުޓުބޯޅައިގެ ގަދަ ބާރުތައް ފަހަތަށް ޖައްސައި، ދުނިޔޭގެ ރޭންކިންގެ 22 ވަނައިގައި އޮތް މޮރޮކޯއިން މިފަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

މޮރޮކޯއާ އެއް ގުރޫޕެއްގައި ހިމެނެނީ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމާއި 12 ވަނައިގައި އޮތް ކްރޮއޭޝިއާގެ އިތުރުން 41 ވަނައިގައި އޮތް ކެނެޑާ އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ 22 ވަނަ އެޑިޝަނުގެ ރައުންޑް އޮފް 16 ގެ ޖާގައެއް، މޮރޮކޯއިން ހޯދިއިރު، މިއީ އެޓީމުން މުބާރާތުގެ މިހާ ހިސާބަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އެންމެފަހުން އެޓީމު ރައުންޑް އޮފް 16 ގައި ކުޅެފައިވަނީ މީގެ 36 އަހަރު ކުރިން، 1986 ވަނަ އަހަރުއެވެ.

ހޯދި ކާމިޔާބީ ފާހަގަކޮށް މޮރޮކޯއިން އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

މޮރޮކޯއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް، މި ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ހޯދީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެނެޑާގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ. މި ގުރޫޕުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ކްރޮއޭޝިއާއާއި ބެލްޖިއަމްގެ ކުރިމަތިލުންވީ 0-0 އިން އެއްވަރެވެ. ކްރޮއޭޝިއާއަށް އެއްވަނަ ލިބުމުގައި އެމެޗު އެއްވަރުވުމުގެ ދައުރު ބޮޑެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމުގައި މޮރޮކޯއާއި ކެނެޑާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް މޮރޮކޯއިންނެވެ.

އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލަނޑެއް ޖަހައިފައެވެ. ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަކީމް ޒިޔެޗެވެ. މޮރޮކޯއިން ދެވަނަ ލަނޑު ޖެހީވެސް ފުރަތަމަ ހާފުގައެވެ.

އެލަނޑު 23 ވަނަ މިނެޓުގައި، އަޝްރަފް ހަކީމީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ޔޫސުފް އެން ނެސީރީއެވެ.

މެޗުގައި ކެނެޑާއިން ޖެހި ހަމައެކަނި ލަނޑަކީވެސް ފުރަތަމަ ހާފުގެ ތެރޭގައި އެޓީމުން ކާމިޔާބު ކުރި ލަނޑެކެވެ. މިއީ މޮރޮކޯގެ ނާޔިފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން މޮޅުވެ މޮރޮކޯއަށް ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ލިބުނުއިރު، ދެވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ކްރޮއޭޝިއާ އެވެ. ކްރޮއޭޝިއާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަނަރަޕް ޓީމެވެ.

ގްރޫޕްގެ ތިންވަނައިގެ ގޮތުގައި ބެލްޖިއަމް އަދި ހަތަރުވަނައިގެ ގޮތުގައި ކެނެޑާއަށް މިވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ.

ރައުންޑް އޮފް 16 ގައި ކްރޮއޭޝިއާ ނުކުންނާނީ ގްރޫޕް އީގެ ދެވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. ކްރޮއޭޝިއާ ކުޅެން ޖެހޭނީ އެ ގުރޫޕުގެ އެއްވަނަ ޓީމާ ދެކޮޅަށެވެ.

comment ކޮމެންޓް