ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑްރަގު އަތުލައިފި

ފުލުހުންގެ އަތުގައިހުރި މަސްތުވާތަކެތި ނައްތައިލުމަށް ދޫނިދޫއަށް ގެންގޮސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ނެދަލޭންޑުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއްގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހު، އެ ޕާރުސަލް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

މިފަހަރު އަތުލައިގަތީ 304 ގްރާމްގެ "މެފެޑްރޯން" އާއި 1034 ގްރާމްގެ "ހިރޮއިން" ކަމަށް ކަސްޓަމުން ބުންޏެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 1.34 ކިލޯ ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު، 2.05 މިލިއަން ރުފިޔާއަށް އަރައެވެ.

ކަސްޓަމުން ބުނީ އަތުލައިގަތް މަސްތުވާތަކެތި އިތުރަށް ތަހުގީގުކުރުމަށް ޓަކައި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ 367،000 ރުފިޔާގެ ކެނެބިސް ވެސް ކަސްޓަމުން ވަނީ އަތުލާފައެވެ.

ފުލުހުން މީގެ ކުރިން "ސަން"އަށް ބުނިގޮތުގައި މަސްތުވާތަކެތީގެ ބާރުގަދަ ބާވަތްތައް ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރަނީ ޕޯސްޓް މެދުވެރިކޮށެވެ.

comment ކޮމެންޓް