ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލައިފި

ކަސްޓަމްސްއިން އަތުލައިގަތް އެއްފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކް އުފެއްދުންތައް ނައްތާލަނީ-- ފޮޓޯ/ކަސްޓަމްސް

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި، ރާއްޖެއަށް އެތެރެކުރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކެއް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ބުނީ ނައްތާލި ތަކެއްޗަކީ، ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަނޑައެޅުމާ ބެހޭ ގަރާރުގެ ދަށުން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ގައި ގާއިމްކޮށްފައިވާ ކަސްޓަމްސްގެ އޮފީހުން ހިފެހެއްޓި އެ ތަކެތި ނައްތާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ކަސްޓަމްސްއިން ބުންޏެވެ. މިތަކެތި ނައްތާލާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ކުނި ނައްތާލާ ސަރަހައްދުގައެވެ.

ނައްތާލިކަމަށް ކަސްޓަމްސްއިން ބުނާ ތަކެތީގެ ތެރޭގައި ހިމެނެނީ:

  • 50 ކާޓަން ޕްލާސްޓިކް ތަށި
  • 10 ކާޓަން ޕްލާސްޓިކް ސަމްސާ
  • 10 ކާޓަން ޕްލާސްޓިކް އޫ
  • 10 ކާޓަން ޕްލާސްޓިކް ވަޅި

ކަސްޓަމްސްއިން ބުނީ މި ތަކެތި ނައްތާލާފައި ވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 މާއްދާގެ ދަށުން، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާ މަނާ ތަކެތި ނައްތާލުމުގައި އެ އޮތޯރިޓީއިން އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން މަހުން ފެށިގެން، އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ރާއްޖެއަށް އެތެރެކުރުން ވެސް މަނާކޮށްފައެވެ.

comment ކޮމެންޓް