އަޅުގަނޑަކީ ބައިނަލްއަގުވާމީ މީހެއް: ނަޝީދު

އާސްކް ސްޕީކާގެ ހަ ވަނަ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މިސްރުގެ ޝަރްމުއްޝައިޚްގައި ބޭއްވި އދ.ގެ މި އަހަރުގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތުމުން އަމާޒުވި ފާޑުކިޔުންތަކަށް އެ މަނިކުފާނު ރައްދު ދެއްވައިފިއެވެ.

މިސްރުގައި ބޭއްވި ކޮޕް ސަމިޓުގައި ސްރީލަންކާ ތަމްސީލުކުރެއްވުމަށް ނަޝީދު ވަޑައިގަތުމުން، އެކަމަކީ މަޖިލިސް ރައީސް ކަމުގައި ހުންނަވައިގެން ކުރައްވައިގެން ނުވާނެ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ފާޑުކިޔައިފައެވެ.

މިއަދު ބޭއްވި އާސްކް ސްޕީކާގެ ހަ ވަނަ ޕްރޮގްރާމުގައި މީހަކު ވަނީ އެ ފާޑުކިޔުންތަކާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ބައިނަލްއަގުވާމީ މީހެއް ކަމަށެވެ.

އާސްކް ސްޕީކާގެ ހަ ވަނަ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

"އަޅުގަނޑު ދިވެހިރާއްޖެ ދެކެ ވަރަށް ލޯބިވޭ. އަބަދުވެސް އެދެނީ ގައުމަށް ހެޔޮ ގޮތް ވުމަށް. އޭގެ މާނައެއް ނޫން އަވައްޓެރި ގައުމުތަކުން ކަމަކަށް އެދުނީމަ އެކަމާ އަޅާނުލާށެކޭ. ހާއްސަކޮށް އަޅުގަނޑަށް ކޮށްދެވޭ ކަމެއް ވަންޏާ އެކަމެއް ކޮށްދިނުމަކީ ބޭނުންތެރި ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ހުންނެވި މަގާމުގެ ގޮތުން އެމަނިކުފާނު ބައްލަވަން ޖެހޭނީ ގާނޫނު އަސާސީއިން އެބާވަތުގެ ކަންކަމަށް ތަންދޭ މިންވަރެވެ. އަދި މަޖިލީހުގައި އެކަންކަން ބަައްލަވަން ޚާއްސަ ބޭފުޅެއް ކައުންސިލާ ޖެނެރަލްގެ ނަމުގައި ހުންނަވާ ކަމަށާއި ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރާނަމަ އެކަން އޭނާއަށް އެނގިލައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މިފަހަރުގެ ކޮޕް ސަމިޓުގައި ނަޝީދު ލަންކާ ތަމްސީލުކުރެއްވުމުން އެމަނިކުފާނު މަޖިލީހުގެ މެމްބަރު ކަމުން ވަކި ކުރުމަށް އެދި ގާނޫނީ ވަކީލް އަހްމަދު ތާލިބް ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅާފައެވެ.

https://sun.mv/170188

އެ މައްސަލައިގައި ބުނެފައިވަނީ, ދިވެހި ދައުލަތުގެ މަސްލަހަތަށް ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލްކުރުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ޚިލާފް ކަމެއް ކަމަށެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އާސްކް ސްޕީކާގެ ހަ ވަނަ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އެހެންކަމުން ނަޝީދުގެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއްކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މެންބަރު ކަމުގެ ގާނޫނީ ޝަރުއީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށް ތާލިބް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.

ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްފައެވެ.

https://sun.mv/170399

ރައީސް ނަޝީދު ލަންކާ ތަމްސީލްކުރެއްވުމަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައިވެސް ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ.

މީގެ އިތުރުން އެމްޑީޕީ ތެރޭގައި މި މައްސަލަ ބޮޑުވެ ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރާ ފެކްޝަންގެ މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ.

comment ކޮމެންޓް