ޕޯޗުގަލްގެ މިއަދުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވޭ

ކްރިސްޓިއާނޯ ރޮނާލްޑޯ --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލްއިން ކުޅޭ ފަހު މެޗަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުން މިއަދު ބޭއްވި ފަރިތަކުރުންތަކުގައި، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިވެރި ނުވާކަން ހާމަވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް މާދަމާރޭ 20:00ގައި ނުކުންނާނީ ސައުތު ކޮރެއާއާ ދެކޮޅަށެވެ.

ރިޕޯޓުތައް ބުނާގޮތުން ޕޯޗުގަލްއިން މިއަދު ބޭއްވި ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވާއިރު، އޭނާ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ވަކިންނެވެ.

ރޮނާލްޑޯ ވަކިން ފަރިތަކުރިއިރު، މިއީ އޭނާއަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ޓެއިލާ މޭޑް ޕްލޭން"އެއްގެ ދަށުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕޯޗުގަލްގެ ކުޅުންތެރިންގެ މެދުގައި އަނިޔާގެ ގިނަ މައްސަލަތަކެއް އުޅުނު ނަމަވެސް، ރޮނާލްޑޯގެ އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށް ޓީމުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޕޯޗުގަލްއިން މިހާތަނަށް ގްރޫޕް ސްޓޭޖުގައި ދެ މެޗެއް ކުޅެފައިވާއިރު އެ ދެ މެޗުން ވެސް އެޓީމު ވަނީ މޮޅުވެފައެވެ. އެއީ ފުރަތަމަ މެޗުގައި ގާނާ އަތުން ހޯދި މޮޅާއި ދެވަނަ މެޗުގައި އުރުގުއާއި އަތުންވީ މޮޅެވެ.

މިއާއެކު ޕޯޗުގަލްއިން ތިން ވަނަ މެޗަށް ނުކުންނައިރު ވެސް އެ ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16ގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ. މާދަމާ ރޭގެ މެޗަށް އެޓީމު ނުކުންނާނީ ހަމައެކަނި ތާވަލުގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރުމުގެ އަޒުމުގައެވެ.

މާދަމާ ރޭގެ މެޗު އެއްވަރު ވިޔަސް އަދި މެޗުން ބަލިވި ނަމަވެސް ޕޯޗުގަލްއަށް އެ ފުރުސަތު އެބައޮތެވެ. މެޗުން ބަލިވި ނަމަވެސް، މި ގުރޫޕުގައި ދެން ކުޅޭ މެޗުގައި ގާނާއަށް އަދި އުރުގުއާއިއަށްވެސް ގިނަ ލަނޑުތަކެއް ނުޖެހިއްޖެ ނަމަ ޕޯޗުގަލްއަށް އެއްވަނަ ލިބޭނެއެވެ.

ޕޯޗުގަލްއިން ބޭއްވި ޓީމު ފަރިތަކުރުންތަކުގައި ބައިވެރިނުވެ ރޮނާލްޑޯ ވަކިން ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު، މީގެކުރިން ވެސް ރޮނާލްޑޯ ބައެއް ފަހަރު ޓީމާ ވަކިން ފަރިތަކޮށްފައިވެއެވެ. އެއީ އޭނާއަށް ޚާއްސަކޮށް ހަދާފައިވާ މިފަދަ "ޓެއިލާ މޭޑް ޕްލޭން"އެއްގެ ދަށުން މަސައްކަތް ކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް