ބަރުލަމާނީ ވައުދަކީ އެމްޑީޕީގެ އެންމެ ބޮޑު ވައުދު، އެ ވައުދު ނުފުއްދޭ: ނަޝީދު

އާސްކް ސްޕީކާގެ ހަ ވަނަ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އެމްޑީޕީން އެ ޕާޓީގެ މެންބަރުން ގާތުގައި 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށާއި ނަމަވެސް އެ ވައުދު ނުފުއްދޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި "އާސްކް ސްޕީކާ"ގެ ހަ ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމެރީއެއް ބާއްވަން ނިންމާފައިވާއިރު އެންމެ ފަހުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން އެކުލަވައިލި މެނިފެސްޓޯގައި ހުރި ކަންކަމާމެދު ވިސްނާލަން ޖެހޭ ކަމަށެވެ.

އެގޮތުން މެނިފެސްޓޯގައި ހުރި ވަރަށް ގިނަ ކަންކަން ވަމުން ދިޔަ ނަމަވެސް އެމްޑީޕީން އެ ޕާޓީގެ މެންބަރުން ގާތުގައި 2018 ވަނަ އަހަރަށް ވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްދޭނެ ކަމަށް ވީ ވައުދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އެ ވައުދު ފުއްދައިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މެނިފެސްޓޯގެ 98 ވަނަ ސަފްހާގަ އެބައޮތް ގާނޫނު އަސާސީ އިސްލާހު ކުރުމަށްފަހުގައި އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލީހުގެ ތެރެއިންނޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް ބުނެފައިވާއިރު އެ ބަދަލާއެކު ސަރުކާރުގެ މަތިބަރުކަން މާ ބޮޑަށް ކުޑަ ކުރެވޭނެއެވެ. އަދި ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ކުޑަވެ ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް މެނިފެސްޓޯގައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ގަނޫނު އަސާސީ އިސްލާހުކޮށް ތަސްދީގު ކުރެވުމަށްފަހު، އާ ގާނޫނު އަސާސީގައި ބަޔާންކުރާ ރައީސުލްޖުމްހޫރިއްޔާއަށް ގުޅިފައިވާ ޕާޓީތަކުގެ ރައީސް ބަދަލުވާނެ ކަމަށް ވެސް އެ މެނިފެސްޓޯގައިވާ ކަމަށާއި އެއީ މިހާރު ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ކަމަށް ނަޝިދު ވިދާޅުވިއެވެ.

މީގެ އިތުރުން ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގާނީ އެންމެ ގިނަ މަޖިލީހުގެ މެންބަރުންގެ ގޮނޑި ހިމެނޭ ޕާޓީއަކުން ނުވަތަ ޕާޓީތަކަކުން ކަމަށް ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް އެމްޑީޕީ މެންބަރުން ގާތުގައި އަޅުގަނޑުމެން ބުނެފައި މިއޮތީ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް. އެއީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި،" އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރަށް ޕްރޮގްރާމު ނިންމާލަމުން ވެސް އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ވެސް 2018 ވަނަ އަހަރު ތާއީދު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަން ނަޝީދު ފިޔަވާ އެހެން ހުރިހާ ސިޔާސީ ލީޑަރުން މިހާރު ދެކޮޅު ހައްދަވައެވެ.

https://sun.mv/167342

ހަމައެއާއެކު އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު، ފައްޔާޒު އިސްމާއީލާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ބަރުލަމާނީ ނިޒާމާ މުޅިން ދެކޮޅުކަން ހާމަކުރައްވާފައެވެ.

ނަޝީދު ފާހަގަކޮށްލެވެނީ އަބަދުވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ނަޝީދު ވަނީ އެކަން އެކި ޕްލެޓްފޯމުތަކުގައި ހާމަކުރައްވާފައެވެ.

އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ބޭނުންފުޅު ވާކަން ރައީސްއަށް ދަންނަވާފައެވެ. އަދި ބޮޑުވަޒީރަކަށް ވާން ތައްޔާރަށް ހުންނެވިކަން ހާމަ ކުރެއްވިއެވެ.

ހަމައެއާއެކު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް މި އަހަރުގެ އޮގަސްޓު މަހު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުމަށް ނިންމުމަށްފަހު އެ ގަރާރު ހުށަހެޅުން މަޑުޖައްސާލުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

https://sun.mv/167471

އެ ގަރާރު ހުށަހެޅުން މަޑުޖައްސާލުމަށް ނިންމެވުމުގެ ކުރިން ރައީސް ޞާލިހު ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ނަޝީދަށް ގޮވާލައްވައިފައެވެ. ރައީސް ވިދާޅުވީ, ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން މިއީ އެފަދަ ވޯޓެއް ނަގައި ނިޒާމް ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފިނަމަ 100 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ނަޝީދު މިހާރުވެސް ބޭނުންވެލައްވާއިރު އެމްޑީޕީން ބުނެފައިވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމެރީ އަކުން ކަމަށް ބުނެފައެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެ ކަމަށް ބުނެފައެވެ. އަދި މި މަހުގެ ތެރޭގައި ގދ. ތިނަދޫގައި އެމަނިކުފާނުގެ ކެންޕޭން ފަށަން ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް