ދަނޑު ފޯރިއާ ނުލައި ވޯލްޑް ކަޕް ފޫހިތަ؟

ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތްތައް ކުރިއަށްދާ ދުވަސްވަރެއްގައި، ގައުމީ ޓީވީން އެ މުބާރާތަކުގެ ކަވަރޭޖް ގެނެސްދޭއިރު އެންމެ ގިނަ ބަޔަކު ޝައުގުވެރިވާ އެއް ސެގްމެންޓަކީ ދަނޑުފޯރިއެވެ.

ދަނޑުފޯރި އަކީ މުބާރާތުގައި ކުޅޭ މެޗުތަކުގެ ބައެއް މަންޒަރުތަކަށް އަޑު އަޅައި، ހެއްވާ މަޖާ ގޮތަކަށް އެ މަންޒަރުތައް ގެނެސްދޭ ސެގްމެންޓެކެވެ. ކުޅުންތެރިންނާއި ކޯޗުންގެ ހަރަކާތްތަކަށް އަޑުއަޅާފައި ހުންނަނީ ހީހީ ހަލާކުވާ ގޮތަށެވެ.

އެހެން ގައުމުތަކުގެ ޗެނަލްތަކުން މެޗު ބެލި ނަމަވެސް، ދަނޑު ފޯރި ބެލުމަށްޓަކައި ހާފް ޓައިމުގައި "ޓީވީއެމް" އަށް ޗެނަލް ބަދަލުކޮށްލާ މީހުން ގިނައެވެ.

ގަތަރުގައި މިހާރު ކުރިއަށް ދާ ފީފާ ވޯލްޑް ކަޕް 2022 ގެ މެޗުތައް ރާއްޖޭގެ ތިން ޗެނަލަކުން ގެނެސްދެއެވެ. މުބާރާތުގެ ރާއްޖޭގެ ބްރޯޑްކާސްޓިންގް ރައިޓްސް އެއް މިލިއަން ޑޮލަރުގެ އަގަކަށް ގަތީ މީޑިއާނެޓުންނެވެ. މީޑިއާނެޓުން ވަނީ އެ ކުންފުނިން ހިންގާ އައިސް ޓީވީ އާއި ރާއްޖެ ޓީވީ އަށް ވެސް ރައިޓްސް ވިއްކާފައެވެ.

ދެން މެޗުތައް ދައްކަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޗެނަލް ޔެސް ޓީވީ އިންނެވެ.

ޔެސް ޓީވީން ވޯލްޑް ކަޕުގެ ކަވަރޭޖް ގެނެސްދޭ ގޮތް ފުރިހަމައެވެ. ދާއިރާގެ ތަޖުރިބާކާރު އެނަލިސްޓުންގެ ޓީމަކާއެކު، ޕްރީ މެޗް އަދި ޕޯސްޓް މެޗް ޝޯތަކެއް ޔެސް ޓީވީން ގެނެސްދެއެވެ.

ޕީއެސްއެމްގެ ވޯލްޑް ކަޕް ކަވަރޭޖުގެ ތެރެއިން -- ފޮޓޯ/ ފޭސްބުކް

އެހެންނަމަވެސް މި ކަވަރޭޖުގެ ތެރެއިން މިފަހަރު ދަނޑުފޯރި ނުފެންނައިރު، އެއީ ކީއްވެގެންތޯ ގިނަ ބަޔަކު މީސްމީޑިއާ މެދުވެރިކޮށް ސުވާލު ކުރެއެވެ.

މިކަމުގެ މައުލޫމާތު ހޯދުމަށް "ސަން" އިން ގުޅާލުމުން ޕީއެސްއެމްގެ ސްޕޯޓްސް ޕްރޮޑިއުސަރަކު ބުނީ، ޕީއެސްއެމް އިން މި ފަހަރުވެސް ބެލުންތެރިންނާ ހަމައަށް ދަނޑުފޯރި ގެނެސްދިނުމަށް ވިސްނައި އެކަމަށް މަސައްކަތް ކުރި ކަމަށެވެ.

އެހެންނަމަވެސް އެކަން ކާމިޔާބު ނުވީ، އެކަމަށްޓަކައި ފީފާއިން ހޯދަން ޖެހޭ އިމޭޖް ރައިޓްސް ނުލިބުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މެޗުތަކުގެ ވީޑިއޯއަށް އެއްވެސް އުނިއިތުރެއް ގެނައުން، ފީފާއިން ވަނީ މަނާކޮށްފައެވެ.

އެ ހުއްދަ ލިބުނު ނަމަ އެކަން ކުރާނެ ކަމަށާއި އެކަމަށް ގާބިލް، އެކަން ކުރެވޭ ވަރުގެ ޓީމެއް މިހާރު ވެސް ޕީއެސްއެމްގައި އެބައޮތް ކަމަށް "ސަން" އާ ވާހަކަދެއްކި ޕީއެސްއެމްގެ ސްޕޯޓްސް ޕްރޮޑިއުސަރު ބުންޏެވެ.

ފުރަތަމަ ފަހަރަށް މެދު އިރުމަތީގެ ގައުމެއްގައި ކުޅޭ ފީފާ ވޯލްޑް ކަޕް މުބާރާތް ގަތަރުގައި ފެށީ ހުސްވި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މުބާރާތް ނިމޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ތިރީސް ދެ ގައުމެއްގެ މެދުގައި ކުޅޭ މި ޝަރަފުވެރި މުބާރާތަކީ، އެ މުބާރާތަކަށް އަބަދުވެސް ދިވެހިން އިންތިޒާރު ކުރާ، އެ މުބާރާތަކަށް އެތައް ދުވަހެއް ކުރިން ތައްޔާރުވާ މުބާރާތެކެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ބެލުމަށްވެސް މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް އެކި ސަރަހައްދު ތަކުގައި ހާއްސަ މަރުކަޒުތައް ގާއިމްކޮށް، ބޮޑު ސްކްރީން ވެސް ބަހައްޓާފަ އެބަހުއްޓެވެ. މިފަހަރު އޮތް ހަމަ އެކަނި ފަޅުކަމަކީ ދަނޑުފޯރިއެވެ.

comment ކޮމެންޓް